ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުމަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަން އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އޮތް ގުޅުމަށް އެއްވެސް ބަދަލެއް އައިސްފައި ނުވިނަމަވެސް ދެ ގައުމަށް އެއްބަސްނުވެވޭ ބައެއް ކަންކަން ހުންނަ ކަމަށެވެ. އަދި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އެއްބަސް ނުވެވޭ ކަންކަމުގައި ދެ ސަރުކާރަށް ވެސް އޮމާންކަމާ އެކު ކުރިއަށް އޮތްތާގައި އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރާގޮތުގައި އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު އޮތް ގުޅުން އިހުގައި އޮތް މިންވަރަށް އެބައޮތް. އެ ގުޅުމުގައި ދެފަރާތުން ބައެއް ފަހަރަށް އެއްބަސް ނުވެވޭ ކަންކަން ހުންނަނީ. އަޅުގަނޑު ދެކޭގޮތުގައި އެކަންކަން އެއްބަސްވެވޭނެ ހަމައަކަށް އޮމާން ކަމަކަށް ދެ ސަރުކާރުން ވެސް އެއްބަސްވެގެން އާދެވޭނެ،" ނަޝީދު ވިދާޅުވި އެވެ.


ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ކުރާ ދައުވާއާ ގުޅޭގޮތުން ސުވާލު ދެންނެވުމުން އެ ސުވާލަށް ޖަވާބު ނުދެއްވައި ވިދާޅުވީ މިހާރު މަސައްކަތް ކުރައްވަން ބޭނުންވަނީ ކުރިއަށް އިތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ކަމަށެވެ. އަދި ރިޔާސީ ކެންޕޭންގެ ކަންތައް ވަރަށް ބާރަށް ކުރިއަށް ގެންދަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވޭނެ ކަމަށާއި އެމަނިކުފާނުގެ ލީޑަރު ކަމުގެ ދަށުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި އެމްޑީޕީން އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށެވެ. އަދި އެމަނިކުފާނަށް ބައިވެރިވެވަޑައިނުގެންނެވޭ ރިޔާސީ އިންތިހާބެއްގައި އެމްޑީޕީން ވެސް ބައިވެރިނުވާން އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމައިފައިވާ ކަމަށް ވެސް ރައީސް ނަޝިދު ވިދާޅުވިއެވެ.