އޭޑީކޭ ކައިރީގައި ރޭ ފަތިހު ދެ ފުލުހަކަށް ގެއްލުންދީ އެ ސަރަހައްދުން ދިޔަ ފުލުހުންގެ ވެހިކަލަކަށް ގެއްލުންދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ފަތިހު 3:50 ހާއިރު އޭޑިކޭ ހޮސްޕޓަލް ކައިރީ އެއްވެ ތިބި މީހުންގެ ތެރެއިން ބަޔަކު ދެ ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށެވެ. ނަމަވެސް ފުލުހުންނަށް ސީރިއަސްއަނިޔާތަކެއް ލިބުނުކަން އެނގިފަ އެއް ނުވެ އެވެ.

ފުލުހަކަށް ހަމަލާދިނުމުގެ އިތުރުން އޭޑީކޭ ސަރަހައްދުން ދިޔަ ފުލުހުންގެ ވެހިކަލަކަށް ވެސް ބައެއް މީހުން ވަނީ ގެއްލުންދީފައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މާލޭގައި އެމްޑީޕީން ކުރިއަށްގެންދާ މުޒާހަރާގައި ފުލުހުންނަށާއި ފުލުހުންގެ ވެހިކަލްތަކުގައި ރޯކޮށް އެކިވަރުގެ ގެއްލުން އަންނަނީ ދެމުންނެވެ.

މީގެ އިތުރުން ވެސް މުޒާހަރާ ކަވަރު ކުރާ ނޫސްވެރިންނަށް ވެސް ދަނީ ހަމަލާތައް ދެމުންނެވެ.