23 Feb 2013, 18:39
ސައިކަލެއްގައި ދަނިކޮށް، ދަގަނޑު ބުރިއަކުން ޖަހައި ޒަހަމްކޮށްލުމާ ގުޅިގެން ސްރީލަންކާގެ ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދާ ރާއްޖޭ ޓީވީގެ ނޫސްވެރިޔާ އިބްރާހިމް ވަހީދު (އަސްވާޑް) އަދިވެސް ހޭނާރާ ކަމަށާއި އޭނާގެ ހާލަތު ނާޒުކު ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ރާއްޖެ ޓީވީން ބުނެފި އެވެ.
މިވަގުތު ލަންކާގައި ހުންނެވި ރާއްޖެޓީވީގެ ޗެއާމަން އަކްރަމްކަމާލުއްދީން ސަންއަށް ފޯނުން ދެއްވި އިންޓަވިއެއްގައި މިއަދު ވިދާޅުވީ އަސްވާޑަށް ރޭ ބަޔަކު ގަސްދުގައި ދަނގަޑު ބުރިއަކުން ދިން ހަމަލާގައި އޭނާގެ ބޮލުގެ ހަތަރުތަކެއް ފަޅައިގެންގޮސްފައިވާ ކަމަށެވެ. އަދި އޭޑީކޭއިން އޭނާ ބެއްލެވި ޑޮކްޓަރުން ވެސް ވިދާޅުވެފައިވާ ފަދައިން އެ ހަމަލާގެ ސަބަބުން އޭނާގެ ސިކުނޑިއަށް ލޭ އަރާފައިވާ ކަމަށް ލަންކާގެ ޑޮކްޓަރުން ވެސް ބުނެފައިވާ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.
އަސްވާޑްގެ އޮޕަރޭޝަނެއް ކުރުމާ މެދު ގޮތެއް ނިންމާނީ 24 ގަޑިއިރު އޭނާގެ ހާލަތު ބެލުމަށްފަހު ކަމަށް ލަންކާގެ ޑޮކްޓަރުންނާ ހަވާލާދީ އަކްރަމް ވިދާޅުވި އެވެ.
"އަސްވާޑު މިވަގުތު ވެސް އޮތީ ވަރަށް 'ކްރިޓިކަލް' ސްޓޭޖެއްގައި، މިކޮޅަށް ގެނައި ފަހުން އަދި އެއްވެސް އޮޕަރޭޝަނެއް ނުކުރޭ، ޑޮކްޓަރުން ވިދާޅުވީ އޮޕަރޭޝަނެއް ކުރާނީ އޭނާގެ ސިޓުއޭޝަން 24 ގަޑިއިރު ބެލުމަށްފަހު ކަމަށް،" އަކްރަމް ވިދާޅުވި އެވެ.
އަސްވާޑަށް ރޭ ދަންވަރު 1:15 އެހާކަންހާއިރު ހަމަލާދީފައި ވަނީ ރާއްޖެޓީވީގެ ސީއީއޯ އަބްދުﷲ ޔާމިންއާއެކު ބޮޑުތަކުރުފާނު މަގު އާޓްފިޝަލް ބީޗު ސަރަހައްދުން ސައިކަލެއްގައި ދަނިކޮށެވެ. ޔާމިން ވިދާޅުވީ އަސްވާޑަށް ހަމަލާދިނީ ކޮން ބައެއް ކަމެއް ނޭނގޭ ކަމަށާއި ދަގަނޑު ބުރިއަކުން އަސްވާޑަށް އަނިޔާވެރިކޮށް ހަމަލާދިނުމަށްފަހު އެ މީހުން ފިލާފައިވާ ކަމަށެވެ. ފުލުހުންނަށް ރޭ އެ މައުލޫމާތު ލިބުމާއެކު، އެ ސަރަހައްދުން އަސްވާޑު ނަގައިގެން ހޮސްޕިޓަލަށް އޭނާ ގެންދިޔައީ ފުލުހުންނެވެ.
ފުލުހުން ބުނީ ރޭ ނޫސްވެރިންނަށް ދިން ހަމަލާދިން ފަރާތްތައް ހޯދުމަށް އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވެ އެވެ.
އަނިޔާވެރި ހަމަލާއެއް އަސްވާޑަށް ދީފައިވާއިރު، ރޭގެ އެމްޑީޕީން ކުރި މުޒާހަރާގެ ތެރެއިން ޓީވީއެމްގެ ދެ ނޫސްވެރިންގެ ގަޔަށް ބަޔަކު ވަނީ ތިނަރު ޖަހާފަ އެވެ. ނޫސްވެރިންނަށް ދިން ހަމަލާތައް ދައުލަތުގެ މުއައްސައްސާތަކުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.