23 Feb 2013, 18:36
ރޭ މާލޭގައި ތިން ނޫސްވެރިއަކަށް ދިން ހަމަލާތައް ރާއްޖޭގެ ހާރިޖިއްޔާ އިން ކުށްވެރިކޮށްފި އެވެ. ރާއްޖޭގެ ހާރިޖީ ވަޒީރު ޑރ. އަބްދުއްސަމަދު އަބްދުﷲ ވިދާޅުވެފައި ވަނީ ނޫސްވެރިންނަށް ދިން ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.
"ރޭ ތިން ނޫސްވެރިޔަކަށް ދިން ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. ހާއްސަކޮށް ރާއްޖެ ޓީވީގެ ރިޕޯޓަރަށް ދެވުނު އަނިޔާވެރި ހަމަލާ ވަރަށް ބޮޑަށް ކުށްވެރި ކުރަން. ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ އިންނާއި އަދި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާތަކުން ކަށަވަރުކޮށްދީފައިވާ ހައްގެއް،" ކަމަށް ހާރިޖީ ވަޒީރު ވިދާޅުވެފައިވެ އެވެ.
ފޮރިން މިނިސްޓަރު އިތުރަށް ވިދާޅުވެފައި ވަނީ "ނޫސްވެރިންނަށް އެބައި މީހުންގެ ޕްރޮފެޝަނަލް ޑިއުޓީ އޭގެ އެންމެ ފުޅާމިނުގައި އަދާކުރުމުގެ ފުރުސަތު ލިބިދޭން ޖެހޭނެ. އަދި ނޫސްވެރިންގެ ވާޖިބަށް ހުރަސްއެޅޭ އެއްވެސް ކަމަކީ ތަހައްމަލު ކުރެވޭނެ ކަމެއް ނޫން،" ކަމަށާއި "ރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާކުރެވޭ ފަދަ ސިޔާސީ މަޝަރަހެއް ގާއިމްކޮށްދެއްވުމަށް ކަމާ ބެހޭ ހުރިހާ ފަރާތްތަކަށް ގޮވާ" ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ފޮރިން މިނިސްޓަރު އިތުރަށް ވިދާޅުވެފައި ވަނީ ނޫސްވެރިންނަށް އެއްވެސް ހުރަހަކާނުލައި މިނިވަންކަމާ އެކު ޒިންމާދާރު ނޫސްވެރިކަމެއް ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދޭން ޖެހޭނެ ކަމަށާއި ދިމިގުރާތީ މުޖްތަމައު އެއްގައި މިފަދަ އާދައިގެ ހަމަތަކަށް ވުރެ ދަށަށް ވެއްޓިގެން ނުވާނޭ ކަމަށެވެ.