ކޯޓަށާއި، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އަށް ބޮޑެތި ބާރުތަކެއް ދިނުމަށާއި، ގާނޫނާ ހިލާފުވާ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ކަނޑައަޅައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.


ފަސަދޮޅަސް ފަސް މާއްދާ ހިމެނޭ މި ބިލުގައި ގެވެށި އަނިޔާ ނުވަތަ ޑޮމެސްޓިކް ވަޔަލެންސް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އެކި މަރުހަލާތަކުގައި ކޯޓު އަމުރު ނެރުމުގެ ބާރު ކޯޓުތަކަށް ވަނީ ދީފަ އެވެ.


އަދި ދިރިއުޅޭ ގެއަކީ އެއްވެސް މިލްކުވެރިކަމެއްނެތް ގެއެއް ކަމުގައި ވިޔަސް ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ކޮންމެ މީހަކަށް އެ ގެއެއްގައި ހުރުމުގެ ހައްގު ލިބިގެންވާ ކަމަށާއި، އެމީހާ ދިރިއުޅޭ ބަޔަށް ގެވެށި އަނިޔާގެ އަމަލު ހިންގި މީހާ ނުވަތަ އެމީހާގެ ތިމާގެ މީހުން ވަނުން މަނާކޮށް ކޯޓު އަމުރު ނެރެމުގެ ބާރު ވެސް ލިބެ އެވެ. މީގެ އިތުރުން އެކުގައި ދިރިއުޅެމުންއައި ގެއަކުން ގެވެށި އަނިޔާގެ އަމަލު ހިންގި މީހާ ނުކުތުމަށް އންގައި ކޯޓު އަމުރު ނެރުމުގެ ބާރު ވެސް ދީފައި ވެއެވެ.


ބިލުގައި ބުނާގޮތުން މި ގާނޫނުގައި އަދަބު ކަނޑައަޅާފައިވާ ކުށުގެ އިތުރަށް، މި ގާނޫނާ ހިލާފަށް ކުރެވޭ އަމަލާއި މި ގާނޫނުގައި ބަޔާން ކޮށްފައިވާގޮތާ ހިލާފަށް ކުރާ އަމަލާއި މި ގާނޫނުގައި ބަޔާން ކޮށްފައިވާގޮތާ ހިލާފަށް ކުރެވޭ ކަންކަމަކީ ޖިނާއީ ކުށްކަމަށް ކަނޑައަޅައި، އެފަދަ ކުށެއްގެ އަދަބަކީ، 10000ރ. އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން ކަމަށް ވަނީ ހިމަނައިފަ އެވެ. އަދި މި ބިލުން އުފައްދާ، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ މަސައްކަތާ ގުޅިގެން ފުލުހުންގެ އެހީތެރިކަމަށް އެދެވިދާނެ ކަމަށާއި އެ އެހީތެރިކަން ފުލުހުން ފޯރުކޮށްދޭންވާނެ ކަމަށް ވެސް ބުނެ އެވެ.


މި ގާނޫނުގެ ދަށުން އޮތޯރިޓީއަށް ލިބިގެންވާ ބާރުގައި ކުރާ ސުވާލަކަށް ދޮގު ހަދައިފިނަމަ، އެކުރީ ޖިނާއީ ކުށެއް ކަމަށާއި، އެ ކުށުގެ އަދަބަކީ 15000ރ. އަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން ކަމަށް ހިމަނާފައިވާ ބިލުގައި މި ގާނޫނުގައިވާގޮތާ ހިލާފަށް އަމަލުކުރާ މީހާ އެކުރަނީ ޖިނާއީ ކުށެއް ކަމަށާއި، އެ ކުށުގެ އަދަބަކީ ވެސް 15000ރ. އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ނުކުރުން ކަމަށް ވެއެވެ.


ބިލުގައިވާގޮތަށް ނެރޭ ކޯޓު އަމުރުތަކަށް އަމަލު ނުކޮށްފި މީހާގެ އަދަބަކީ، ގިނަވެގެން ހަ މަސް ދުވަހަށް ޖަލަށްލުން، ނުވަތަ 1500ރ. އިން ޖޫރިމަނާ ކުރުން، ކަމަށާއި، މި ކުށް ތަކުރާރުކޮށްފި މީހެއްގެ އަދަބަކީ ގިނަ ވެގެން އެއް އަހަރު ދުވަހަށް ޖަލަށްލުން ނުވަތަ 30000ރ. އިން ޖޫރިމަނާކުރުން ކަމަށް ވެސް ހިމަނާފައިވެ އެވެ.


މިކުށްތައް ތިންވަނަ ފަހަރު ނުވަތަ އެއަށްވުރެ އިތުރަށް ކޮށްފި ނަމަ އެއިން ކޮންމެ ފަހަރެއްގެ އަދަބަކީ، ގިނަވެގެން ތިން އަހަރު ދުވަހަށް ޖަލަށްލުން ނުވަތަ ބައިލައްކަ ރުފިޔާއިން ޖޫރިމަނާކުރެވޭނެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލު ހުށަހަޅުއްވަމުން، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ، މުޖުތަމައުގައި މި ހިނގާ ނޭދެވޭ ކަންތަކުގެ އަސްލަކީ ގޭގެ ވެށީގެ ތެރޭގައި، ދިމާވާ މައްސަލަތައް ކަމަށާއި އޭގެ ސަބަބުން ކުޑަކުދިންނަށް ފޯރާ ނޭދެވޭ އަސަރުތައް މުޅި މުޖުތަމައަށް ފެތުރޭ ކަމަށެވެ. އެހެންކަމުން މި ބިލް ފާސް ކުރުން މުހިއްމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


މިއަދުގެ ޖަލްސާގައި މި ބިލަށް ބަހުސް ކުރުމުގެ ވަގުތުގައި ވާހަކަ ދެއްކެވި މެންބަރުންގެ ތެރެއިން އެންމެ މެންބަރެއް ފިޔަވައި ހުރިހާ މެންބަރުން ބިލަށް ތާއީދު ކުރައްވައި މި ބިލަކީ މުހިއްމު ބިލެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އިބުރާހިމް މުއްތަލިބު ވިދާޅުވީ، މިފަދަ ގާނޫނުތައް ހަދައި އަމަލު ކުރުމުގެ ސަބަބުން މުޖުތަމައުގައި އިތުރު ބައިބައިވުންތަކާއި އިތުރު ކުށްތައް އުފެދޭނެކަމަށާއި ކޮންމެ ކަމަކީ ގާނުނަކުން ހައްލު ކުރެވޭނެ ކަމެއްނޫން ކަމަށެވެ.