ޕާކިސްތާނު ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން އުތުރުގެ ބައެއް ރަށްރަށުގައި ބައެއް ބަލިތަކަށް ފަރުވާ ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ( އެމްއެންޑީއެފް) އިން ބުނީ އެމްއެންޑީއެފް މެޑިކަލް ސާވިސް އާއި ނޮދަން އޭރިއާއިން ޕާކިސްތާނު ސިފައިންނާ ގުޅިގެން މިމަހުގެ 21 ވަނަ ދުވަހު ފެށި އެޕްރޮގްރާމް މިމަހުގެ 28 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ ކަމަށެވެ.

އަދި ބުނީ އެޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަނީ ކަންފަތާއި ނޭފަތާއި ކަރުގެ (ކ.ނ.ކ) ބަލިތަކަށް ހާއްސަ ޑޮކްޓަރުން ކަމަށެވެ.

އެޕްރޮގްރާމްގެ ދަށުން ކ. ކާށިދޫ ކައުންސިލާ ގުޅިގެން އިއްޔެ އެރަށުގެ 58 ކުޑަކުއްޖަކަށާއި ކ.ނ.ކ ބަލިތަކުގެ 65 މީހަކަށް ވަނީ ފަރުވާދީފައެވެ. އަދި ޅ. އޮޅުވެލިފުށީ ސިއްހީމަރުކަޒުގައި މިއަދު 21 ކުޑަކުދިންނާއި ކ.ނކ ބަލިތަކުގެ 18 މީހުންނަށް ފަރުވާދީފައިވާ ކަމަށާއި އެއަތޮޅު ކުރެންދޫގައި 16 ކުޑަކުދިންނާއި ކ.ނ.ކ ބަލިތަކުގެ 15 މީހުންނަށް ފަރުވާދީފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އަދި ބުނީ ޕާކިސްތާނުގެ މިލިޓަރީ ޑޮކްޓަރުންގެ މި ޓީމުން ޅ. ނައިފަރުގައި މާދަމާ ބަލި މީހުން ބައްލަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި، އެއަށްފަހު މިދަތުރުގައި، ޅ. ހިންނަވަރާއި ނ. ވެލިދޫ އާއި ނ. ހޮޅުދޫގެ އިތުރުން ށ. މިލަންދޫގައި ބަލި މީހުން ބައްލަވާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.