22 Feb 2013, 14:36
މަރުވެފައި އޮތް ކިނބުލެއް ކަމަށް ބެލެވޭ އެއްޗެއް ނ. މިލަދޫ ޖެޓީ ސަރަހައްދުން އިއްޔެ ފެނިއްޖެ އެވެ.
މިލަދޫ ކައުންސިލްގެ ނާއިބް ރައީސް މުހައްމަދު އަލީ މިއަދު ވިދާޅުވީ އިއްޔެ ހަވީރު 3:00 އެހާކަންހާއިރު އޭތި ފެނުނީ އެ ރަށު ދެކުނު ފަރާތު ޖެޓީ ކައިރިން އޮޔާ ދަނިކޮށް ކަމަށެވެ.
އިއްޔެ ހަވީރު ޖެޓީ އަށް ގޮސް ތިބި ބަޔަކަށް ފެނިފައި ވަނީ 20 ވަރަކަށް ފޫޓުގެ ކިނބުލެއް ކަމަށް ބެލެވޭ ކަމަށާއި އޭތި ނެގުމަށްޓަކައި އެއްވެސް މަސައްކަތެއް ކޮށްފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭތި އޮތީ ވަރަށް ބޮޑަށް ގިރިފައި ކަމަށާއި މިލަދޫ ކައިރީ އޮންނަ ގެމެންދޫ ނަމަކަށް ކިޔާ ފަޅުރަށަކަށް އޭތި ލައްގާފައިވާ ކަމަށް އެ ސަރަހައްދަކުން ދަތުރު ކުރި ދޯންޏަކުން މައުލޫމާތު ދީފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ފުލުހުންނަކަށް ވެސް ރިޕޯޓެއް ނުކުރަން. ވަރަށް ބޮޑަށް ގިރިފައި އޭތި އޮތީ. އެސަރަހައްދުން ދަތުރު ކުރި ދޯންޏަކުން އަޅުގަނޑުމެންނަށް މައުލޫމާތު ދިންގޮތުގައި މިރަށް ކައިރީ އޮންނަ ގެމެންދޫ ނަމަކަށް ކިޔާ ފަޅުރަށަށް އޭތި ވަނީ ލައްގާފައި. އޭތި ގެނައުމަށް އެއްވެސް މަސައްކަތެއް އަޅުގަނޑުމެން ނުކުރަން،" މުހައްމަދު އަލީ ވިދާޅުވި އެވެ.