22 Feb 2013, 14:01
ރައީސް މުހައްމަދު ނަޝީދު އިންޑިއަން ހައިކޮމިޝަންގައި ހުންނެވި މައްސަލައާ ގުޅިގެން ސަރުކާރާ އެކު އިންޑިއާ އިން ކުރިއަށް ގެންދާ މަޝްވަރާތަކަށް ކޮންމެ ވެސް ވަރެއްގެ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އިންޑިއަން ހައިކޮމިޝަނުން ބުނެފި އެވެ.
މަޝްވަރާތަކަށް އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ޖޮއިންޓް ސެކްރެޓަރީ ހަރުޝް ވަރުދަން ޝްރިންގްލާ އެކު ރާއްޖެ ވަޑައިގެން އުޅުއްވާ ހަތަރު ބޭފުޅުންގެ ވަފުދުން ވަނީ ސަރުކާރުގެ އިސްބޭފުޅުންނާއި ސިޔާސީ ޕާޓީތަކުގެ ވެރިންގެ އިތުރުން މިނިވަން މުއައްސަސާތަކުގެ އިސް ފަރާތްތަކާ ވެސް ބައްދަލުކޮށްފަ އެވެ.
އިންޑިއަން ހައިކޮމިޝަނުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އިންޑިއާގެ ވަފުދުން ކަމާ ބެހޭ ފަރާތްތަކާ އެކު ބޭއްވި އެކިއެކި ބައްދަލުވުމުގައި އެ މައްސަލާގައި ކުރިއަށް ދެވިދާނެ ކަމަށް ބެލެވޭތީ އެ މައްސަލާގައި ހައްލެއް ހޯދުމަށް އެވަފުދުގެ ބޭފުޅުން އިތުރަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ނަޝީދުގެ މައްސަލާގައި ސަރުކާރުގެ އިތުރުން ކަމާ ބެހޭ އެހެނިހެން ފާރާތްތަކުން ވެސް އިންޑިއާގެ ވަފުދަށް އެއްބާރުލުން ދީފައިވާ ކަމަށާއި އިންޑިއާ އާއި ރާއްޖެ އާ ދެގައުމުގައި އޮތް ގުޅުމުގެ ރޫހުމުގައި މަސައްކަތް ކުުރުމަށް ސަރުކާރުގެ އިތުރުން އެވަފުދުން ބައްދަލުކުރި އެހެން ފަރާތްތަކުން އެއްބަސްވެފައިވާ ކަމަށް ވެސް އެނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގެ ޝަރީއަތަށް ނަޝީދު ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ހާޒިރުކުރުމަށް ކޯޓުން އަމުރެއް ނެރުމާ ގުޅިގެން ފުލުހުން އެއަމަރު ތަންފީޒު ކުރުމުގެ މަސައްކަތް ފެށުމާ އެކު، ނަޝީދު އަމިއްލަފުޅަށް އިންޑިއަން ހައިކޮމިޝަނަށް ވަޑައިގެން "ހިމާޔަތް" ހޯދެވައިގެން ހުންނެވި ކަމަށް ވަނީ ވިދާޅުވެފަ އެވެ. އޭގެ ފަހުން މިއަދަށް އަށް ދުވަސް ވެފައިވާއިރު ފުލުހުންގެ މައްޗަށް ކޯޓުން ނެރުނު އެފަދަ ދެވަނަ އަމުރު ވެސް ތަންފީޒު ނުކުރެވިފައި ވަނީ ނަޝީދު ހައިކޮމިޝަންގައި އިންނެވުމުންނެވެ.