23 Feb 2013, 18:40
ނޫސްވެރިންނަށް ހަމަލާދިން ފަރާތްތައް ހޯދައި އަދުލު އިންސާފުގެ ކުރިމައްޗަށް ގެނެސް ގާނޫނީ ގޮތުން ދޭންޖެހޭ ހައްގު އަދަބު އެފަރާތްތަކަށް ދިނުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް ވީހާ ވެސް އަވަހަށް ކުރުމަށް ކަމާ ބެހޭ މުއައްސަސާތަކަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވާލައިފި އެވެ.
މާލޭގެ ދެ ސަރަހައްދުން ރޭ ނޫސްވެރިންނަށް ހަމަލާދީ، އެކަކު ވަރަށް ބޮޑަށް ޒަހަމްކޮށްލި ހާދިސާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެޗްއާރްސީއެމުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނަނީ ރާއްޖެ ޓީވީގެ ނޫސްވެރިޔާ އިބްރާހިމް ވަހީދު (އަސްވާޑު) ޒަހަމްކޮށްލައި، ޓީވީއެމްގެ ދެ ނޫސްވެރިން ކަމަށްވާ އައިޝަތު ލީޒާއި އައިމިނަތު ސާނީ އަށް ދިން އަނިޔާވެރި ހަމަލާ އާއި މީގެ ކުރިން ވީޓީވީގެ ދެ ނޫސްވެރިންނަށް ދިން ހަމަލާއަކީ މިނިވަން ނޫސްވެރިކަމާ ދެކޮޅަށް ދީފައިވާ ހަމަލާއެއް ކަމަށެވެ.
"ނޫސްވެރިކަމުގެ މިނިވަންކަމާއި ގާނޫނު އަސާސީންނާއި ދިވެހި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުން ނޫސްވެރިންނާ ކަށަވަރުކޮށްދޭ ހައްގުތަކަށް އަރައިގަނެ، މިނިވަން ނޫސްވެރިކަމާ ދެކޮޅަށް ދީފައިވާ ހަމަލާއެއް ކަމުގައި މި ކޮމިޝަނުން ދެކެމެވެ،" ނޫސްބަޔާނުގައިވެ އެވެ.
މިހާރުގެ ސަރުކާރަށާއި ސިޔާސީ ޕާޓީތަކަށާއި ދިވެހި ރައްޔިތުންނަށް އެޗްއާރްސީއެމުން ގޮވާލާފައި ވަނީ އެއްވެސް ބިރުވެރިކަމެއް ނެތި ނޫސްވެރިންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކޮށްދީ މުޖުމައުގެ ރައްކާތެރިކަން ހުރިހާ އެންމެންނަށް ކަށަވަރުކޮށްދިނުމަށެވެ.