މިއަދު ހެނދުނު ނުވައެއް ޖަހާއިރު ފެށުމަށް ހަމަޖެހިފައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކޯރަމް ހަމަނުވެގެން 9:30 އަށް ފަސްކޮށްފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ޖަލްސާ ފަސްކުރެއްވީ ފަސް މިނިޓްގެ ރަނގަބީލު ޖެއްސެވުމުން ވެސް ކޯރަމް ހަމަވެފައި ނުވާތީ، 9:05 ހާކަންހާއިރު އެވެ.


ރައްޔިތުންގެ މަޖިލީހުގެ ކޯރަމަކީ 20 އެވެ. ޖަލްސާގައި އޭރު ތިއްބެވީ 17 މެންބަރުންނެވެ.


މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފައި ވަނީ އޮޑިޓާ ޖެނެރަލްގެ މަގާމަށް ސަރުކާރުން ހުށަހަޅާފައިވާ އަލީ ރަޝީދު އުމަރާ ބެހޭ ކޮމެޓީގެ ރިޕޯޓް އިއްވުމާއި އޭނާ އާ ބެހޭ ގޮތުން ގޮތެއް ނިންމުމެވެ.


އޮޑިޓާ ޖެނެރަލާ ބެހޭ ގޮތުން ގޮތެއް ނިންމުމުގެ އިތުރަށް މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލައްވާފައިވާ ބައެއް ގާނޫނުތައް ހިމެނެ އެވެ. އަދި އޭގެ އިތުރަށް ސަލާމަތާ ބެހޭ ހިދުމަތްތަކާ ބެހޭ ކޮމެޓީ އަށް ސަރުކާރުގެ ބައެއް ބޭފުޅުން ހާޒިރުނުވާ މައްސަލަ ވެސް ހިމެނެ އެވެ.