އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ރާއްޖެ އައި އިންޑިއާގެ މުދާ އުފުލާ ބޯޓަކުން 2.195 ކިލޯގެ ހެރޮއިން ކަމަށް ބެލެވޭ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

ސްޕްރިންޓެންޑެންޓް އޮފް ކަސްޓަމްސް އަހުމަދު ނިޔާޒު މިއަދު ސަންއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ "އެމްއެސްވީ މާރިޔާ ޖެނެމަލް" ނަމަކަށް ކިޔާ މިބޯޓަކީ އިންޑިއާާއިން ތަރުކާރީއާއި މޭވާ ފަަދަ އެއްޗެހި ބަރުކޮށްގެން މިމަހުގެ 17 ވަނަ ދުވަހު ރާއްޖެ އައިސްފައިވާ ބޯޓެއް ކަމަށާއި އެބޯޓު ކަސްޓަމްސް އިން މިއަދު އަތުލައިގެންފައިވަނީ ކަސްޓަމްސް އިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

ބޯޓުގެ ކެޕްޓަނާ އެކު އަށް ފަޅުވެރިންގެ އިތުރުން ބޯޓު ވެސް މިވަގުތު އޮތީ ކަސްްޓަމްސްގެ ބެލުމުގެ ދަށުގައި ކަމަށާއި އެބޯޓާ ފަޅުވެރިންނާއި ބޯޓު ވަރަށް އަވަހަށް ފުލުހުންނާ ހަވާލުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެބޯޓަކީ ތަރުކާރީއާ މިފަދަ އެއްޗެހި އުފުލާ ބޯޓެއް، ބޯޓުގައި ތިބީ ހުސް އިންޑިއާގެ ރައްޔިތުން، މިވަގުތު އެމީހުންނާ ބޯޓު ވެސް އޮތީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި، ވަރަށް އަވަހަށް މިމައްސަލަ ބެލުމަށް ފުލުހުންނާ އެމީހުންނާ އެކު ބޯޓު ހަވާލުކުރާނަން،" ނިޔާޒު ވިދާޅުވި އެވެ.