22 Feb 2013, 13:50
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު( އެންޑީއެމްސީ) އިން ހިންގާފައިވާ 24 މިލިއަން ރުފިޔާގެ ހިޔާނާތުގެ ތުހުމަތުގައި ހައްޔަރު ކުރި ރ. ކަނދޮޅުދޫ ހުސްނުހީނާގޭ މޫސާ އަލީ ކަލޭފާނުގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ ރަނގަޅަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.
ހައިކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނަނީ 2007 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރުގެ މެއި މަހުގެ 11 ވަނަ ދުވަހާ ހަމަ އަށް އެންޑީއެމްސީގެ ވަޒީފާގައި މޫސާ އަލީ ކަލޭފާނު ހުރިކަމަށް އޭނާ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގޭ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް ފުރަތަމަ ބަޔާން ދިނުމަށް ފަހު އެންޑީއެމްސީ އަށް ގޮސް އެތަނުގެ މުވައްޒަފަކާ ބައްދަލުކޮށް ތަހުގީގު ކުރެވޭ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކާފައިވާ ކަމަށް އޭނާ ހައިކޯޓުގައި އިއުތިރާފުވެފައިވާ ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައިވެ އެވެ.
ފުލުހުންގެ ތަހުގީގަށް ދެވަނަ ފަހަރަށް އޭނާ ބަޔާން ދިން އިރު ކުރީގެ ބަޔާނާ ތަފާތުކޮށް އޭނާ ބަޔާން ދީފައިވާކަން އެނގެން އޮންނައިރު ވަޒީފާ އިން ވަކިވުމަށް ފަހު ވެސް އެ މައްސަލަ ތަހުގީގު ކުރެވެމުން ދިޔަ ދަނޑިވަޅެއްގައި އެތަނުގެ މުވައްޒަފަކާ ބައްދަލުކޮށް ތަހުގީގާ ބެހޭ ގޮތުން ވާހަކަ ދެއްކުމަކީ އެއީ ހެކިފޮރުވުމަށް މޫސާ އަލީ ކަލޭފާނު މަސައްކަތް ކޮށްފާނެ ކަމަށް ބެލެވޭ މަގުބޫލު ސަބަބެއް ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައިވެ އެވެ.
މޫސާ އަލީ ކަލޭފާނުގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ ރަނގަޅަށް ކަމަށް ހައިކޯޓުން ކަނޑައެޅި ނަމަވެސް އެ މައްސަލައިގައި ހައްޔަރު ކުރި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ކުރީގެ ވެރިޔާ އަބްދުﷲ ޝާހިދާއި ގދ. ހޯޑެއްދޫ ފޭރުމާގޭ އަބްދުﷲ ސައީދާއި މއ. އެވަގްލޯރީ އަހްމަދު އާރިފް، 49، އާއި ބ. އޭދަފުށީ ދިގަލި މުހައްމަދު ވަހީދު، 53، އާއި 49 އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ބޭބެ މުހައްމަދު ޝާހިދު 53، ދޫކޮށްލުމަށް ހައިކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.