ރޭ އާޓިފިޝަލް ބީޗު ސަރަހައްދުން ބަޔަކު މީހުން ދިން ހަމަލާތަކެއްގައި ސީރިޔަސް ހާލެއްގައި އޮތް ރާއްޖެ ޓީވީގެ ނިއުސް ހެޑް އިބްރާހީމް ވަހީދު (އަސްވާޑް) މިއަދު ހެދުނު ލަންކާއަށް ގެންގޮސްފިއެވެ.

ރާއްޖެ ޓީވީން ބުނީ އަސްވާޑުގެ ހާލު ސީރިއަސް ވެފައި ވާތީ އިތުރު ފަރުވާ ދިނުމަށް އޭނާ ލަންކާއަށް ފުރުވާލީ މިއަދު ހެނދުނު 8.55 އެހާކަށް ހާއިރު ކަމަށެވެ.

ރާއްޖެ ޓީވީގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ އޭނާއާ އެކު އާއިލާގެ ހަތަރު މީހަކާއި އަދި ނަރުހެެއްގެ އިތުރުން ރާއްޖެ ޓީވީގެ ޗެއާމަން އަކްރަމް ކަމާލުއްދީން ވެސް ލަންކާ އަށް ދިޔަ ކަމަށެވެ.

އެމްޑީޕީން މާލޭގައި ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާގައި ތިނަރު އަޅާފައިވާ ޕެކެޓަކުން ހަމަލާ ދިނުމުން ޓީވީއެމްގެ ދެ ނޫސްވެރިއަކަށް ރޭ ވަނީ ހަމަލާދީފަ އެވެ. އެ ދެ ނޫސްވެރިންނަކީ ޓީވީއެމްގެ ޑެޕިއުޓީ އެޑިޓަރު އައިޝަތު ލީޒާ އާއި ނޫސްވެރިޔާ އައިމިނަތު ސާނީ އަށެވެ.