22 Feb 2013, 13:25
ރާއްޖޭގެ ޒުވާނުންގެ މެދުގައި އެންމެ ފޯރިއާއެކު ކުރިއަރަމުން އަންނަ ފުޓްސަލް، ގައުމީ ފެންވަރުގައި ތަރައްގީކޮށް ފުޓްސަލްގެ ހުނަރުވެރިންތަކެއް ބިނާކުރުމުގެ މަޤްޞަދުގައި "ޔުނިޓީ ތުރޫ ފުޓްސަލް" ހަތް ދަނޑެއް އެޅުމަށް މިދިޔަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހު ދިވެހި ސަރުކާރުން ނިންމިއެވެ. އެހެން ނަމަވެސް ސަރުކާރުން އެކާން ކުރާން ނިންމި ފަހުން 11 މަސް ދުވަސް ވެއްޖެއެވެ. އެކަމަކު އެ ހަތް ފުޓްސަލް ދަނޑުތަކުގެ ތެރެއިން އަޅައިދެވިފައި އޮތީ އެންމެ ފުޓްސަލް ދަނޑެކެވެ.
ޔުނިޓީ ތުރޫ ފުޓްސަލް ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި ހަތް ފުޓްސަލް ދަނޑު އެޅުމަށް ފެށި މަޝްރޫއުގެ ދަށުން މިހާތަނަށް ރާއްޖޭގައި ހުރި ހަމައެކަނި ފުޓްސަލް ދަނޑު ހުރީ ހުޅުމާލޭގައެވެ. އެދަނޑު ރަސްމީކޮށް ހުޅުމާލޭގައި ހުޅުވާފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. އަދި އެ ދަނޑު ހުޅުމާލޭގައި ހުޅުވާދެއްވީ މިސަރުކާރުގެ ނައިބު ރައީސް މުޙައްމަދު ވަޙީދުއްދީން (ޑީން) އެވެ.
ބައިނަލްއަޤްވާމީ ފެންވަރަށް ރާއްޖޭގައި ހެދި އެންމެ ފުރަތަމަ ފުޓްސަލް ދަނޑު ހުޅުމާލޭގައި ހުއްޓެއްކަމަކު އެދަނޑުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ނުހިފޭކަމަށް އެދަނޑަށް ކުޅެންދާ ގިނަ ޒުވާނުންތައް ވަނީ ބުނެފައެވެ. ދައުލަތުން އެއްވެސް ޚަރަދެއް ނުގޮސް ހުޅުމާލޭގައި ހަދާފައިވާ ފުޓްސަލް ދަނޑުގައި ހަރުކޮށްފައިވާ ލައިޓްތަކާއި އެދަނޑުގައި އަޅާފައިވާ ރަބަރު ކާޕެޓްގަޑު ހަލާކުވުމުގެ ސަބަބުން އެ ދަނޑަށް ކުޅެންދާ ގިނަ ޒުވާނުންތަކެއް ސަކުވާތައް ވަނީ ފުނިޖެހިފައެވެ.
ހުޅުމާލޭ ފުޓްސަލް ދަނޑު ބޭނުން އެންމެ ފުރިހަމަ ގޮތުގައި ނުހިފޭކަމަށް ބުނެ، އަރަށުގައި ދިރިއުޅެމުން އަންނަ ގިނަ ޒުވާނުންތަކެއް ބުނީ، ރާއްޖޭގައި މިހާތަނަށް ހެދި ޔުނިޓީ ތުރޫ ފުޓްސަލް ދަނޑުގެ ބޭނުން ހެޔޮގޮތުގައި ހިފަން ބޭނުންވި ނަމަވެސް އެ ދަނޑަށް ވަންނަން ހުންނަ ގޭޓު ތަޅުލާފައި ހުރުމުން ދަނޑުގެ ބޭނުން ގިނަ ފަހަރަށް ނުހިފޭ ކަމަށެވެ. އަދި ދަނޑުގައި ރޭގަޑަށްކުޅެން ބޭނުންވި ނަމަވެސް ލައިޓުތައް އަދާފައި ހުރުމުން އެ ދަނޑުގެ ބޭނުން ނުހިފޭކަމަށް ވެސް ހުޅުމާލޭގައި ދިރިއުޅޭ ޒުވާނުން ބުނެއެވެ.
"ދަނޑުގެ ލައިޓުތައްވެސް ހުރީ އަދާފަ. ދަނޑުގައި އަޅާފައި އޮތް ރަބަރު ކާޕެޓު ގަނޑުވެސް ވަނީ ކޮންމެ ވެސް ވަރަކަށް ހަލާކުވެފައި. އެ ދަނޑަކީ ދުވާލުގަޑީގައި ކުޅެން އެހާ ރަނގަޅު ދަޑެއް ނޫން. ދުވާލުގަޑީގައި ހޫނުގަދަކަމުން ދަނޑުގެ ރަބަރުގަނޑު އޮންނަނީ ތެމިފަ. އެހެންކަމުން ގިނަފަހަރަށް ކައްސާލައިގެން ވެއްޓި ބޮޑެތި އަނިޔާތައް ލިބޭ. މާލޭގައި ހުންނަ ޒުވާނުންގެ މަރުކަޒާ ދަނޑު ބެލުމުގެ ކަންތައް ހަވާލް ކޮށްފައި އޮތް ކަމަކު އެމީހުން ދަނޑުގެ ކަންތައްހުރީ ކިހިނެއް ކަމެއް ނުބަލަ. ދެން އެދަނޑު ހާލަތު އިތުރަށް ގޯސްވާނަމަ އަހަރުމެން ފުޓްސަލް ކުޅޭނެ ރަނގަޅު ދަނޑެއްވެސް ނޯންނާނެ" ހުޅުމާލޭގައި ހުންނަ ފުޓްސަލް ދަނޑަށް ކުޅެންދާ ގިނަ ޒުވާނުންތަކެއް ބުންޏެވެ.
