ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލިވާ ކޮންމެ ފަަހަރަކު އެކަމާ އެންމެ ކަންބޮޑުވެގެން އުޅޭތަން ފެންނަނީ އަވަށްޓެރި އިންޑިއާ އާއި ދުރުގައިވާ އެމެރިކާ އެވެ.

ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގެ ފަހު ދައުރުގައި ރާއްޖޭގެ ހިންގުމުގެ ނިޒާމަށް އައި ބޮޑެތި ބަދަލުތައް، ގެނައުމާއި އޭރު އުފެދުނު ސިޔާސީ މަރުތަޅުން ރާއްޖެ ސަލާމަތްކޮށް، ކުރިއަށް ގެންދިއުމަށް އެންމެ ބޮޑަށް ބާރު އެޅި އެއް ގައުމަކީ އެމެރިކާ އެވެ.

ރާއްޖެ އާއި ސްރީލަންކާ އަށް އެމެރިކާ އިން ކަނޑައަޅާފައި ހުންނެވި އެމްބެސެޑަރުގެ ގޮތުގައި އޭރު ހުންނެވި ރޮބަޓް ބްލޭކް އޭރު ގިނަގިނައިން ރާއްޖެ ވަޑައިގެން އުޅުއްވި އެވެ.

އޭރުގެ އިދިިކޮޅު ފަރާތްތައް ކަމަށްވާ، ރައީސް މުހައްމަދު ނަޝީދުގެ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއާއި ރައީސް މައުމޫނުގެ ސަރުކާރާ ދެމެދު މެދުވެރިއެއްގެ ބައި އެންމެ ފުރިހަމައަށް އަދާ ކުރެއްވި ބޭފުޅަކަށް ބްލޭކް ވެވަޑައިގަންނަވާނެ އެވެ.

އޭގެ ފަހުން ރާއްޖެ އަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައި މިވަނީ މިދިޔަ އަހަރު ރާއްޖޭގެ ވެރިކަން ބަދަލުވުމާ ގުޅިގެން އުފެދިފައި މިވާ ހަމަނުޖެހުންތަކެވެ. ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި އިންޑިއާ ހައިކޮމިޝަނުން އެމަނިކުފާނު ހިމާޔަތް ހޯއްދަވަން ޖެހިވަޑައިގެންނެވި މައްސަލަ އެވެ.

މިފަހަރުގެ މައްސަލަ ހައްލު ކުރުމުގައި އެމެރިކާއިން ބޭނުންުކުރީ ދެވަނަ ގޮނޑިބަރިއެވެ. ކުރީ ގޮނޑިބަރި ދިނީ އިންޑިއާ އަށެވެ. އާ ސަރުކާރާ އެކު މަސައްކަތް ކުރާނީތޯ ނުވަތަ ނޫންތޯ ނިންމަން ޖެހިފައި އޮތް ނިންމުން، ނިންމުމުގައި އެމެރިކާ އިން ތަބާވީ އިންޑިއާ އަށެވެ. މިހާރު ޖެހިފައި އޮތް މައްސަލައިގާ ވެސް އެމެރިކާ އިން އަމަލުކުރީ އެގޮތަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ހާލަތާ މެދު އަޅުގަނޑުމެން އެންމެންގެ ވެސް ހުރީ ވަރަށް އެއްގޮތް ވިސްނުމެއް،" މިހާރު އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް (ސައުތު އެންޑް ސެންޓްރަލް އެފެއާޒް) ގެ މަގާމަށް ޕްރޮމޯޓްވެވަޑައިގެން ހުންނެވި ބްލޭކް މިފަހަރު ވިދާޅުވީ މިހެންނެވެ.

ރާއްޖޭގެ ކަންތައްތައް "ހަމަ ޖެއްސުމުގައި ބައިވެރިވާން ޖެހެނީ" އިންޑިއާގެ މަސްލަހަތުތައް ހިމާޔަތް ކުރުމަށް ކަމަށް އިންޑިއާ އިން އަބަދު ވެސް ދަނީ ބުނަމުންނެވެ. އެހެން ކަމުން ރާއްޖޭގައި ނުވަތަ ރާއްޖެ އޮތް ސަރަހައްދުގައި ވަނީ މިދެ ގައުމުގެ ކިހާ ވަރެއްގެ ކޮން ކޮން މަސްލަހަތުތަކެއްތޯ ބަލާލަން މީ ރަނގަޅު ވަގުތެކެވެ.

