ރޭގެ ދަންވަރުގެ ވަގުތެއްގައި މާލޭގެ ދެ ސަރަހައްދެއްގައި ތިން ނޫސްވެރިއަކަށް ދިން ހަމަލާތައް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ވަރަށް ބޮޑަށް ކުށްވެރިކޮށްފި އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކޮށް އެޕާޓީގެ ޖެނެރަލް ސެކްރެޓަރީ ޔުމްނާ މައުމޫން ވިދާޅުވީ "ރޭގެ ވަގުތެއްގައި ތިން ނޫސްވެރިއަކަށް ހަމަލާދީ ޒަހަމް ކޮށްލި ކޮށްލުން މި ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް މިފަދަ އަމަލުތަށް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާ" ކަމަށާއި އަދި "ރާއްޖެ ޓީވީގެ ޑެޕިއުޓީ އެޑިޓަރު އިބްރާހީމް ވަހީދު (އަސްވާޑު)ގެ ހާލު ވަރަށް ސީރިއަސް ވެފައިވާ އިރު އެމްބީސީގެ ދެ ޖާނަލިސްޓުން ކަމަށްވާ އާއިޝަތު ލީޒާއާއި އާމިނަތު ސާނީގެ ގަޔަށް ބަޔަކު އެއްލި ތިނަރު ކޮތަޅެއް ފަޅައިގެން ދިއުމުގެ ސަބަބުން ވަނީ އަނިޔާ ވެފައި" ކަމަށެވެ.

ޔުމްނާ އިތުރަށް ވިދާޅުވީ ނޫސްވެރިންނަށް ދެވޭ އެފަދަ ހަމަލާތައް ދުވަހެއް ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުން ދާތީ އެ ޕާޓީން އެކަމާ ނުހަނު ކަންބޮޑުވާ ކަމަށާއި އަދި ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ އިން ކަށަވަރު ކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭ ފަދަ އަނިޔާވެރި އަމަލުތައް މިހާރުން މިހާރަށް ހުއްޓައިލުމަށް ގޮވާލާ ކަމަށެވެ.

ޕީޕީއެމް އިން ވަނީ ރޭގެ އިރާކޮޅުގެ ވަގުތެއްގައި އިސްލާމިކް މިނިސްޓަރުގެ ކާރުކޮޅުގައި ރޯކޮށްލި ޓެރަރިޒަމްގެ އަމަލު ވެސް އެ ޕާޓީއިން ވަރަށް ބޮޑަށް ކުއްވެރި ކޮށްފަ އެވެ.

"މިފަދަ ފިނޑި ދަށުދަރަޖައިގެ އަމަލުތަކަކީ މާލެތެރޭގައި އަމަން އަމާންކަން ގެއްލި މުޅި ރަށް އިތުރަށް ހަލަބޮލި ވެގެންދާނެ ކަހަލަ ކަމެއް" ކަމަށާއި އަދި "މިފަދަ އަމަލުތައް ހަމަ މިހާރު ހުއްޓާލަން ގޮވާލަން" ޕީޕީއެމް ޖެނެރަލް ސެކްރެޓަރީ ޔުމްނާ މައުމޫން ވިދާޅުވި އެވެ.