22 Feb 2013, 23:09
މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ރާއްޖެ އަށް އެހީ ބޭނުންވާ ދާއިރާތަކާ ބެހޭ ގޮތުން އެމެރިކާ އިން މަޝްވަރާކޮށްފި އެވެ.
ޔުނައިޓެޑް ސްޓޭޓްސް އެއިޑް ފޯ އިންޓަނޭޝަނަލް ޑެވެލޮޕްމަންޓް (ޔޫއެސްއެއިޑް)ގެ ސީނިއާ ޑެޕިއުޓީ އެސިސްޓަންޓް އެޑްމިނިސްޓްރޭޓާ ޑެނީސް ރޮލިންސް (ފޮޓޯ) ބުރާސްފަތި ދުވަހު ރާއްޖެ އަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދާއި މިނިސްޓަރު އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް ދުންޔާ މައުމޫނާ ބައްދަލުކުރައްވާފައިވާ ކަމަށް ލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީއިން ބުނެ އެވެ.
އެމްބަސީގެ ބަޔާނެއްގައި ބުނެފައި ވަނީ ރޮލިންސްގެ ދަތުރުފުޅުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކޮށްފައި ވަނީ ރާއްޖޭގެ އިލެކްޝަންސް ކޮމިޝަން ބާރުވެރިކުރުމުގެ މަސައްކަތުގެ އިތުރުން މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ރާއްޖެ އަށް އެހީ ބެނުންވާނެ ދާއިރާތަކަށް ކަމަށެވެ.
މިގޮތުން އިލެކްޝަންސް ކޮމިޝަނާއި ރާއްޖޭގެ އެންވަޔަރަމަންޓް މިނިސްޓްރީގެ އޮފިޝަލުންނާ ބައްދަލުކުރައްވާފައިވާ ކަމަށް ޔޫއެސްއެއިޑާ ހަވާލާދީ އެމެރިކާގެ އެމްބަސީ އިން ބުނެ އެވެ.
އެމެރިކާ އަކީ ރާއްޖޭގެ ތަރައްގީގެ އެއް ބައިވެރިއެއްގެ ގޮތުގައި ބެލެވޭ އިރު، 2001 ވަނަ އަހަރުން ފެށިގެން ރާއްޖެ އަށް އެހީ ބޭނުންވާ އެކިއެކި ދާއިރާތަކަށް ފަންނީ އަދި މާލީ އެހީ އެމެރިކާ އިން ދަނީ ފޯރުކޮށް ދެމުން ނެވެ.
މިގޮތުން 2004 ވަނަ އަހަރުގެ އިންޑިއަން އޯޝަން ސުނާމީގައި ރާއްޖެ އަށް ލިބުނު ގެއްލުންތަކާ ގުޅިގެން އެމެރިކާ އިން 12 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ވެފައިވާ ކަން ފާހަގަކޮށްލެވެ އެވެ.