އައްޑޫ ސިޓީގައި ކުރިއަށްދާ ސިފައިންގެ 58 ވަނަ އަސާސީ ތަމްރީނު ގައި ޓްރޭނިންގް ހަދަމުން ދިޔަ ސިފައިންގެ މީހަކު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

އެމްއެންޑީއެފްގެ މީޑިޔާ އޮފިސަރު އަބްދުﷲ އަލީ މިއަދު ވިދާޅުވީ އެހާދިސާގައި މަރުވީ ސ. ފޭދޫ ދުންނިކަގޭ އިސްމާއީލް ހަބީބް 24، ކަމަށާއި އެހާދިސާ ހިނގީ މިއަދު މެންދުރު 11:00 އެހާކަށް ހާއިރު މޫދުގެ ތަމްރީންތަކެއްގައި އޭނާ އުޅެނިކޮށް ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އިސްމާއިލް ހަބީބް މިއަދު އޮތް 200 މީޓަރުގެ ފެތުމުގެ ޓެސްޓް ނިންމާލުމަށްފަހު އެނބުރި އައިސް ނިންމާ ފޮއިންޓްގައި އަތްލިތަނުން ގެނބުނު ތަން ފެނިގެން ގާތްގަނޑަކަށް ފަސް ވަރަކަށް ސިކުންތު ތެރޭގައި އެތަނުގައި ތިބި އިންސްޓްރަކްޓަރުން ފުންމާލައި އިސްމާއީލް ހަބީބް ނަގާފައިވާ ކަމަށެވެ. އަދި ހަމަ އެވަގުތު އޭނާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށި ކަމަށެވެ.

އިސްމާއިލް ހަބީބު މަރުވި ކަން ކަށަވަރުކޮށްދިނީ ހޮސްޕިޓަލުން ކަމަށާއި ނަމަވެސް މަރުވާން ދިމާވި ސަބަބެއް ބުނެދޭން އެނގިވަޑައިގަންނަވާނީ ޑޮކްޓަރުންގެ ރިޕޯޓްތަކަށް ފަހު ކަމަށް އަބްދުﷲ ވިދާޅުވި އެވެ.