23 Feb 2013, 16:12
ރާއްޖޭގައި މިފަހަކަށް އައިސް ނޫސްވެރިންނަށް ދެމުންގެންދާ ހަމަލާތައް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ކުށްވެރިކޮށްފި އެވެ.
އެމްޑީއޭގެ ސްޕޯކްސް ޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ވިދާޅުވީ އެންމެ އަގު ބޮޑު އެއްޗަކީ އިންސާނީ ކަރާމާތްކަމަށާއި ކިތަންމެ ބޮޑަށް ޚިޔާލު ތަފާތު ވިޔަސް އެއް އިންސާނަކަށް ގެއްލުން ލިބޭ ކަމެއް އަނެއް އިންސާނަކަށް ކުރެވިގެންވާނެ ކަމަށް އެ ޕާޓީން ގަބޫލު ނުކުރާ ކަމަށެވެ.
އާމިރު ވިދާޅުވީ އެކި މީހުންގެ ޚިޔާލާއި އެކި މީހުން ލިޔާ ލިޔުންތަކަކީ ވެސް ތަފާތު ވާނެ އެއްޗެއް ކަމަށާއި އެފަދަ ކޮންމެ ވަގުތަކު ގޮށްމުށުގެ ބާރުންނާއި ހަތިޔާރުގެ ބޭނުންކޮށްގެން ޖަޒުބާތީ ބަދަލު ހިފުމުގެ ރޫހެއްގައި އެކަކު އަނެކަކަށް ހަމަލަ ދިނުމަކީ އެޕާޓީން ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށެވެ.
"ޚިޔާލަކީ ތަފާތު އެއްޗެއް. ލިޔާ ލިޔުންތަކަކީ ވެސް ތަފާތު އެއްޗެއް. އެކި ބޭފުޅުން އެކިބޭފުޅުންނަށް ފެންނަގޮތަށް ކަންތައްތައް ބަޔާން ކުރަމުން ދާނީ. އެކަންކަމުގައި ހިތްހަމަނުޖެހުންތަކެއް ހުރިނަމަ އެކަން އަޅުގަނޑުމެން ފާހަގަކުރާން ޖެހޭނީ ގޮށްމުށަކުންނެއް ނޫން. އަދި ހަތިޔާރަކުން ކަމަކަށް ވެސް އަޅުގަނޑުމެން ނުދެކެން. މިއަދު މި ގައުމުގައި މި ހިނގާ އެންމެހައި ނޭދެވޭ ކަންތައްތައް އެމްޑީއޭގެ ފަރާތުން ކުށްވެރި ކުރަން،" އާމިރު ވިދާޅުވި އެވެ.
މިފަހަކަށް އައިސް ނޫސްވެރިންނަށް ހަމަލާދިނުން ރާއްޖޭގައި މިވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން ރޭ އާޓިފިޝަލް ބީޗް ސަރަހައްދުން ސައިކަލެއްގައި ދަނިކޮށް ރާއްޖެ ޓީވީގެ ރިޕޯޓަރު އިބްރާހިމް ވަހީދު (އަސްވާޑު) އަށް ވަނީ ދަގަނޑު ބުރިއަކުން ހަމަލާދީ ޒަޚަމްކޮށްލާފަ އެވެ. އަދި ރޭ އެމްޑީޕީން ބޭއްވި މުޒާހަރާ ކަވަރު ކުރާން ހަރަކާތްތެރިވި އެމްބީސީގެ ޑެޕިއުޓީ އެޑިޓަރު އައިޝަތު ލީޒާ އާއި ނޫސްވެރިޔާ އައިމިނަތު ސާނީއަށް އަމާޒުކޮށް ތިނަރު އުކައި ވަނީ ހަމަލާދީފަ އެވެ.
މިދިޔަ ހަފްތާގެ ތެރޭގައި އެމްޑީޕީގެ މުޒާހަރާ ކަވަރުކުރަމުން ދިޔަ ވީޓީވީގެ ޖާނަލިސްޓް ރިޟްވާން މޫސާގެ ގައިގައި ދަގަނޑު ބުރިއަކުން ޖަހައި ވަނީ ހަމަލާދީފަ އެވެ.