ރާއްޖޭގެ މީޑިއާގައި މަސައްކަތް ކުރަމުން ގެންދާ ތިން ނޫސްވެރިއަކަށް ރޭ މާލޭގައި ދިން ހަމަލާ ސަން މީޑީއާ ގްރޫޕްގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި ނޫސްވެރިންނަށް އަމާޒުކޮށްދޭ މިފަދަ އެއްވެސް އަމަލަކީ ސަން މީޑިއާ ގްރޫޕްގެ ފަރާތުން ބަލައިގަންނާނެ ކަމެއް ނޫނެވެ.

ނޫސްވެރިންނަކީ މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ބާރު ގާނޫނު އަސާސީން ލިބިދީފައިވާ ބައެއް ކަމުގައިވާ އިރު ނޫސްވެރިންނަށް އަމާޒުކޮށް ދެވޭ އެފަދަ ހަމަލާތަކަކީ ނޫސްވެރިކަމުގެ މިނިވަންކަން ނެތިކޮށްލުމުގެ ބޭނުމުގައި ބަޔަކު ގަސްދުގައި ކުރަމުން ގެންދާ ކަމެއް ކަމުގައި މިސްޓޭޝަނުން ދެކެވެ. އަދި އެފަދަ އަމަލުތަކުގެ ބޭނުމަކީ ނޫސްވެރިންނަށް ބިރު ދައްކައި ނޫސްވެރިކަމުގެ މިނިވަންކަން ނަގާލުން ކަމުގައިވާ ނަމަ އެކަމަކީ ވަރަށް ސީރިއަސް ބޮޑު މައްސަލައެއްގެ ގޮތުގައި ސަން އިން ދެކެމެވެ.

ނޫސްވެރިންނާ މެދު ނުވަތަ ވަކި މީޑިއާއަކާ މެދު އެއްވެސް ކަހަލަ ޝަކުވާއެއް މައްސަލައެއް އުޅޭ ނަމަ އެފަދަ ފަރާތެއްގެ މައްސަލަތައް ބެލުމަށް މިނިވަން މުއައްސަސާތަކެއް ވަނީ އުފެދިފަ އެވެ. އެހެންކަމުގައިވާ އިރު ނޫސްވެރިން ޒިންމާދާރު ކުރުވުމުގެ ގޮތުން އެފަރާތްތަކަށް ބިރުދައްކައި ހަމަލާދީ ހެދުމަކީ އެކަމުގެ ހައްލު ނޫން ކަމުގައި މިފުރުސަތުގައި ފާހަގަކުރަމެވެ.

ނޫސްވެރިންނަށް ރޭ ދިން ފުރަތަމަ ހަމަލާ އަމާޒުވެފައި ވަނީ މާލެ ތެެރޭގައި އެމްޑީޕީން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ ސޯސަންމަގު މަޖީދިއްޔާ ކައިރީގައި ކުރިއަށް ދިޔައިރު އެސަރަހައްދުގައި މުޒާހަރާ ކަވަރުކުރަމުން ގެންދިޔަ އެމްބީސީގެ ޑެޕިއުޓީ އެޑިޓަރު އައިޝަތު ލީޒާ އާއި ނޫސްވެރިޔާ އައިމިނަތު ސާނީއަށް އަމާޒުކޮށް ބަޔަކު ދިން ހަމަލާ އެވެ. އެހަމަލާގައި އެ ދެނޫސްވެރިންގެ ގަޔަށް ބަޔަކު ވަނީ ތިނަރު ޖަހާފަ އެވެ. ދެވަނަ ހަމަލާދީފައި ވަނީ ރާއްޖެ ޓީވީގެ ނިއުސް ހެޑް އިބްރާހީމް ވަހީދު (އަސްވާޑު) ސައިކަލެއްގައި އާޓިފިޝަލް ބީޗުގެ ސަރަހައްދުން ދަނިކޮށެވެ. އެހަމަލާގައި ވަރަށް ރަހުމް ކުޑަ ގޮތަކަށް ބަޔަކު މީހުން ވަނީ ދަގަނޑު ބުރިއަކުން އޭނާގެ ބޮލަށް ހަމަލާދީ ބޯފަޅާލައިފަ އެވެ. އެ ހާދިސާގައި އޭނާ އަށް އިތުރަށް ފަރުވާދިނުމަށް ލަންކާއަށް ވަނީ ގެންގޮސްފަ އެވެ.

ނޫސްވެރިންނަށް އަމާޒުކޮށް މި ހަމަލާދިން ބަޔަކު ހޯދައި އެބަޔަކު ޝަރީއަތުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދިނުމަށް ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް މި ސްޓޭޝަންގެ ފަރާތުން ގޮވާލަމެވެ.