22 Feb 2013, 13:42
ނިއުދިއްލީ (ފެބްރުއަރީ 22) : އިންޑިޔާއިން މިއަހަރު ތެރޭގައި މާސް އަށް ދިރާސާ އުޅަނދެއް ފޮނުވާނެކަން އެގައުމުގެ ރައީސް ޕްރަނާބް މުކަރްޖީ ހާމަކުރައްވައިފި އެވެ.
އިންޑިޔާގެ ޕާލަމެންޓްގައި ވާހަކަ ދައްކަވަމުން މުކަރްޖީ އިއްޔެ ވިދާޅުވީ 2013 ގައި އިންޑިޔާއިން ފަޒާގެ ދާއިރާގައި އެތައް ޙަރަކާތްތަކެއް ހިންގުމަށް ރާވާފައިވާ ކަމަށާ މީގެތެރޭގައި ޖައްވަށް ނެވިގޭޝަން ސެޓަލައިޓެއް ފޮނުވުމާއި މާސް އަށް ދިރާސާ އުޅަނދެއް ފޮނުވުން ހިމެނޭކަމުގަ އެވެ. އިންޑިޔާގެ ފަޒާގެ ދިރާސާތަކާބެހޭ އިދާރާ "އިސްރޯ"ގެ ސައެންސްވެރިން ވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހު މާސް އަށް ދިރާސާ އުޅަނދެއް ފޮނުވަން ރާވާފައިވާކަން މިދިޔަ އަހަރު ހާމަކޮށްފަ އެވެ. މިއުޅަނދު ތައްޔާރުކޮށް މާސް އަށް ފޮނުވުމަށް 83 މިލިޔަން އެމެރިކާ ޑޮލަރުގެ ހޭދަވާނެ ކަމަށް ވެސް އިސްރޯ އިން ބުނެފައިވެ އެވެ.
އިންޑިޔާ އިން މާސް އަށް ފޮނުވާ އުޅަނދު ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ނިމުމަކަށް އަންނަމުންދާ އިރު މިއުޅަނދު ބިމުން ނައްޓާލުމަށް ފަހު މާސް އަށް ވާސިލްވުމަށް ވެސް ނުވަ މަސް ދުވަހުގެ މުއްދަތެއް ނަގާނެ ކަމަށްވެ އެވެ. ބިމާއި މާސް އާ ދެމެދުގެ ދުރުމިނަކީ ގާތްގަނޑަކަށް 225 މިލިޔަން ކިލޯމީޓަރު ކަމަށް ސައެންސް ވެރިން ބުނެ އެވެ. އިންޑިޔާ އިން މާސްއަށް ފޮނުވާ އުޅަނދު މާސްއަށް ތިރިނުކޮށް ބުރުޖެހުމަށް ހަމަޖެހިފައި ވަނީ މާސްއާ 500 ކިލޯމީޓަރު ދުރުމިނުގައިވާ ކުކުޅުބިސް ބުރުގެ އޯބިޓެއްގަ އެވެ.
އިންޑިޔާ އިން މާސް އަށް އުޅަނދެއް ފޮނުވާނެކަން ރައީސް ޕްރަނާބް މުކަރްޖީ އިޢްލާން މިކުރެއްވީ އިންޑިޔާގެ ފަޒާއާހޭ ޕްރޮގްރާމުގެ ދުވެލި މަޑުކަމާއި ތަރައްޤީ ކުރެވެމުންދާމިންވަރު ލަސްކަމުން އިންޑިޔާގެ އެތެރޭގައި ފާޑުކިޔުންތައް އިތުރުވެފައި ވަނިކޮށެވެ. އިންޑިޔާގެ ރައްޔިތުންގެ ގާތްގަނޑަކަށް 40 އިންސައްތަ މީހުން ފާޚާނާއާއި ނަރުދަމާގެ ނިޒާމުން އެއްކިބާ ކުރެވި ހިޔާވަހިކަމާއި ސާފު ބޯފެނާއި ސިއްޙީ އަސާސީ ޚިދްމަތްތަކުން މަޙްރޫމްވެފައިވާއިރު އިންޑިޔާގެ ބަޖެޓްގައި ފަޒާގެ ޓެކްނޮލޮޖީ ތަރައްޤީ ކުރުމަށް ގިނަ އަދަދެއްގެ ފައިސާ އެލޮކޭޓް ނުކުރެވޭނެ ކަމާއި މުއްސަނދި ގައުމުތައް ފަޒާގައި ކުރިޔަށްދާ މިންވަރަށް އިންޑިޔާ އަށް ކުރިޔަށް ނުދެވޭނެ ކަމަށް މިފާޑުކިޔުންތަކަށް ރައްދުދޭ ފަރާތްތަކުން ބުނެ އެވެ.
އިންޑިޔާގެ ފަޒާގެ ޕްރޮގްރާމް ފަށާފައި ވަނީ 1962 ގައި ކަމަށްވާ އިރު މިހާތަނަށް ވެސް ފަޒާއަށް އިންސާނަކު ފޮނުވުމުގައި އިންޑިޔާ އަށް ކާމިޔާބު ހޯދިފައެއްނުވެ އެވެ. ފަޒާގެ ރޮނގުގައި ކުރިއަރާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ރަޝިޔާ، އެމެރިކާ، ޗައިނާ އަދި ޖަޕާންގެ ސަފަށް އިންޑިޔާ އައުމަށް އަދިވެސް އެތަށް އަހަރުތަކެއް ނަގާނެކަމަށް ކަމާބެހޭ ލަފާކުރުންތައް ބުނެ އެވެ. އިންޑިޔާ އިން ފަޒާގެ ދާއިރާގައި ކޮށްފައިވާ އެންމެ ކާމިޔާބު މަސައްކަތަކީ މީގެ ފަސް އަހަރު ކުރިން އެގައުމުން ހަނދަށް ފޮނުވި "ޗަންދިޔާރު" ނަމަކަށްކިޔާ އުޅަނދެވެ. މިއުޅަނދުވަނީ ހަނދުގައި ފެންހުރިކަމުގެ ދަލީލެއް ހޯދާފައެވެ. (ނޫސްއެޖެންސީތައް)