ނޫސްވެރީންނާ ދެކޮޅަށް ދޭ ހަމަލަތައް ކުށްވެރިކުރުމުގެ ގޮތުން ރާއްޖޭގެ އެކި މީޑިޔާތަކުގައި މަސައްކަތް ކުރާ ނޫސްވެރީން މާލޭގެ މަގުތަކަށް ނުކުމެ އިހުތިޖާޖުކޮށްފި އެވެ.

ނޫސްވެރީން ވަނީ "ނޫސްވެރީންނަށް އަނިޔާ ނުކުރުމަށް" ގޮވައި އަޑު އުފުލަމުންނެވެ. އަދި "ނޫސްވެރިންނަށް ހަމަލާ ދިނުން ހުއްޓައިލާ"، "ނޫސްވެރިކަމާ ނޫސްވެރިން ހިމާޔަތްކޮށް ދެއްވާ"، "އަހަރުމެން މިތާ މިތިބީ ރައްޔިތުންނަށް ހަގީގަތް އަންގަން" ފަދަ ލިޔުންތައް ލިޔެފައިވާ ކަރުދާސްތައް ހިފައިގެން ނޫސްވެރިން ވަނީ އަޑު އުފުލާފަ އެވެ.

ނޫސްވެރިނަށް ހަމަލާ ދޭ މައްސަލާގައި މީޑިއާގެ ފަރާތްތަކުން އިހުތިޖާޖު ކުރަމުން ދަނީ، ރޭގައި މާލޭގައި ކުރި މުޒާހަރާ ކަވަރުކުރަން އުޅުނު ނޫސްވެރިނަށް އަމާޒްކޮށްގެން ތިނަރު ޖަހައި، އޭގެ އިތުރުން ރާއްޖެ ޓީވީގެ ނޫސްވެރިޔާ އިބްރާހިމް ވަހީދު (އަސްވާޑް) އަށް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލުމާ ގުޅިގެންނެވެ. ތިނަރުން ދިން ހަމަލާ އަމާޒުވީ އެމްބީސީގެ ޓީވީއެމްގެ ދެ ނޫސްވެރިއަކަށެވެ.