23:11- ފަސް ގަޑިއިރަށް ފަހު ދެންމެއަކު އެމްއެންބީސީގެ ހިދުމަތް އަލުން ފަށައިފި އެވެ. މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލް ވިދާޅުވީ ކަރަންޓަށް ދިމާވި މައްސަލަ ހަތަރު ގަޑިއިރުގެ ތެރޭގައި ހައްލު ކުރެވުނު ކަމަށާއި ނަމަވެސް ހިދުމަތް އަލުން ފެށޭ ވަރުވީ މުޅިން ސްޓޭބަލްތޯ ބެއްލެވުމަށް ފަހު މިރޭ 11:00 ޖެހިއިރު ކަމަށެވެ. ކަރަންޓްގެ މައްސަލައަކާ ހުރެ ހިދުމަތް މުޅިރާއްޖެއިން މެދުކެނޑުނީތީވެ ހިދުމަތް ހޯދާ ފަރާތްތަކުގެ ކިބައިން މާފަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ހަލީލު ވިދާޅުވި އެވެ.


 


22:14- އެމްއެންބީސީގެ ކަރަންޓަށް ދިމާވި މައްސަލަ އަދިވެސް ހައްލެއް ނުވެ އެވެ. ނަމަވެސް މިޑިޔާ ނެޓް މެދުވެރިކޮށް އެމްއެންބީސީގެ ސިގްނަލް މިހާރު ވަނީ ފޮނުވަން ފަށައިފަ އެވެ.


 


20:05- ކަރަންޓަށް ދިމާވި މައްސަލައެއްގެ ސަބަބުން އެމްއެންބީސީ ވަންގެ ހިދުމަތް މުޅި ރާއްޖެއިން ކެނޑިއްޖެ އެވެ.


އެމްއެންބީސީގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ޚަލީލު ވިދާޅުވީ، މިއަދު އިރުއޮއްސުނު އިރުން ފެށިގެން ދޭތެރެ ދޭތެރެއިން ކަރަންޓުގެ މައްސަލަ ދިމާވެ، ޓްރާންސްމިޝަން މެދުކެނޑެމުން ދިޔަ ކަމަށާއި އެއްކޮށް ސިގްނަލް ކެނޑުނީ މިރޭ 7:00 ޖެހި ފަހުން ކަމަށެވެ.


ޚަލީލު ވިދާޅުވީ، އެމްއެންބީސީގެ ކަރަންޓަށް ދިމާވި މައްސަލަ ހައްލުކުރުމަށް ސްޓެލްކޯގެ އިންޖިނިއަރުން މަސައްކަތްކުރަމުންދާ ކަމަށާއި އަލުން ޓްރާންސްމިޝަން ފެށޭނެ އިރެއް ދަންނަވަން އަދި ނޭގޭ ކަމަށެވެ.


"އެމީހުން (އިންޖިނޭރުން) ކެނޑިނޭޅި މަސައްކަތްކުރަމުން އެބަގެންދޭ. އެ މަސައްކަތް ހިނގާއިރު އަޅުގަނޑުމެންނަކަށް ނުކެރޭނެ އެމްއެންބީސީގެ ސިގްނަލް ދޭކަށެއް" ޚަލީލު ވިދާޅުވި އެވެ.


މިއީ ރީބްރޭންޑްކޮށްފައިވާ ޓީވީއެމްގެ ހަޔާތުގައި މިހާ ގިނަ ވަގުތުތަކަށް ޚިދުމަތް މެދުކެނޑުނު ފުރަތަމަ ފަހަރު ކަމަށް ވެސް ޚަލީލު ވިދާޅުވި އެވެ.