މާލޭގެ ދެ ސަރަހައްދަނުން ނޫސްވެރިންނަށް ހަމަލާދީ، އެކަކު ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.

މިރޭގެ މުޒާހަރާގައި އެންމެ ފުރަތަމަ ނޫސްވެރިންނަށް ހަމަލާ އަމާޒުވީ އެމްޑީޕީން ސޯސަން މަގުގައި ކުރި މުޒާހަރާގެ ތެރެއިންނެވެ. އެ ސަރަހައްދުން ވަނީ ތިނަރު އަޅާފައިވާ ޕެކެޓެއް ނޫސްވެރިންގެ ގަޔަށް ޖަހާފަ އެވެ.

ދެ ވަނަ ހަމަލާ އަމާޒުވީ ރާއްޖެ ޓީވީގެ ޑެޕިއުޓީ ސީއީއޯ އިބްރާހިމް ވަހީދު (އަސްވާޑު) އަށެވެ. އެނާއަށް ހަމަލާދީފައި ވަނީ އާޓްފިޝަލް ބީޗު ސަރަހައްދު ބޮޑުތަކުރުފާނު މަގުން ސައިކަލެއްގައި ދަނިކޮށެވެ.

ރާއްޖެ ޓީވީގެ ސީއީއޯ އަބްދުﷲ ޔާމިން ވިދާޅުވީ ސައިކަލެއްގައި އަސްވާޑު ދަނިކޮށް، ދަގަނޑު ބުރިއަކުން އޭނާގެ ބޮލުގައި ޖަހައި ބޯ ފަޅާލާފައިވާ ކަމަށެވެ. އެހަމަލާއާ ގުޅިގެން އޭޑީކޭގައި އޭނާއަށް ފަރުވާދެމުންދާ ކަމަށާއި އަސްވާޑުގެ ހާލު ސީރިއަސް ކަމަށް ޔާމިން ވިދާޅުވި އެވެ.

ނަމަވެސް ހަމަލާ ދިނީ ކޮން ބައެއް ކަމެއް ނޭނގޭ ކަމަށް ޔާމިން ވިދާޅުވި އެވެ.

އެމްޑީޕީން މާލޭގައި ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާގައި ތިނަރު އަޅާފައިވާ ޕެކެޓަކުން ހަމަލާ ދިނުމުން ދެ ނޫސްވެރިއަކަށް ވެސް އޭޑީކޭ ހޮސްޕިޓަލުން ފަރުވާދީފައިވެ އެވެ. އެ ހަމަލާ އަމާޒުވީ މޯލްޑިވްސް ބްރޯޓްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ ދަށުން ހިންގާ ޓީވީއެމްގެ ޑެޕިއުޓީ އެޑިޓަރު އައިޝަތު ލީޒާއި ނޫސްވެރިޔާ އައިމިނަތު ސާނީ އަށެވެ.

ނޫސްވެރިންނަށް މިރޭ ދީފައިވާ ހަމަލާތައް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ ކުށްވެރިކޮށްފަ އެވެ.

އެމްޖޭއޭގެ ރައީސް ހިރިގާ އަހުމަދު ޒާހިރު ވިދާޅުވީ ނޫސްވެރިންނަށް މިރޭ ދީފައިވާ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި ނޫސްވެރިންނަށް ހަމަލާދިން ފަރާތްތައް ހޯދައި އެ ފަރާތްތަކަށް ގާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލާ ކަމަށެވެ.