ދިގު ރަށުން: މުރުޝިދު އަބްދުލް ހަކީމް

ރޭ ތިން ނޫސްވެރިއަކަށް ބަޔަކު މީހުން ދީފައިވާ ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށާއި އަދި އެބަޔަކު ހޯދުމަށް ފުލުހުންގެ ގާބިލްކަން ހުރި މިންވަރުން މަސައްކަތް ކުރައްވާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

އދ. ދިގުރަށު ޕޮލިސް ސްޓޭޝަން ހުޅުވުމަށް ފަހު މިއަދު މި ރަށުގައި ބޭއްވި ޖަލްސާގައި ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވީ ކޮންމެ ނޫސްވެރިޔަކަށް ވެސް މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު އޮންނަ ޖެހޭނެ ކަމަށާއި ރޭ ތިން ނޫސްވެރިޔަކަށް ދީފައިވާ ހަމަލާ "އެންމެ ހަރުކަށި އިބާރާތުން ކުށްވެރި"ކުރައްވާ ކަމަށެވެ.

ރާއްޖޭގެ ޓީވީގެ ޖާނަލިސިޓް އިބްރާހިމް ވަހީދު (އަސްވާޑް) އަށް ރޭ ބަޔަކު ބޮޑުތި ހަމަލާތަކެއް ދީފައިވާކަން ފާހަގަ ކުރައްވަމުން ރިޔާޒު ވިދާޅުވީ ކޮންމެ ބަޔަކާ ގުޅިފައވާ ސްޓޭޝަނެއްގެ ނޫސްވެރިއަކަށް ވިއަސް ހަމަލާދީގެން ނުވާނެ ކަމަށާއި އަދި އެ ދިން ހަމާލާތައް ތަހްގީގު ކުރައްވާނެ ކަމަށެވެ. އަދި އެފަދަ ހަމަލާތައް ތަކުރާރުވިޔަ ނުދިނުމަށް ހުރިހާ ފަރާތްތަކަށް ގޮވައިލެއްވި އެވެ.


މީގެ އިތުރުން މުޒާހަރާތައް ކުރަން ޖެހޭނީ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށާއި މާލޭގެ މަގުތަކުގައި ހިނގައިބިނގާވެ އުޅޭ މީހުންނަށާއި ވިޔަފާރިތަކަށް އުނދަގޫވާ ގޮތަށް މުޒާހަރާ ކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެ ސުލްހަވެރި މުޒާހަރާކުރުމަށް ކޮމިޝަނަރު ގޮވައިލެއްވި އެވެ.

އެމްޑީޕީ އިން ރޭ ކުރި މުޒަހަރާ ކަވަރުކުރަމުން ދިޔަ ޓީވީއެމްގެ ދެ ނޫސްވެރިނަށް ހަމަލާދިނީ މުޒަހަރާ ކަވަރު ކުރަމުން ދަނިކޮށެވެ. އަދި ރާއްޖެ ޓީވީގެ ނޫސްވެރިޔާ އަށް ހަމަލާދިނީ މަގުމަތިންނެވެ