ވައިޓް ހައުސް (ފެބްރުއަރީ 23) : އުތުރުކޮރެޔާގެ ނުރައްކަލާ ކުރިމަތިލުމުގައި އެމެރިކާ އާއި ޖަޕާން އޮތީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށް ޖަޕާނުގެ ބޮޑުވަޒީރު ޝިިންޒޫ އަބޭ އާއި އެމެރިކާގެ ރައީސް ބަރަކް އޮބާމާ ހާމަ ކުރައްވައިފިއެވެ.

އަބޭ އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާއާ ވައިޓް ހައުސްގައި ބައްދަލުކުރެއްވުމަށްފަހު ބޭއްވި ނޫސްކޮންފަރެންސެއްގައި ދެ ބޭފުޅުން ވިދާޅުވީ އުތުރުކޮރެޔާ އަކީ ނިއުކްލިޔަރ ހަތިޔާރާއި އިންޓަކޮންޓިނެންޓަލް ބެލަސްޓިކް މިސައިލް ފަދަ ބަރު އަދި ސްޓްރެޓީޖިކް ހަތިޔާރު އުފައްދައި ބައިނަލްއަޤްވާމީ އަމްނާއި ސުލްޙައަށް ނުރައްކާ ކުރާ ގައުމެއްކަމުގައެވެ.

ނިއުކްލިޔަރ ބާރަކަށް ވެފައިވާ އުތުރުކޮރެޔާއާ ކުރިމަތިލުމުގައި އެމެރިކާ އާއި ޖަޕާންއޮތީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށާއި ދެ ގައުމުގެ ސިޔާސަތުތައް ވެސް ބައްޓަން ކުރާނީ އުތުރުކޮރެޔާ ވަށާލައި "ކޮންޓެއިން" ކުރުމަށް ކަމަށް ދެ ބޭފުޅުންމެ ވިދާޅުވިއެވެ. އުތުރުކޮރެޔާ ވަށާލުމުގެ މި ސިޔާސަތަކީ އޭޝިޔާ ޕެސިފިކްގެ ސަލާމަތާއި ރައްކާތެރިކަމުގެ އަސާސެއް ކަމަށް ވެސް ދެ ބޭފުޅުން ވިދާޅުވިއެވެ. ޝިންޒޫ އަބޭ އަކީ އޮބާމާގެ ވެރިކަމުގައި ޖަޕާނުގެ ބޮޑުވަޒީރުކަން ކުރައްވާ ފަސްވަނަ ޝަޚްސިއްޔަތެވެ. އަވަސް އަވަހަށް ސަރުކާރު ބަދަލުވާ ޖަޕާނުގައި މިފަހަކަށް އައިސް ބޮޑުވަޒީރުކަން ކުރައްވާ ބޭފުޅަކަށް އެމަޤާމުގައި ހުންނެވެނީ އަހަރެއް ހާ ދުވަހުއެވެ.

އުތުރުކޮރެޔާއާ މެދު ޖަޕާނާއި އެމެރިކާ ކަންބޮޑުވާކަން ހާމަކޮށްފައި މި ވަނީ މި މަހުގެ 12 ވަނަ ދުވަހު އުތުރުކޮރެޔާއިން ތަޖްރިބާކުރި ތިންވަނަ ނިއުކްލިޔަރ ތަޖްރިބާގައި ބިމުއަޑީގައި ގޮއްވާލާފައި ވަނީ ބާރުގަދަ ނިއުކްލިޔަރ ބޮމެއް ކަން ހުޅަނގުގެ ޖާސޫސީ ފަރާތްތަކުން ހާމަ ކޮށްފައި ވަނިކޮށެވެ. މިއީ މީގެ ކުރިން އުުުތުރުކޮރެޔާ ކޮށްފައިވާ ނިއުކްލިޔަރ ތަޖްރިބާތަކުގައި ގޮއްވާލާފައިވާ ބޮންތަކަށް ވުރެ އެތައް ގުނަ ބާރުގަދަ އަދި ޓެކްނޮލޮޖީގެ ގޮތުން މަތީ ފެންވަރުގެ ބޮމެއް ކަމަށް ހުޅަނގުން ވެސް އެއްބަސް ވެފައި ވަނިކޮށެވެ. މީގެ އިތުރުން މިދިޔަ ޑިސެމްބަރު މަހު އުތުރުކޮރެޔާ ތަޖްރިބާ ކޮށްފައި ވަނީ ވެސް އެމެރިކާއަށް ފޯރާވަރުގެ ދުރުރާސްތާ މިސައިލެއްކަން ހާމަވެފައިވަނިކޮށެވެ.

އުތުރުކޮރެޔާގެ މި ތަޖްރިބާތަކަކީ އެމެރިކާ އާއި ޖަޕާނާއި ޔޫރަޕް ގުޅިގެން އުތުރުކޮރެޔާ އިނދަޖައްސާލުމަށް ފާއިތުވި ފަންސާހަކަށް އަހަރު ދުވަހު ތެރޭގައި އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާއި ކުރިޑިޕްލޮމެޓިކް މަސައްކަތްތައް ބޭކާރު ވެފައި ވާ ކަން ހާމަ ވެގެން ދިޔަ ކަމެއް ކަމަށް މުރާސިލުން ސިފަ ކުރެއެވެ. (ނޫސްއެޖެންސީތައް)