ކުށްމަދުކުރުމަށް ޓަކައި ފުލުހުން މި އަހަރު ފަށާފައިވާ "އެންމެން އެކުގައި" ކެމްޕެއިންގެ ދަށުން ހިންގޭ ފުރަތަމަ ޕްރޮގްރާމް "ބީ ރެޑީ ކޭމްޕް" ތުލުސްދޫގައި މިއަދު ފަށައިފި އެވެ.

މި ކެންޕެއިމް ފެށުމަށް މިއަދު ހެނދުނު ކ. އަތޮޅު ތައުލީމީ މަރުކަޒުގައި އޮތް ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ރަސްމީކޮށް ފައްޓަވާދެއްވީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ކްރައިމް ޕްރިވެންޝަން ޔުނިޓްގެ ހެޑް، ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ފާތިމަތު ނަޝްވާ އާއި ކ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދު އެވެ.

ސްކޫލްތަކުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށާއި ޒުވާނުންނަށް ދިރިއުޅުމުގެ ރިވެތި އަދަބުތަކާއި އުސޫލުތައް ދަސްކޮށްދިނުމުގައި ހަރަކާތްތެރިވާ މަދަނީ ޖަމްއިއްޔާއެއް ކަމުގައިވާ ހޭންޑް އިން ހޭންޑް އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ޕަބްލިކްއެފެއާޒް ޑިޕާޓްމަންޓް ގުޅިގެން ކުރިއަށް ގެންދާ މި ކޭމްޕުގައި މިއަދު ހެނދުނު ދަންފަޅީގައި ކުރިއަށް ގެންދަނީ ސްކޫލް ކުދިންނަށް ލިވިން ވެލިއުސް ނުވަތަ ދިރިއުޅުމުގެ ރިވެތި އަދަބުތައް ދަސްކޮށްދިނުމަށް ކުރިއަށް ގެންދާ ސެޝަނެކެވެ.

މި ކޭމްޕްގައި ސްކޫލް ކުދިންނަށް ދިރިއުޅުމުގެ ރިވެތި އަދަބުތަކާއި އުސޫލުތައް ދަސްކޮށްދިނުމުގެ އިތުރުން އާންމު އިޖުތިމާއީ މިންގަނޑަށް އަހުލުވެރިކުރުވައި ގާނޫނީ ގޮތުން ލިބިދޭ ރައްކާތެރިކަމާއި ޒިންމާތައް އޮޅުންފިލުވައިދީ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަހުލުވެރިކުރުވައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިކަމާ އެކު ސަލާމަތްވާނެ ގޮތުގެ ފަޔާ ޑްރިލް އެއް ވަނީ ހުށަހަޅައިދީފަ އެވެ.

މިޕްރޮގްރާމް ފެށުމުގެ ކުރިން ރޭ ވަނީ ތުލުސްދޫ ރަށު ކައުންސިލްގެ މެމްބަރުންނާއި ސްކޫލްގެ ވެރިންނާއި ތުލުސްދޫގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތަކުގެ އިސްވެރިންނާއި ތުލުސްދޫގެ ބައެއް ވިޔަފާރިވެރިންނާއި ބައްދަލުކޮށް ޕްރޮގްރާމް ކުރިއަށް ގެންދާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފަ އެވެ.

އެންމެން އެކުގައި ކެމްޕެއިންގެ ދަށުން ތުލުސްދޫގައި މިހަރަކާތްތައް ކުރިއަށް ގެންދާނީ ފުލުހުންނާއި ހޭންޑް އިން ހޭންޑް އަދި އެމްއެންޑީއެފްގެ އެހީތެރިކަމާއެކުގައި ކަމަށް ފުލުހުން ބުންޏެވެ.