އެމެރިކާގެ މަސްލަހަތުތައް

އިނގިރޭސިވިލާތުގައި 1851 ވަނަ އަހަރުން ފެށިގެން އެކި އެކި ދިރާސާތައްކޮށް ޝާއިއު ކުރަމުން އަންނަ ޓެއިލާ އެންޑް ފްރެންސިސް އިން ވަނީ އިންޑިއާ ކަނޑު އެމެރިކާ އަށް މުހިއްމުވާ ސަބަބުތައް ހޯދުމަށް ރަނގަޅު ދިރާސާއެއް ކޮށްފަ އެވެ.

"ޑިއަގޯގާސިއާ އެންޑް ދި ޔުނައިޓެޑް ސްޓޭޓްސް އެމާޖިން އިންޑިއަން އޯޝަން ސްޓްރެޓެޖީ"ގެ ނަމުގައި އާއްމުކޮށްފައިވާ އެ ދިރާސާ އަށް މައުލޫމާތު ދެއްވަމުން އެމެރިކާގެ ޖޮއިންޓް ޗީފް އޮފް ސްޓާފްސްގެ ކުރީގެ ޗެއާމަން އެޑްމިރަލް މައިކަލް މުލެން ވިދާޅުވެފައި ވަނީ "އިންޑިއާ ކަނޑުގެ އައްސޭރިތައް ހިމެނޭ ސަރަހައްދުތަކުގައި އެމެރިކާގެ [ބައިވެރިވުން] ދެމެހެއްޓުން ބިނާވެފައި ވަނީ އެތަންތަނުގައިވާ އެމެރިކާގެ މަސްލަހަތުތައް ދެނެގަނެ، ހިފަހައްޓައި ހާސިލު ކުރުމުގެ މައްޗަށް،" ކަމަށެވެ.


މުލެން އަކީ 2007 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރާ ހަމައަށް އެމެެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން އެވެ. އޭގެ ކުރިން 2005 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރާ ހަމައަށް އޭނާ ހުންނެވީ އެމެރިކާގެ ޗީފް އޮފް ނޭވަލް އޮޕަރޭޝަންސްގެ މަގާމުގަ އެވެ.

މުލެން ވިދާޅުވާ ގޮތުގައި މެދުއިރުމައްޗާއި ދެކުނު އިރުމަތީ އޭޝިއާ އާއި އޭޝިއާ ޕެސިފިކްގައި ވެސް އެމެރިކާ އިން ރިވެތި ގޮތުގައި ބައިވެރިވެ އޮތުމަކީ އެމެރިކާއަށް ސްޓްރެޓެޖިކް ގޮތުން ވަރަށް މުހިއްމު ކަމެކެވެ.

"އަދި އެކަން އެހެން އޮތް އިރު އިންޑިއާ ކަނޑު ވެފައި ވަނީ މުލެން ފާހަގަކުރައްވާފައިވާ ސަރަހައްދުތަކަށް، އަދި އެސަރަަަހައްދުތަކުން އެމެރިކާ އަށް ހަކަތައިގެ ވަސީލަތްތަކާއި އެނޫން ވެސް ސްޓްރެޓެޖިކް ގޮތުން މުހިއްމު، މުދަލުގެ ބާވަތްތައް އުފުލާ މަގުގެ މެދަށް،" ކަން އޭނާ ފާހަގަ ކުރައްވަ އެވެ.

އޭގެ އިތުރުން އެމެރިކާގެ ސަލާމަތީ ޕްލޭން "ކްއަޑްރެނިއަލް ޑިފެންސް ރިވިއު 2010" ގައިވާ ގޮތުން އެމެރިކާ ސްޓްރެޓެޖިކް ރޭވުންތަކުގެ އެންމެ ބޮޑު އިސްކަމެއްދޭ ސަރަހައްދަކަށް މިހާރު ވެފައި ވަނީ އިންޑިއާ ކަނޑެވެ.
ސަލާމަތީ ގޮތުން ބަލާ އިރު އެމެރިކާ އަށް ނުރައްކަލަކަށް ވެދާ ފަދަ ބައެއްގެ ބާރާއި ނުފޫޒު، އިންޑިއާ ކަނޑާ ގުޅިފައިވާ މުހިއްމު ދެ ކަނޑު އޮޅި ކަމަށްވާ ހޮރުމުޒް ކަނޑު އޮޅިއާއި މަލަކާ ސްޓްރެއިޓް ގައި ގަދަވިޔަ ނުދިނުމުގެ ގޮތުން އިންޑިއާ ކަނޑުގައި އެމެރިކާ އިން ވަރުގަދައަށް ސާބިތުވެ އޮންނަން ޖެހެ އެވެ.

