22 Feb 2013, 13:19
މިދިޔަ ހުކުރު ދުވަހު ރަޝިޔާގެ އިރުމަތީގައިވާ ސައިބީރިއާއަށް 49 ފޫޓުގެ ގިނިހިލައެއް ވެއްޓުނެވެ. ޖެހިގެން އައި ހޮނިހިރު ދުވަހު ދުނިޔޭގެ ވަށައިގެން ޖިއޯ-ސްޓޭޝަނަރީ އޯބިޓްގައި ދަތުރުކުރާ މޫސުމީ ސެޓެލައިޓްތަކާ ވަރަށް ކައިރިން ފުޓުބޯޅަ ދަނޑެއްގެ އެއް ބައި ވާ ވަރުގެ ބޮޑު ގިނިހިލައެއް ދަތުރުކުރި އެވެ.
ކައިރި ކައިރީގައި ދިމާވި މި ދެ ހާދިސާއާ އެކު، 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ދުނިޔެ ނިމޭނެ ކަމަށް ދެކެވުނު ވާހަކަތައް އަނެއްކާ ވެސް ކޮންމެވެސް ވަރަކަށް ދެކެވޭން ވަނީ ފަށައިފަ އެވެ.
މިފަހަރު ކުރެވޭ ސުވާލަކީ ދުނިޔޭގެ ނިމުން ވެގެންދާނީ ގިނިހިލައަކަށް ބާ އޭ... މިސުވާލެވެ.
ސައެންސްވެރިންގެ މެދުގައި ދުނިޔޭގެ ނިމުން އައިސްދާނެ ގޮތްތަކާ މެދު ބަހުސްތައް ކުރެވޭ އިރު، ގިނަ ސައެންސްވެރިން އިއްތިފާގުވެލައްވާ ގޮތުގައި ގިނިހިލައަކާ އެކު ދުނިޔޭގެ ނިމުން އައުމަކީ އެހާ ދުރުގައިވާ ކަމެއް ނޫނެވެ.
ތާރީހުގެ ތެރެއަށް ބަލާ އިރު، މީގެ 65 މިލިއަން އަހަރު ކުރިން ދުނިޔޭގައި އުޅުނު ކަމަށް ބެލެވޭ ޑައިނަސޯތައް ނެތިދިޔަ ގޮތަކީ ދުނިޔޭގެ ޖިއޮލޮޖިކަލް ތާރީހުގައި ފާހަގަކޮށްލެވޭ ހާދިސާއެކެވެ.
ޑައިނަސޯތައް ނެތިދިޔަ ގޮތާ ބެހޭ ގޮތުން ސައެންސްވެރިން ހިއްސާކޮށްފައިވާ ތިއަރީތަކުގެ ތެރެއިން އެންމެ މަގުބޫލު ތިއަރީއަކީ "އެސްޓެރޮއިޑް ތިއަރީ" އެވެ.
މިތިއަރީ އަށް ބަލާލުމުގެ ކުރިން، ކައުނުގެ ތެރޭގައި އެނބުރޭ ހިލަތަކަށް ބަލާލުން މުހިއްމެވެ. ކައުނުގައި އެނބުރޭ ހިލަތަކުގެ ތެރެއިން އެންމެ ކުޑަ ހިލައަކީ "މީޓިއޮރޮއިޑު" އެވެ. މީޓިއޮރޮއިޑަކީ ވެލިފުކަކަށް ވުރެއް ބޮޑު އެހެންނަމަވެސް "އެސްޓެރޮއިޑު" އަކަށް ވުރެން ވަރަށް ބޮޑުތަން ކުޑަ ހިލައެކެވެ. މިދިޔަ ހުކުރު ދުވަހު ސައިބީރިއާ އަށް ވެއްޓުނު ގިނިހިލައަކީ މީޓިއޮރޮއިޑެކެވެ.
އެސްޓެރޮއިޑަކީ މީޓިއޮރޮއިޑަކަށް ވުރެއް ބޮޑު ހިލައެކެވެ. މިދިޔަ ހޮނިހިރު ދުވަހު ދުނިޔެއާ އެންމެ 17،000 ކިލޯމީޓަރު ދުރުން ދަތުރުކުރި ފުޓުބޯޅަ ދަނޑެއްގެ ދެބައިކުޅަ އެއްބައިވާ ވަރުގެ ބޮޑު ގިނިހިލައަކީ އެސްޓެރޮއިޑެކެވެ.
