23 Feb 2013, 13:32
ރާއްޖޭގެ މީޑީއާތަކަށާއި ނޫސްވެރިންނަށް ދެމުން ގެންދާ ތަފާތު އެކި ހަމަލާތައް ހުއްޓުވުމަކަށް ގެނައުމަށް، ރާއްޖޭގައި މަސައްކަތް ކުރާ ހުރިހައި މީޑިއާ ތަކާއި ނޫސްވެރިން އިހުތިޖާޖަކަށް ދާން ނިންމައިފި އެވެ.
މޯލްޑިވްސް މީޑީއާ ކައުންސިލުން މިއަދު ބޭއްވި އެ ކައުންސިލްގެ ކުއްލި ބައްދަލު ވުމުގައި ނިންމާފާއި ވަނީ ހުރިހައި މީޑިއާތަކުން އެއްފަހަރާ އެއް ވަގުތެއްގައި މީޑީއާތަކުގެ މަސައްކަތް ހުއްޓާލުމަށް ނުވަތަ {(ބެލެކް އައުޓް) އަކަށް ދިއުމަށެވެ.
މިއަދު މީޑީއާ ކައުންސިލްގެ އޮފީހުގައި ބޭއްވި ކުއްލި ބައްދަލުވުމުގައި ނިންމި ކަންތައްތަކުގެ ތެރޭގައި މީޑީއާތަކަށާއި ނޫސްވެރިންނަށް ދޭ ހަމަލާތައް ހުއްޓުވުމަކަށް ގެނައުމަށް ޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްއާ ބައްދަލު ކުރުމަށް ވަނީ ނިންމާފަ އެވެ. އަދި އެ ބައްދަލުވުމުގައި މީޑީއާތަކަށާއި ނޫސްވެރިންނަށް ދެމުންގެންދާ ހަމަލާތައް ހުއްޓުވޭ ފަދަ އެއް ބަސް ވުމަކަށް ނާދެވެނީސް ނުވަތަ އެކަމަށް އަލިމަގެއް ނުފެންނަނީސް މީޑީއާ ކައުންސިލާއި މީޑިއާތަކާއި ނޫސްވެރިން ކުރުމަށް ނިންމާފައިވާ އިހުތިޖާޖް ނިމުމަކަށް ނުގެނައުމަށް ވެސް ކައުންސިލްގެ ކުއްލި ބައްދަލުވުމުގައި ވަނީ ނިންމާފަ އެވެ. އަދި މި ބައްދަލުވުން ކުރިޔަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ނޫސްވެރީންގެ ހާޒިރުގައި ކަމަށް ވެސް ވަނީ ނިންމައިފައެވެ.
މީޑީއާ ކައުންސިލުން މި ގޮތަށް ނިންމާފައި ވަނީ މިއަދު އެ ކައުންސިލްގެ ބައްދަލު ވުމަށް ހާޒިރުވި ހުރިހައި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
މިއަދު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މީޑިއާ ކައުންސިލްގެ ރައީސް އިބްރާހީމް ހަލީލް ވިދާޅުވީ ނޫސްވެރިންނަށާއި މީޑިއާތަކަށް ދެމުން ގެންދާ ހަމަލާތަކަށާއި އިންޒާރުތަކަށް ހުއްޓުމެއް ނާންނަނީސް މީޑިއާ ކައުންސިލްގެ އިހުތިޖާޖާއި ކުރާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ. އަދި ވިދާޅުވީ ނޫސްވެރިންނާއި މީޑިއާތަކުގެ ހައްގުތައް ހޯދައި ދިނުމަށާއި އެ މީހުންގެ ހިމާޔަތުގައި ކުރެވެން ހުރި ހުރިހައި ކަމެއް ގާނޫނީ އިމުގެ ތެރެއިން ކުރާނެ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހައި މީޑިއާ ތަކެއްގައި މަސައްކަތް ކުރައްވާ ހުރިހައި ނޫސްވެރިން މިއަދު 2.25 އަށް މީޑިއާ ކައުންސިލްއަށް ވަޑައިގަތުމަށް ހަލީލް ވަނީ ގޮވައިލައްވާފަ އެވެ.
މީޑިއާ ތަކަށާއި ނޫސްވެރިންނަށް ދޭ ހަމަލާތަކާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ކައުންސިލްގެ މެންބަރުން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެގެން އަންނަ ކޮންމެ ފަހަރަކު ނޫސްވެރިންނަށާއި މީޑިއާތަކަށް ހަމަލާ ދިނުމުން ދޭހަ ވެގެން ދަނީ މީޑީއާތަކާއި ނޫސްވެރިންގެ އަނގަ ބަންދު ކޮށްލުމަށް މަސައްކަތް ކުރަމުންދާކަން ކަމަށެވެ. އަދި މެންބަރުން ވިދާޅުވީ މިއަދަކީ ނޫސްވެރިކަމުގެ ކަޅު ދުވަހެއް ކަމަށާއި މިއަދު ނޫސްވެރިން އެ މީހުންގެ ހައްގުތައް ހޯދުމަށް ނުތެދުވެއްޖެ ނަމަ ރާއްޖެ ނުރައްކާ ތެރި އަނދަވަޅަކަށް ވެއްޓިގެން ހިނގައިދާނެ ކަމަށެވެ. މީގެ އިތުރުން މެންބަރުން ވިދާޅުވީ މިއަދު ނޫސްވެރިން ފަހަތަށް ޖެހިގެން ނުވާނެ ކަމަށާއި ގައުމު ހަލާކުގެ ތެރެއަށް ވެއްޓިގެން ދިއުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.
މީޑިއާ ކައުންސިލްގެ މިއަދުގެ ކުއްލި ބައްދަލުވުމުގައި ވަނީ ރޭ ރާއްޖެ ޓީވީގެ ނިއުސް ހެޑް އިބްރާހީމް ވަހީދު (އަސްވާޑް) އަދި އެމްބީސީގެ ޑެޕިއުޓީ އެޑިޓަރު އައިޝަތު ލީޒާ އަދި ޖާނަލިސްޓް އައިމިނަތު ޝާނީ އަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފަ އެވެ.