23 Feb 2013, 11:33
ތޫނިސް (ފެބްރުއަރީ 23) : ތޫނިސްގައި އައު ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ރައީސް ޑރ. މުންސިފް އަލްމަރްޒޫޤީ އެގައުމުގެ އިސްލާމިކް ނަހްޒާ ޕާޓީގެ ބޭފުޅެއް ކަމަށްވާ ޢަލީ އަލްޢުރައިޟްއާ ހަވާލު ކުރައްވައިފިއެވެ.
އަލްޢުރައިޟް އަކީ މަގާމުން އިސްތިއުފާ ދެއްވި ބޮޑުވަޒީރު ޙައްމާދީ އަލްޖިބާލީގެ ސަރުކާރުގެ ދާހިލީ ވަޒީރެވެ. އައު ސަރުކާރެއް އެކުލަވާލުމުގެ ކަންތައް ރައީސް އަލްމަރްޒޫޤީ ޢަލީ އަލްޢުރައިޟްއާ ހަވާލު ކުރެއްވީ އިސްލާމިކް ނަހްޒާ ޕާޓީން އަލްޢުރައިޟް މިކަމަށް އިހުތިޔާރު ކުރުމުންނެވެ. ތޫނިސްގެ ޕާލަމެންޓްގައި އެންމެ ގިނަގޮނޑި ލިބިފައިވަނީ އިސްލާމިކް ނަހްޒާ ޕާޓީއަށް ކަމަށްވާތީ އެ ގައުމުގައި ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ދޭން ޖެހެނީ އެ ޕާޓީއަށެވެ. ނަމަވެސް ނަހްޒާ ޕާޓީއަށް ޕާލަމެންޓްގެ އަގުލަބިއްޔަތު ނެތުމުން އެޕާޓީން މިފަހަރު ވެސް އެކުލަވާލާނީ ކޯލިޝަން ސަރުކާރެކެވެ.
އައު ސަރުކާރެއް އެކުލަވާލުމުގެ ކަންތަކާ ހަވާލު ވެވަޑައިގަތުމަށް ފަހު ދެއްވި ބަޔާނެއްގައި އަލްޢުރައިޟް ވިދާޅުވީ އޭނާ އެކުލަވާލައްވާނީ ތޫނިސްގެ ހުރިހާ ރައްޔިތުން ތަމްސީލު ކުރާ ގަައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ކަމުގައެވެ. އެސަރުކާރުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް އޮތްކަމަށް އޭނާ ވިދާޅުވިއެވެ. މަގާމުން އިސްތިއުފާ ދެއްވި ކުރީގެ ބޮޑުވަޒީރު ޙައްމާދީ އަލްޖިބާލީ ވަނީ އައު ސަރުކާރުގެ ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް ދެކޮޅު ހައްދަވާފައެވެ.
އުތުރުއެފްރިކާގެ އަރަބި ގައުމެއް ކަަމަށްވާ ތޫނިސް އަކީ 2011 ވަނަ އަހަރުގެ އަރަބި ބަހާރުގައި ރައްޔިތުންގެ އިންގިލާބު އައިސް އެންމެ ފުރަތަމަ ޑިމޮކްރަސީ ގާއިމު ކުރެވުނު ގައުމެވެ. ހުޅަނގުގެ މަދަދާ އެކު ދިގު މުއްދަތަކަށް ތޫނިސްގައި ހުދުމުހުތާރު ވެރިކަމެއް ކުރެއްވި ޒައިނުލްޢާބިދީން ބިންޢަލީ ގެ ވެރިކަން ރައްޔިތުންގެ އިންގިލާބެއްގައި ވައްޓާލުމަށްފަހު ތޫނިސްއަށް ސިޔާސީ ހަލަބޮލިކަން އައި ނަމަވެސް ތަޅާފޮޅުމާއި ލޭއޮހޮރުވުމާ ހަމައަށް އެގައުމުގެ ދާހިލީ ކަންތައްތައް ގޮސްފައެއް ނުވެއެވެ. ތޫނިސް އަކީ މިހާރު ޑިމޮކްރަސީ ގާއިމު ކުރެވި ރައްޔިތުން ގެ މިނިވަން އިންތިހާބަކުން ޕާލަމެންޓެއް އެކުލަވާލާފައިވާ ބަރުލަމާނީ ނިޒާމެއް އޮންނަ ގައުމެކެވެ.
މިފަހަކަށް އައިސް ތޫނިސްގެ މަސްރަޙް ކިލަނބު ވެގެންދިޔައީ ގޮތް ނޭނގޭ ފަރާތެއްގެ ހަމަލާއެއްގައި އެގައުމުގެ އިދިކޮޅު ޕާޓީގެ ލީޑަރު ޝުކްރީ ބިލްޢީދު އަވަހާރަކޮށްލުމާ ގުޅިގެންނެވެ. މި ހާދިސާއަށްފަހު ކުރީގެ ބޮޑުވަޒީރު ހައްމާދީ އަލްޖިބާލީ މަސައްކަތްކުރެއްވީ ސިޔާސީ ބޭފުޅުން ނުހިމެނޭގޮތަށް ހަމައެކަނި ފަންނީ ޓެކްނޮކްރޭޓުން ހިމަނައިގެން ކެބިނެޓްގެ މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި އައު ސަރުކާރެއް އެކުލަވާލުމަށެވެ.
އަލްޖިބާލީ އިސްތިއުފާދެއްވީ ސިޔާސީ ބޭފުޅުން ނުހިމެނޭގޮތަށް ސަރުކާރެއް އެކުލަވާލުމުގައި ކާމިޔާބު ވެވަޑައިނުގެންނެވުމާ ގުޅިގެންނެވެ. (އަލްޖަޒީރާ)