ރާއްޖެ ޓީވީގެ ނޫސްވެރިޔާ އިބްރާހީމް ވަހީދު (އަސްވާޑް) އަށް ހަމަލާދިން މީހުން ހޯދުމަށް ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ އަސްވާޑަށް ހަމަލާދިން މީހުން ހޯދުމަށް ފުލުހުން ކުރިއަށް ގެންދާ މަސައްކަތަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

އަސްވާޑަށް ހަމަލާދިން މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ނުވަތަ އެކަމާ ގުޅޭ ފޮޓޯ އަދި ވީޑިއޯއެއް ލިބިފައިވާ ފަރާތެއްވާ ނަމަ ވީއެންމެ އަވަހަކަށް ފުލުހުންނާ ހިއްސާ ކުރުމަކީ ފުލުހުންގެ ވަރަށް ބޮޑު އެދުމެއް ކަމަށް ފުލުހުން ބުންޏެވެ. އަދި އަސްވާޑަށް ހަމަލާދިން މީހުންނާ ބެހޭ މައުލޫމާތު ފުލުހުންނާ ހިއްސާކުރާ ފަރާތްތަކަށް ލިބިދޭން ޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"މި ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ފޮޓޯ އަދި ވީޑިއޯއެއް ލިބިލައްވާފައިވާ ފަރާތެއްވާ ނަމަ ވީއެންމެ އަވަހަކަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓްގެ ނަންބަރު 9911099 ނުވަތަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި މަޢުލޫމާތު ޙިއްސާ ކުރެއްވުން އެދެމެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

ރޭ ދަންވަރުގެ ވަގުތެއްގައި އާޓިފިޝަލް ބީޗު ސަރަހައްދުން ބަޔަކު ދިން ހަމަލާތަކެއްގައި ސީރިޔަސް އަނިޔާތަކެއް ލިބުމުން އިތުރު ފަރުވާ ދިނުމަށް އޭނާ މިއަދު ހެނދުނު ވަނީ ލަންކާ އަށް ގެންގޮސްފަ އެވެ.