މާލޭގައި ރޭ ނޫސްވެރިންތަކަކަށް އަމާޒުކޮށް ދިން ހަމަލާއަކީ މިނިވަން ނޫސްވެރިކަމަށާއި ޑިމޮކްރަޝީއަށް ލޯބިކުރާ މީހުންނަށް ދިން ހަމަލާއެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދުގެ އޮފީހުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ރާއްޖެ ޓީވީގެ ނޫސްވެރިޔާ އިބްރާހިމް ވަހީދު (އަސްވާޑް) އަށް އަމާޒުކޮށް ރޭ ބަޔަކު ދިން އެހަމަލާ ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އަދި ރޭ ބަޔަކު ރާއްޖެ ޓީވީގެ ނޫސްވެރިއާއަށް އަމާޒުކޮށް ދިން އެހަމަލާއަކީ ހަމައެކަނި ނޫސްވެރިއަކަށް އަމާޒުކޮށް ދިން ހަމަލާއެއް ނޫން ކަމަށާއި އެއީ ޑިމޮކްރަސީއަށާއި ނޫސްވެރިކަމުގެ މިނިވަން ކަމަށް އަމާޒުކޮށްގެން ދިން ހަމަލާއެެއް ކަމަށް ރައީސް ނަޝީދު ދެކެވަޑައިގެންނަވާ ކަމަށް އެމްޑީޕީގެ ސްޕޯކްސްޕާޝަން މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައިވެ އެވެ.

ނޫސްވެރިންނަށް ރޭ ދިން ހަމަލާތަކުގެ ތެރެއިން ފުރަތަމަ ހަމަލާ އަމާޒުވެފައި ވަނީ މާލެ ތެެރޭގައި އެމްޑީޕީން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ ސޯސަންމަގު މަޖީދިއްޔާ ކައިރީގައި ކުރިއަށް ދިޔައިރު އެސަރަހައްދުގައި މުޒާހަރާ ކަވަރުކުރަމުން ގެންދިޔަ އެމްބީސީގެ ޑެޕިއުޓީ އެޑިޓަރު އައިޝަތު ލީޒާ އާއި ނޫސްވެރިޔާ އައިމިނަތު ސާނީއަށެވެ. އެހަމަލާގައި އެ ދެ ނޫސްވެރިންގެ ގަޔަށް ބަޔަކު ވަނީ ތިނަރު ޖަހާފަ އެވެ. ދެވަނަ ހަމަލާދީފައި ވަނީ ރާއްޖެ ޓީވީގެ ނިއުސް ހެޑް ޑެޕިއުޓީ ސީއީއޯ އިބްރާހީމް ވަހީދު (އަސްވާޑު) ސައިކަލެއްގައި އާޓިފިޝަލް ބީޗުގެ ސަރަހައްދުން ދަނިކޮށެވެ. އެހަމަލާގައި ވަރަށް ރަހުމް ކުޑަ ގޮތަކަށް ބަޔަކު މީހުން ވަނީ ދަގަނޑު ބުރިއަކުން އޭނާގެ ބޮލަށް ހަމަލާދީ ބޯފަޅާލައިފަ އެވެ. އެ ހާދިސާގައި އޭނާ އަށް އިތުރަށް ފަރުވާދިނުމަށް ލަންކާއަށް ވަނީ ގެންގޮސްފަ އެވެ.

ރައީސް ނަޝީދުގެ އިތުރުން ރޭ ނޫސްވެރިންނަށް ދިން އެހަމަލާ ވަރަށް ބޮޑަށް ކުށްވެރިކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ ވިދާޅުވެފަ އެވެ. ޝާހިދު ކުރައްވާފައިވާ ޓުއިޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެ ޓީވީގެ ނޫސްވެރިޔާއަށް ދިން އެހަމާގެ ސަބަބުން އިންތިހާއަށް ހައިރާންވެ ކަންބޮޑުވެވަޑައިގެންނަވާ ކަމަަށެވެ. އަދި އެހަމަލާއަކީ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމާާއި އިންސާނީ ހައްގުތަކާ ދެކޮޅަށް ދީފައިވާ ހަމަލާއެއް ކަމަށެވެ.