އެސްޓެރޮއިޑާ އެއްވަރުގެ ހިލައަކަށް ދެން ފާހަގަކޮށްލެވެނީ "ކޮމެޓް" އެވެ. ކޮމެޓަކީ ބޮޑު މިނުގެ ގޮތުން އެސްޓެރޮއިޑަކާ އެއްވަރުގެ ހިލައެއް ނަމަވެސް، ކޮމެޓް އަކީ ގަނޑުފެނާއި ހިލައިގެ މިކްސްއެކެވެ.
މީގެ ތެރެއިން ކޮންމެ ގިނިހިލައެއް ވެސް ދުނިޔޭގެ ޖައްވުގެ ތެރެއަށް ވަނުމުން އެއަށް ސައެންސްވެރިން ކިޔަނީ "މީޓިއޯރު" އެވެ. އަދި ދުނިޔެއަށް ވެއްޓޭ ހިލަކޮޅަށް ސައެންސްވެރިން ކިޔަނީ "މީޓިއޮރައިޓް" އެވެ.
ޑައިނަސޯތައް ނެތިގެންދިޔަ "އެސްޓެރޮއިޑް ތިއަރީ" އަށް ބަލާ އިރު، މިތިއަރީގައި ބުނަނީ މީގެ 65 މިލިޔަން އަހަރު ކުރިން ދުނިޔެއަށް ވެއްޓުނު ބޮޑު ގިނިހިލައެއްގެ ސަބަބުން، ދުނިޔޭގެ ޖައްވުގެ ތެރޭގައި ވަރަށް ބޯ އަޅި އާއި ދުމުގެ ފަށަލައެއް އުފެދި، އެފަށަލައިގެ ސަބަބުން އިރުގެ އައްޔައް ދުނިޔޭގެ ބިމާ ހިސާބަށް ނާދެވުމުގެ ސަބަބުން ދުނިޔޭގައި ވާ ދިރުން ނެތިގެން ދިޔައީ ކަމަށެވެ.
މިތިއަރީއަށް ބާރު ލިބޭ އެންމެ ބޮޑު އެއް ހެއްކަކީ މެކްސިކޯގެ ޔުކަޓާން ޕެނިންސޫލާގެ ދަށުގައި ވާ "ޗީކްޝަލޫބް އިމްޕެކްޓް ކުރޭޓާ" އެވެ. ބޮޑު ގިނިހިލައެއް ދުނިޔެއަށް ވެއްޓޭ އިރު އުފެދޭ ޒާތުގެ ބޮޑު ވަޅުގަނޑެއް ސައެންސްވެރިން ވަނީ މިތަނުން ހޯދާފަ އެވެ. މިވަޅުގަނޑުގެ ފުޅާ މިނުގައި 180 ކިލޯމީޓަރު ހުރެ އެވެ.
ބޮޑު ގިނިހިލައެއް ދުނިޔެއަށް ވެއްޓިއްޖެ ނަމަ، ދުނިޔޭގައިވާ ހުރިހާ ދިރުމެއް ނެތިގެން (މާސް އެކްސްޓިންކްޝަން އިވެންޓް) ދިއުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.
އެހެން ނަމަވެސް، މިދިޔަ ހަފުތާ ބަންދުގައި ދިމާވި ހާދިސާތަކާއި ގުޅިގެން އުފެދިފައިވާ ސުވާލަކީ ބޮޑު ގިނިހިލައެއް ދުނިޔެ އަށް ވެއްޓިއްޖެ ނަމަ ވާނީ ކިހިނެތް ބާ އެވެ. އަދި އެފަދަ ގިނިހިލައެއް ހުއްޓުވިދާނެ ބާ އެވެ.
ސައިބީރިޔާއަށް ވެއްޓުނު ފަދަ، 49 ފޫޓުގެ ގިނިހިލައެއް ދުނިޔެއަށް ވެއްޓުމަކީ ވަރަށް ނާދިރު ކަމެކެވެ. ވޭތުވެދިޔަ 100 ވަރަކަށް އަހަރުގެ ތެރޭގައި މިކަހަލަ ހާދިސާއެއް ހިނގާފައިނުވާ ކަން ފާހަގަކޮށްލެވެ އެވެ.
