ނޫސްވެރީނަށް ދިން ހަމަލާ ދިވެހި މީޑިއާގެ ބެލެނިވެރި ފަރާތް ކަމުގައިވާ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބުރޯޑްކާސްޓިން ކޮމިޝަނުގެ އިތުރުން ނޫސްވެރީންގެ ހައްގުގައި މަސައްކަތްކުރާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކުށްވެރިކޮށްފި އެވެ.

މީޑިއާ ކައުންސިލުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ނޫސްވެރިނަށް ދޭ ހަމަލާތައް ހައްދުން ނެއްޓި ނޫސްވެރިންގެ ފުރާނަޔަށް ނުރައްކާވާ ފަދަ ހިސާބަކަށް ކަންކަން ދިއުމަކީ އެ ކައުންސިލްއިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

"މިނިވަން ޒިންމާދާރު ނޫސްވެރިކަމެއް އާލާކޮށް ކުރިއެރުވުމަށް މަސައްކަތް ކުރެވޭ ވަގުތެއްގައި ނޫސްވެރިންނަށް ދެވޭ ހަމަލާތައް ހުއްޓުވޭން ޖެހޭނެ ކަމަށް މިކައުންސިލުން ދެކެމެެވެ. އަދި 22 ފެބުރުއަރީ 2013 ވަނަ ދުވަހުގެރޭ ރާއްޖެޓީވީގެ ނޫސްވެރިއަކަށާއި އެމްބީސީގެ ދެ ނޫސްވެރިއަކަށް ނުރައްކާތެރި ހަމަލާތައް ދިން ފަރާތްތައް ހޯދުމަށް ފަހު އެމީހުންގެ ތަހުގީގު ވީ އެންމެ އަވަހަކަށް ނިންމުމަށް ކުރެވޭން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށް ފުލުހުންގެ ކިބައިން މޯލްޑިވްސް މީޑިއާ ކައުންސިލުން އެދެމެވެ." މީޑިއާ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ ޓީވީއެމް އާއި ރާއްޖެ ޓީވީގައި މަސައްކަތްކުރާ ނޫސްވެރިންތަކަކަށް ބަޔަކު ރޭ ދަންވަރު ހަމަލާދީ ރާއްޖެ ޓީވީގެ ނޫސްވެރިޔާ ވަރަށް ބޮޑަށް ޒަހަމްކޮށްލުން އެ ކޮމިޝަނުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެއީ ނޫސްވެރިންނަށް ބިރު ދައްކައި، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުމަށް ދިން ވަރަށް ފިނޑި އެހާމެ ދަށުދަރަޖައިގެ އަމަލެއް ކަމުގައި އެ ކޮމިޝަނުން ދެކޭ ކަމަށް އެބަޔާނުގައި ބުނެފައިވެ އެވެ. އަދި އެ ހަމަލާ ދިން ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށާއި ނޫސްވެރިންނަށާއި ބްރޯޑްކާސްޓިން ސްޓޭޝަންތަކަށް އެކަށީގެންވާ ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ގޮވާލާ ކަމަށެވެ.

ރޭ ނޫސްވެރިނަށް ދިން ހަމަލާއާ ގުޅޭ ގޮތުން ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭ އިން ބުނީ ރޭ ނޫސްވެރިނަށް ހަމަލާދިން މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ސޯޝަލް މީޑިއާތަކުގައި ނޫސްވެރިނަށް އިންޒާރު ދީފައިވަނިކޮށް އެހަމަލާތައް ދީފައިވާ ކަމަށާއި އެއީ ސީދާ ނޫސްވެރިންނަށް ޓާގެޓްކޮށްގެން ދިން ހަމަލާއެއްކަމަށް އެ ޖަމިއްޔާއިން ގަބޫލް ކުރާ ކަމަށެވެ. އަދި ނޫސްވެރިންނަށް އަމާޒުކޮށް ދެވޭ ކޮންމެ ހަމަލާއަކީ މިނިވަން ނޫސްވެރިކަން ނެތިކޮށްލުމަށް ދެވޭ ހަމަލާތަކެއް ކަމަށް އެޖަމްއިއްޔާ އިން ދެކި އެކަން ކުށްވެރި ކުރާކަމަށް ވެސް ބުނެފައިވެ އެވެ. އަދި ކޮންމެ ބަޔަކު މުޒާހަރާ ކުރިއަސް އަދި ޖަލްސާތައް ކުރިއަށް ގެންދިޔަ ނަމަވެސް ނޫސްވެރިން އެމީހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް ނަސޭހަތްތެރިވާ ކަމަށް ވެސް އެމްޖޭއޭ އިން ބުންޏެވެ.

"ރޭގެ އެހާދިސާގެ އިތުރުން، ތަފާތު އެކިއެކި ނޫސް އިދާރާތަކާއި އެއިދާރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށާއި އެތަންތާނގެ ވެރިންނަށް ބިރުދެއްކުމުގެ ތަފާތު އިންޒާރުތައް ދެމުންދާ މައްސަލަ އަކީ ވެސް ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ. މިކަންކަން ނުހުއްޓި ދިގުލައިގެންދާ ނަމަ، ރާއްޖޭގެ ޅަފަތުގެ މި ޑިމޮކްރަސީގައި މިނިވަން ނޫސްވެރިކަން ކުރުމަށް އޮތް ދޮރު ބަންދުވެދާނެތީ އަޅުގަނޑުމެން ކަންބޮޑުވަމެވެ." އެމްޖޭއިން ބުންޏެވެ.

ނޫސްވެރިނަށް ހަމަލާދިން މައްސަލާގައި މީޑިއާގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު ރޭގައި ވަނީ އެމްޑިޕީގެ މުޒާހަރާ ކަވަރުކުރަން އުޅުނު ނޫސްވެރިނަށް އަމާޒްކޮށްގެން ތިނަރު ޖަހާފަ އެވެ. އެ ހަމަލާ ބޮޑަށް އަމާޒްވީ އެމްބީސީގެ ޓީވީއެމްގެ ދެ ނޫސްވެރިންނަށެވެ. އޭގެ އިތުރުން ރޭގައި ވަނީ ރާއްޖެ ޓިވީގެ ނޫސްވެރިޔާ އިބްރާހިމް ވަހީދު (އަސްވާޑް) އަށް ހަމަލާދީ ވަރަށް ބޮޑަށް ޖަހަމްކޮށްލާފަ އެވެ. އަދި އޭނާއަށް އިތުރު ފަރުވާދިނުމަށް މިހާރުވަނީ ލަންކާއަށް ގެންގޮސްފައެވެ.