މާލެ އާއި ރާއްޖެ ތެރޭގައި އެޅުމަށް ނިންމި ހަތް ފުޓްސަލް ދަނޑުތަކުގެ ތެރެއިން ހުޅުމާލޭގައި ދެ ދަނޑެއް އެލުމަށް ސަރުކާރުން އޭރު ނިންމާ އެ އެއްބަސްވުންތަކުގައި ސޮއިކުރިއިރު ދެން ހުރި ދަނޑުތައް އެޅުމަށް ނިންމީ ވިލިމާލެއާއި އައްޑޫ ސިޓީއާއި ނ. ކެނދިކުޅުދޫ އަދި އދ. މަހިބަދޫގަ އެވެ.
ރާއްޖޭގެ ކުޅިވަރާ ބެހޭ މިނިސްޓރީން ފޯރުކޮށްދޭ ބިންތަކުގައި 10 އަހަރުގެ މުއްދަތަކަށް "އެކްސްކްލޫސިވް އެޑްވަޓައިޒިން ރައިޓްސް"ގެ ދަށުން އެސްޓީއޯ އިން ދެއްވާ ތަކެތީގައި އަޅަން އޭރު ނިންމި ފުޓްސަލް ދަނޑުތައް ބިނާ ކުރުމުގެ އަމަލީ މަސައްކަތް ކުރުމަށް އޭރު ހަމަޖެއްސީ އެމްއެންޑީއެފްގެ އިންޖީނިއަރިންގެ ބޭފުޅުންނާއި ޕޮލިހުންގެ ބޭފުޅުންނާ އެކުއެވެ. އަދި އެކަމުގެ ފަންނީ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކީ އެފްއޭއެމް ކަމުގައިވީ އިރު، އެދަނޑުތަކުގެ މަސައްކަތް ހުސްވި އަހަރުގެ މޭ މަހުގެ ތެރޭގައި ފަށާނެ ކަމަށް ވެސް މިނިސްޓުރީން އޭރު އިއުލާން ކުރިއެވެ. އެހެންނަމަވެސް އަދި ވެސް ރާއްޖޭގައި އޮތީ ހަމަ އެންމެ ފުޓްސަލް ދަނޑެކެވެ.
ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ހަތް ފުޓްސަލް ދަނޑުއެޅުމަށް ކުޅިވަރާ ބެހޭ މިނިސްޓްރީއާ އެކު މިދިޔަ އަހަރު ސޮއި ކުރި ފަރާތްތަކަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަނާއި މޯލްޑިވް ނޭޝަނަލް ޑިފެންސް ފޯސް އާއި މޯލްޑިވްސް ޕޮލިސް ސާވިސް އަދި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ( އެފްއޭއެމް) އެވެ. އަދިއެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓާ ޝާހިދު އަލީ އެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ސިޔާމް އެވެ. ފޮލިހުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ފޮލިސް އަބްދުﷲ ރިޔާޒެވެ. އެފްއޭއެމްގެ ފަރާތުން ސޮއި ކުރީ އެ އިދާރާގެ ކުރީގެ ރައީސް އަލީ އާޒިމްއެވެ. އަދި ކުޅިވަރާ ބެހޭ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފެވެ.
ސަރުކާރުން އަޅައިދޭން ބުނީ ހަތް ފުޓްސަލް ދަނޑުގެ މަސައްކަތް ނުނިމި ވަނިކޮށް، ދާދި ފަހުން ރާއްޖޭގެ ފުޓްބޯޅައިގެ މައިއިދާރާ (އެފްއޭއެމް)ގެ ރައީސް ކަމަށް ކުރިއަށް އޮތް ހަތަރު އަހަރަށް އިންތިހާބުވެ ވަޑައިގެން ރައީސްކަމާ ހަވާލުވި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާ އަޙްމަދު "ސަން އޮންލައިނަށް" މީގެ ދެހަފްތާ ކުރިން ދީފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ، މިމަސް ނިމުމުގެ ކުރިން ރާއްޖޭގައި ފުޓްބޯޅަ ތަރައްގީ ކުރުމަށްޓަކައި "މެގަ ޕްރޮޖެކްޓެއް" ފެށުމަށް އެއިދާރާގެ އަލަށް ހޮވުނު އެގްޒެކެޓިވް ކޮމިޓީން ނިންމައިފައިވާ ކަމަށެވެ. އަދި އެ "މެގަ ޕްރޮޖެކްޓް" ގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްސަލް ދަނޑުތަކެއް އެޅިގެން ދާއިރު ލައިޓްތައް ވެސް ހަރުކުރެވިގެން ރޭގަނޑު ވެސް ކުޅެވޭނެ މާހައުލެއް ގާއިމްކޮށް ދެއްވާނޭ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ. އަދި ވިދާޅުވެފައި ވަނީ ވޭތުވެދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައިވެސް ބޭރު ދުނިޔެއާއި އަދި ފުޓްބޯޅަ ކޮމިއުނިޓީ އާއި މިވަނީ ވަރަށް ގާތް ގުޅުމެއް އުފެދިފައި ކަމަށާއި އެގޮތުން ފީފާއިން ގައުމުތަކަށް ދޭ "ގޯލް ޕްރޮޖެކްޓް" މިފަހަރު ރާއްޖެއަށް ދޭނެ ކަމުގެ ޔަގީންކަން ފިފާއިން ދީފައިވާ ކަމަށެވެ.