އިގުތިސާދީ ގޮތުން ބަލާ އިރު ދުނިޔޭގައި ވިޔަފާރި ކުރެވޭ ތެލުގެ ތިންބައި ކުޅަ ދެބައި އުފުލެނީ އިންޑިއާ ކަނޑުގެ ތެރެއިންނެވެ. އަދި ކޮންޓޭނާގައި އުފުލާ މުދަލުގެ ދެބައިކުޅަ އެއްބައި ވެސް އުފުލެނީ އިންޑިއާ ކަނޑުގައި ރާއްޖެ މި އޮތް ސަރަހައްދު ހުރަސްކޮށެވެ.

އަދި އެމެރިކާގެ ވިޔަފާރީގެ ބައިވެރިން ޗައިނާއާ ދެކުނުކޮރެއާ އާއި ޖަޕާނު ފަދަ ގައުމުތަކާ އެމެރިކާއާ ދެމެދު އުފުލާ މުދަލަކީ ވެސް މިސަރަހައްދު ހުރަސްކޮށް އުފުލާ މުދަލެވެ. އެ ގައުމުތަކާ އެމެރިކާއާ ދެމެދު ކުރާ ވިޔަފާރި އަކީ އަގުގެ ގޮތުން ބަލާއިރު އެމެރިކާގެ ބައިނަލްއަގުވާމީ ވިޔަފާރީގެ 20 ޕަސެންޓެވެ.

މިއީ ރާއްޖެ އޮތް ސަރަހައްދުގައިވާ އެމެރިކާގެ މަސްލަހަތު ތަކުގެ ތެރެއިން ކުޑަ މިންވަރެކެވެ.

ކަން މިހެން ހުރި އިރު މި މަސްލަހަތުތައް ހިމާޔަތް ކުރުމަށް އެމެރިކާ އަށް ލިބިފައިވާ ހަމަ އެކަނި ވަސީލަތަކީ ރާއްޖޭގެ ދެކުނުން އޮތް ފޯޅަވަހި (ޑިއަގޯ ގާސިއާ) އެވެ. އިނގިރޭސިންގެ އަތުން އެމެރިކާ އިން އެތަން ކުއްޔަށް ހިފުމަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތު އަންނަ އަހަރު ތެރޭގައި ހަމަވާނެ އެވެ. އަދި އެ އެއްބަސްވުން އަލުން އާ ކުރުމާ މެދު އިނގިރޭސިން ގޮތެއް ނިންމާފައެއް ނުމެވޭމެ އެވެ. ބޮޑަށް ބެލެވިފައި ވަނީ ވެސް އާ ނުކުރާނެ ކަމަށެވެ.

އަނެއް ކަމަކީ އެމެރިކާގެ ހަތުރެއް ކަމަށްވާ އީރާނާ ގާތް ގުޅުމެއް އޮންނަ ޗައިނާ އިން އިންޑިއާ ކަނޑުގައި އެމީހުންނަށް ފަސޭހައިން ވަދެ ނުކުމެވޭ ބަނދަރުތަކެއް ހޯދަމުން ދިއުމެވެ. އަދި އެގައުމުން އެކަން ކުރަނީ ރަސްމީ ސިފައެއްގައި އެއްބަސްވުންތަކުގައި ސޮއިކޮށްގެން ކަމަށް ނުވާތީ އެކަން ހުއްޓުވުމަށް އެމެރިކާ އަށް ސިޔާސީ ގޮތުން ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ.

އިންޑިއާގެ މަސްލަހަތުތައް

ވިޔަފާރިއާއި ދުނިޔޭގައި ސިޔާސީ ގޮތުން ލީޑްކުރާ މިންވަރާ ގުޅިގެން އިންޑިއާ ކަނޑުގެ ކޮންޓްރޯލް އެމެރިކާއަށް މުހިއްމު ވެފައިވާ މިންވަރު އެނގި ހިނގައްޖެ އެވެ. އެހެން ކަމުން އެމެރިކާ އަށް ވުރެ ކައިރީގައިވާ ގައުމެއްގެ ހައިސިއްޔަތުންނާއި ވިޔަފާރިއާއި އިގުތިސާދީ ގޮތުން އަދި ބައިނަލްއަގުވާމީ ސިޔާސީ ގޮތުން ކުރިއަރަމުން އަންނަ މިންވަރަށް ބަލާއިރު ރާއްޖެ ހިމެނޭ ސަރަހައްދަކީ އިންޑިއާގެ މަސްލަހަތު އެމެރިކާއަށް ވުރެ ވެސް މާ ބޮޑަށް އޮތް ސަރަހައްދެކެެވެ.