ވިއެނާގައި މިއަދުގެ ނިޔަލަށް ނިންމާލާނެ (22 ފެބްރުއަރީ) ޔުނައިޓެޑް ނޭޝަންސް ކޮމިޓީ އޮން ދަ ޕީސްފުލް ޔޫސަސް އޮފް އައުޓާ ސްޕޭސް (ސީއޯޕީޔޫއޯއެސް)ގެ ޓެކްނިކަލް ސަބް ކޮމިޓީގެ "އެކްޝަން ޓީމް 14" ގެ އެޖެންޑާގެ އެންމެ ކުރީގައި އޮތީ ގިނިހިލައެއް ދުނިޔޭގެ އާބާދީ ބޮޑު ސަރަހައްދަކަށް ވެއްޓިއްޖެ ނަމަ، އެފަދަ ކާރިސާއަކަށް ރެސްޕޮންޑު ކުރާނެ ގޮތާއި، އެފަދަ ކަމެއް ހުއްޓުވިދާނެ ކަމާއި މެދު އުފެދޭ ސުވާލަށް މަޝްވަރާ ކުރުމެވެ.
އެކްޝަން ޓީމް 14 އަކީ ދުނިޔެ އަށް ކުރިމަތިވެދާނެ މިފަދަ ކާރިސާއަކުން ސަލާމަތްވުމާއި ކާރިސާއަށް ފަހު އެމާޖެންސީ ރެސްޕޯންސް ކުރިއަށް ގެންދާނެ ގޮތުގެ އެކްޝަން ޕުލޭނެއް އެކުލަވާލުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ޓީމެވެ.
ޔޫރަޕިއަން ސްޕޭސް އެޖެންސީގެ ސައެންޓިސްޓެއް ކަމަށްވާ ޑެޓްލެފް ކޮޝްނީ ވިދާޅުވީ ދުނިޔެއާ 17 ހާސް މޭލު ކައިރިން ދަތުރުކުރި ގިނިހިލައިގެ ކުރިން ރަޝިޔާއަށް ގިނިހިލައެއް ވެއްޓުނު ހަބަރު ލިބުމުން ހައިރާންވި ކަމަށާއި، މިދެ ކާރިސާއަކީ އިންޒާރެއް ނޫން ބާ އޭ ހިތަށް އަރާ ކަމަށެވެ.
އެމެރިކާގެ ޖައްވީ އިދާރާގެ އިތުރުން ޔޫރަޕުގެ ޖައްވީ އިދާރާ އިން ވެސް ވަނީ މިދެ ގިނިހިލައާ ދެމެދު އެއްވެސް ގުޅުމެއް ނުވާ ކަން ޔަގީން ކޮށްދީފައިވާ އިރު، ސައިބީރިޔާއަށް ވެއްޓުނު ގިނިހިލައިގެ ސަބަބުން އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުން ވެފައި ނުވަނީ މީހުން މަދުން ދިރިއުޅޭ ސަރަހައްދަކަށް ގިނިހިލަ ވެއްޓުމުންނެވެ.
ސައިބީރިޔާ އަށް ވެއްޓުނު ގިނިހިލަ، ނުވަތަ އެއަށް ވުރެއް ބޮޑު ގިނިހިލައެއް ދުނިޔޭގެ އާބާދީ ބޮޑު ސިޓީއެއް ކައިރިއަށް ވެއްޓިއްޖެ ނަމަ ލިބިގެންދާނެ ގެއްލުމަކީ ފަސޭހައިން އަންދާޒާ ކުރެވޭ ވަރަށް ވުރެއް ބޮޑު ގެއްލުމެކެވެ.
ގިނިހިލައެއް ވެއްޓޭނެ ކަމާ މެދު، އަދި އެފަދަ ގިނިހިލައެއް ވެއްޓުމުން ލިބިގެންދާނެ ގެއްލުމުގެ ކުޑަ ބޮޑު މިނާ މެދު ސުވާލު އުފެދޭ ނަމަވެސް، ޔަގީންވާ ކަމަކީ ބޮޑު ގިނިހިލައެއް ދުނިޔެއާ ދިމާލަށް އަންނަ ކަމަށްވާ ނަމަ ހޮލީވުޑުގެ ފިލްމުތަކުގައި ފެންނަ ފަދައިން، އެގިނިހިލަ ހުއްޓުވޭނެ އެއްވެސް ގޮތެއް އަދި މިހާތަނަށް ސައެންސްވެރިންނަށް ހޯދިފައި ނުވާ ކަމެވެ.