ވިއެނާ (ފެބްރުއަރީ 22): އީރާނުން ނިއުކްލިޔާ ތަޖްރިބާތަކެއް ކޮށްފައިވާ ކަމަށް ޝައްކުކުރެވޭ ކަމަށް އިންޓަނޭޝަނަލް އެޓަމިކް އެނަރޖީ އެޖެންސީ (އައިއޭއީއޭ) ބުނެފި އެވެ.

އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމާ ބެހޭ ގޮތުން އެއެޖެންސީ އިން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ އީރާނުން އާދައިގެ ނިއުކްލިޔާ ތަޖްރިބާތަކެއް ބިމުއަޑީގައި ކޮށްފައިވާ ކަމަށް ބެލެވޭ ފަދަ ހެކިތަކެއް އެބަހުރި ކަމުގައެވެ. މިއީ ނިއުކްލިޔާ ހަތިޔާރެއް ގޮއްވާލުން ފަދަ ބޮޑު ތަޖްރިބާތަކެއް ކަމަށް ނުވިނަމަވެސް މިއީ ނިއުކްލިޔާ ހަތިޔާރާ ގުޅިފައިވާ ތަޖްރިބާތަކެއް ކަމަށް ޝައްކުކުރެވޭ ކަމަށާއި މިތަޖްރިބާތައް ކޮށްފައި ވަނީ ތެހެރާންގެ ކައިރީ ހިސާބެއްގައިވާ ޢަސްކަރީ މަރުކަޒެއްގެ ބިމުއަޑީގައި ކަމަށް ބެލެވޭކަމަށް ވެސް މިރިޕޯޓް ބުނެ އެވެ. ނަމަވެސް އީރާނުން ކުރިކަމަށް ތުހުމަތުކުރެވޭ މިނިއުކްލިޔާ ތަޖްރިބާތަކާ ބެހޭ އިތުރު ތަފްސީލެއް މިރިޕޯޓްގައި ދީފައެއްނުވެ އެވެ.

އައިއޭއީއޭގެ ރިޕޯޓްގައި ޔޫރޭނިޔަމް ފައްކާކުރާ ސެންޓްރިފިއުޖްގެ މުޅިން އައު މެޝިންތަކެއް އީރާނުން އެގައުމުގެ ނަތަންޒް ނއުކްލިޔާ މަރުކަޒުގައި ހަރުކުރަމުން ގެންދާ ކަމަށް ވެސް ބުނެފައިވެ އެވެ. މިއީ އީރާނުން ޔޫރޭނިޔަމް ފައްކާކުރުމަށް މިހާރު ބޭނުންކުރާ ސެންޓްރިފިއުޖްގެ މެޝިންތަކަށްވުރެ ތިނެއް ނުވަތަ ހަތަރުގުނަ އަވަހަށް ޔޫރޭނިޔަމް ފައްކާކުރުމުގެ ޤާބިލްކަން ލިބިގެންވާ މެޝިންތަކެއް ކަމަށް މިރިޕޯޓް ގައިފާހަގަކޮށްފައިވެ އެވެ. އީރާނުން ވެސް ވަނީ ޓެކްނޮލޮޖީގެ ގޮތުން ވަރަށް ބޮޑަށް ކުރިއަރާފައިވާ މިމެޝިންތައް އެގައުމުގެ ނަތަންޒް ނިއުކްލިޔަރ މަރުކަޒުގައި ހަރުކުރަމުންގެންދާކަން އައިއޭއީއޭ އަށް އަންގާފަ އެވެ.

އީރާނުން މިމެޝިންތައް ހަރުކުރާ ޚަބަރާގުޅިގެން އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވަނީ މިއީ ޖެއްސުމުގެ ޢަމަލެއް ކަމަށް ސިފަކޮށްފައެވެ. އީރާނުގެ ނިއުކްލިޔަރ މައްސަލައާބެހޭގޮތުން މަޝްވަރާ ކުރުމަށްޓަކައި އެގައުމާއި ދުނިޔޭގެ ބޮޑެތި ބާރުތައް އަންނަ ހަފްތާގައި ކަޒަޚިސްތާނުގައި ބޭއްވުމަށް މިހާރުވަނީ ހަމަޖެހިފައިވާ އިރު އީރާނުގެ މިފިޔަވަޅުގެ ސަބަބުން މިވަހަކަތަކަށް ނޭދެވޭ އަސަރުކުރާނެ ކަމަށާ މި މަޝްވަރާތަކުގައި އީރާނުން ދޫދޭން ޖެހޭނެ ކަމަށްބުނެ އެމެރިކާގެ ޚާރިޖިއްޔާއިން ވަނީ ބަޔާނެއް ވެސް ނެރެފަ އެވެ. އީރާނުންވަނީ އެގައުމުގެ ނިއުކްލިޔާ ޕްރޮގްރާމްގައި ދޫދޭން ޖެހޭ ކަމެއްނެތް ކަމަށާއި ނިއުކްލިޔާ ޙައްޤެއްގެ ގޮތުގައި ބައިނަލްއަޤްވާމީ ޤާނޫނުގައި ކޮންމެ ގައުމަކަށް ވެސް ލިބިދީފައިވާ ކަމެއްނޫން ކަމެއް އެގައުމުގެ ނިއުކްލިޔަރ ޕްރޮގްރާމްގައި ނުހިމެނޭކަމަށްބުނެފަ އެވެ.

ޔޫރޭނިޔަމް ފައްކާކުރުމަށް އީރާނުން އުފެއްދި ސެންޓްރިފިއުޖްގެ އާ މެޝިންތަކާބެހޭ ގޮތުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވަނީ މިއީ ނިއުކްލިޔާ ހަތިޔާރު އުދެއްދުމަށް އީރާނަށް ބޭނުންވާ މުއްދަތު ތިންބައިކުޅަ އެއްބަޔަށް އަވަސް ވެގެންދާނެ ކަމެއް ކަމަށް ސިފަކުރައްވާފަ އެވެ. އަދި އުތުރުކޮރެޔާ ދާދިފަހުންކުރި އެގައުމުގެ ނިއުކްލިޔަރ ތިން ވަނަ ތަޖްރިބާގައި އީރާނުގެ ސައެންސްވެރިން ސިއްރިޔާތުގައި ބައިވެރިވެފައިވާކަމަށް އިސްރާއީލުގެ ޖާސޫސީ ދާއިރާތަކުން ފާހަގކޮށްފައިވާ ކަމަށްވެސް ނަތަނިޔާހޫ ވިދާޅުވެފައިވެ އެވެ.

އިސްރާއީލުން އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ މެދު ކަންބޮޑުވާކަން ހާމަކުރާ އިރު އީރާނުން ގެންދަނީ އިސްރާއީލުގެ ނިއުކްލިޔަރ ޕްރޮގްރާމަކީ އިސްލާމީ ދުނިޔެއަށް އަމާޒުކޮށްގެން ހިންގާ ފަނާކުރަނިވި ޕްރޮގްރާމެއް ކަމަށް ބުނަމުންނެވެ. އިސްރާއީލުން 200 ވަރަކަށް ނިއުކްލިޔާ ހަތިޔާރު އުފައްދައި ރައްކާކޮށްފައިވާ ކަމަށް ހުޅަނގުގެ ޖާސޫސީ ފަރާތްތަކުންވެސް ލަފާކުރެ އެވެ. (ނޫސްއެޖެންސީތައް)