އިގުތިސާދީ ގޮތުން ބަލާ ނަމަ، އިންޑިއާގައި ބޭނުންކުރާ ތެލުގެ ބޮޑު ބަޔަކީ ރާއްޖެ ހިމެނޭ ސަރަހައްދު ހުރަސްކޮށް އުފުލަން ޖެހޭ ތެލެވެ. ޓެއިލާ އެންޑް ފްރެންސިސްގެ ރިޕޯޓް ބުނާ ގޮތުން އެމެރިކާގެ ގަލްފު އޮއިލް ކުންފުނީގެ ސާފުކުރި ތެޔޮ ދާދި އަވަހަށް ވެގެންދާނީ އިންޑިއާގައި ބޭނުންކުރާ ތެލުގެ 90 ޕަސެންޓަށެވެ.

އަދި އޭޝިއާގައި އުފައްދާ ތަކެތީގެ ބޮޑު ބަޔަކީ އިންޑިއާ އިން އުފައްދާ ތަކެތި ކަމަށް ވާއިރު އެތަކެތި ޔޫރަޕާއި އެމެރިކާގެ ބާޒާރުތަކާ ހަމައަށް ފޯރަން އޮތީ މިސަރަހައްދު ހުރަސްކޮށް ދަތުރުކުރާ ކަނޑުބޯޓްތަކުގެ ޒަރީއާއިންނެވެ.

އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ދައުރުކުރާ މުދަލުގެ 75 ޕަސެންޓަކީ މިސަރަހައްދު ހުރަސްކޮށް އުފުލޭ މުދާ ކަމަށް ވާއިރު އޭޝިއާގައި އިގުތިސާދީ ގޮތުން އެންމެ ބާރަށް ކުރިއަރަމުން އަންނަ، އަދި އެންމެ ގިނަ މުދާ ދައުރު ކުރާ އެއް ގައުމަކީ އިންޑިއާ އެވެ.

ސަލާމަތީ ގޮތުން ބަލާ އިރު ސަލާމަތީ އަދި ދިފާއީ ގޮތުން އިންޑިއާއާ އެންމެ ބޮޑަށް ވާދަކުރަމުން އަންނަ ޗައިނާއިން ދަނީ މިސަރަހައްދު ކޮންޓްރޯލް ކުރުމަށް ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ. އެފްރިކާގެ އައްސޭރިފަށުގެ ގައުމުތަކުން ފެށިގެން ސްރީލަންކާއާ ހަމައަށް ޗައިނާ އިން ވަނީ ވިސްނުންތެރި ކަމާ އެކު ނުފޫޒު ފޯރުވާފަ އެވެ.

ޗައިނާ ކުރިއަރައި، އިންޑިއާ އަށް ހުރަސް އެޅުމުގެ ކުރިން އެކަން ހުއްޓުވުމަށް މިވަގުތަށް އިންޑިއާއަށް އެންމެ މުހިއްމު ގައުމަކީ ރާއްޖެ އެވެ.

އެހެން ކަމުން ރާއްޖޭގައި އުފެދޭ ދާޚިލީ ކަންތައްތައް ހައްލުކުރަން ނުވަތަ އެމީހުން ބޭނުން ހައްލެއް ހޯދަން އިންޑިއާ އާއި އެމެރިކާ ވެސް މައްސަތްކުރަމުން އެދަނީ އެމީހުންގެ ބުނެވި ދިޔަ މަސްލަހަތުތައް ހިމާޔަތް ކުރުމަށެވެ. އެމެރިކާ އިން ނުބުނި ނަމަވެސް އިންޑިއާ އިން އެމީހުންގެ މަސްލަހަތުތަކެއްގެ ވާހަކަ ދައްކަނީ މިފަދަ މުހިއްމު މަސްލަހަތުތައް ހުރީމަ އެވެ.

އެމެރިކާ އިން އެވާހަކަ އެހާ ފާޅުކަން ބޮޑު ގޮތެއްގައި ނުދައްކަނީ އެގައުމުގެ ސިޔާސަތަކީ "އެމީހުން ޓާގެޓްކުރާ ގައުމުން، ސިޔާސީ ގޮތުން ކަންބޮޑު ނުވާ މިންވަރަށް އެގައުމުގެ ކަންކަމުގައި ބައިވެރިވުން ކަމަށް" ކްއަޑްރެނިއަލް ޑިފެންސް ރިވިއު 2010 ގައިވެ އެވެ. އެ ޕްލޭންގައި ވާގޮތުން އެގައުމުން މަސައްކަތް ކުރާނީ އެގައުމަކުން މާބޮޑަށް ވޮޝިންޓަނަށް ބަރޯސާ ނުވާ ވަރު ބަލައިގެން އެގައުމެއްގެ ގާބިލުކަން އިތުރު ކުުރުމަށެވެ. އެއީ އެހެން ނުވެއްޖެ ނަމަ، އެމެރިކާ އިން އެގައުުމުގެ ސިފައިންނާއި ހަތިޔާރު ބޭނުން ކުރަން ޖެހި، ހަރަދުތައް ބޮޑުވެދާނެތީ އެވެ.