ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރި މެޗު ފަހަތުން އަރައި ތިނެއް އެކަކުން ކާމިޔާބުކޮށް ނިއުއިން މިއަހަރުގެ ޗެރިޓީ ޝިލްޑް އުފުލާލައިފި އެވެ.

ރޭ ގަލޮޅު ދަނޑުގައި ކުޅުނު މައިލޯ ޗެރިޓީ ޝީލްޑް މެޗުން މޮޅުވުމުން ނިއުރޭޑިއެންޓަށް އިނާމުގެ ގޮތުގައި ލިބުނު 100000ރ (އެއް ލައްކަ ރުފިޔާ)ގެ 20 އިންސައްތަ އަށްވާ ފައިސާ ހަދިޔާ ކޮށްފައިވަނީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށެވެ.

ރޭގެ މެޗުގައި މާޒިޔާއިން މެޗުގެ ކުރި ހޯދީ މެޗުގެ 12 ވަނަ މިނިޓުގައި އެ ޓީމުގެ ކެޕްޓަން އަހްމަދު ރަޝީދު (އައްމަޑޭ) ނިއުގެ އޭރިއާ ތެރޭގައި ހުރެ ބޮލުން ފޮނުވާލި ބޯޅައެއް ގޯލަށް ވައްދާލައިގެންނެވެ. ނަމަވެސް މެޗުގައި ރަނގަޅު ކުޅުމެއް ދައްކަމުން އައި ނިއުއިން މެޗުގެ 28 ވަނަ މިނިޓުގައި ނަތީޖާ ހަމަހަމަ ކުރީ އެޓީމާ މިއަހަރު އަލަށް ގުޅުނު ވިކްޓަރީގެ ކުރީގެ ފޯވަޑް މުހައްމަދު އުމެއިރަށް މާޒިޔާގެ އިބްރާހީމް ފިރާޒް މޫސާ (ކުޑަމައްލާ) ކުރި ފައުލަކާ ގުޅިގެން ނިއުއަށް ލިބުނު ޕެނަލްޓީ އަކުން އަލީ އަޝްފާގް (ދަގަނޑޭ) އެވެ. އަދި ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން 42 ވަނަ މިނިޓުގައި މާޒިޔާގެ އޭރިޔާ ތެރެއިން އުމެއިރު ފޮނުވާލި ބާރު ހަމަލާ މާޒިޔާގެ ގޯލަށް ވައްދާލައިގެން ނިއުއިން ވަނީ ނަތީޖާ ދޭއް އެކަކަށް ބަދަލު ކޮށްފަ އެވެ.

މާޒިޔާއިން ވެސް ލަނޑުޖަހާނޭ ފުރުސަތު ތަކެއް ތަނަވަސް ކުރިކަމުގައި ވީނަމަވެސް މެޗުގައި ނިއުއިން ކުޅެމުން ގެންދިޔަ އަވަސް ޕާސިން ގޭމްގެ ނަތީޖާއަކަށްވީ 55 ވަނަ މިނިޓުގައި ނިއުއިން އެޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބުކުރުމެވެ. ދަނޑުގެ މެދެއްހާ ހިސާބުގައި ހުރެ މާޒިޔާގެ ދެތިން ކުޅުންތެރިން ކައިރިން ނައްޓާލާފައި މާޒިޔާގެ ހާފްގެ މެދެއްހާ ހިސާބުގައި ހުރި އުމެއިރަށް ދަނގަޑޭ ދިން ރީތި ޕާހެއް ހަމަ އެހާމެ ރީތިކޮށް މާޒިޔާގެ ޑިފެންޑަރުން ކައިރިން ނައްޓާލާފައި ގޯލަށް ފޮނުވާލައިގެން އުމެއިރު އޭނާގެ ދެވަނަ ލަނޑު ނިއުއަށް ކާމިޔާބު ކޮށްދިނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ އުމެއިރު އެވެ.

ރޭގެ މެޗުގެ ނިމުމުން ނިއުރޭޑިއެންޓާ ޝީލްޑާއި އެއްލައްކަ ރުފިޔާގެ ޗެކް ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ކުރީގެ ޗެއާމަން ކާމިނީ ޢަބްދުއްޝުކޫރު އެވެ. އަދި ނިއުއަށް ލިބުނު އެއްލައްކަ ރުފިޔާގެ 20 އިންސައްތައަށްވާ 20000ރ (ވިހިހާސް ރުފިޔާ) އޯޓިޒަމް އެސޯސިއޭޝަނާ ހަވާލުކޮށްދިނީ ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބުގެ ކެޕްޓަން އިމްރާން މުހައްމަދު އެވެ.

ރޭގެ މެޗަށްފަހު ނިއުގެ ކޯޗު ބަލްގޭރިޔާގެ ވެލިޒާ ޕޮޕޯފް ބުނީ އޭނާގެ ޓީމުގެ ކުޅުމާ ދޭތެރޭ ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި ސީޒަން ހުޅުވި މެޗުގެ ކާމިޔާބާ އެކު "ވަރަށް އުފާވެ އަދި އިތުރު އުއްމީދުތަކެއް ލިބިގެން ހިނގައްޖެ" ކަމަށެވެ. ޕޮޕޯފް ބުނީ ފުރަތަމަ ހާފްގައި މާޒިޔާއިން ކާމިޔާބު ކުރި ލަނޑަކީ ނިއުގެ ޑިފެންސް ލައިނަށް ހެދުނު ބޮޑު ގޯހެއްގެ ސަބަބުން ވަތް ލަނޑެއް ކަމަށާއި އެހެން ނަމަވެސް އޭނާގެ ކުޅުންތެރިން ފަހުން އެކަން ރަނގަޅުކޮށް މެޗުގެ ތެރެއަށް ވަރަށް އަވަހަށް ދެމިގަތް ކަމަށެވެ.

މާޒިޔާގެ ކޯޗު އިސްމާއީލް މަހެފޫޒް (އިންމަ) ބުނީ މިދިޔަ އަހަރުގެ އެންމެ ވަރުގަދަ ޓީމާ ދެކޮޅަށް މާޒިޔާއިން ދެއްކި ކުޅުމާދޭތެރޭ ހިތްހަމަ ޖޭހޭ ކަމަށާއި އޭއެފްސީ ކަޕާއި މިއަހަރުގެ ބާކީ ހުރި މުބާރާތް ތަކުގައި މާޒިޔާއިން ރަނގަޅު ފުޓްބޯޅަ އެއް ފެނިގެން ދާނެ ކަމަށެވެ.