22 Feb 2013, 11:41
އަތޮޅުތަކުން މާލެ އަންނަ ފެރީތަކަށް މާލޭގެ ފެރީ ޓާމިނަލަށް ލަފާ ފުރޭނެ އިންތިޒާމްތަކެއް ކަނޑައެޅުމަށް މާލެ ސިޓީ ކައުންސިލުން މޯލްޑިވްސް ޓްރާންސްޕޯޓް ކޮމްޕެނީ (އެމްޓީސީސީ) އަށް އަންގައިފި އެވެ.
މާލެ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއު ސަންއަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ އަތޮޅު ތަކުގެ ރަށްރަށުން މީހުން ގޮވައިގެން މާލެ އަންނަ ފެރީތަކުގެ މީހުންނަށް މާލެއަށް އަރާ ފައިބުމުގެ ދަތިތަކާ ކުރިމަތިވެފައިވާއިރު އެކަމުގެ ޝަކުވާ ސިޓީ ކައުންސިލަށް ހުށަހަޅަމުންދާ ކަމަށެވެ. އަދި ސިޓީ ކައުންސިލުން އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މާލެގައި ހުންނަ ދެ ޓާމިނަލަށް އަތޮޅުތަކުން އަންނަ ފެރީތައް ލަފާ ފުރޭނެ އިންތިޒާމްތަކެއް ކަނޑައެޅުމަށް އެމްޓީސީސީއަށް އިއްޔެ އަންގާފައިވާނެ ކަމަށެވެ.
" އަތޮޅުތަކުން މާލެ އަންނަ ފެރީތަކުން މީހުން މާލެއަށް އަރާ ފޭބުމުގައި އެބަހުރި ވަރަށް ހިތާމަވެރި ހާދިސާތައް ވެސް ހިނގާފަ، އަނެއްކޮޅުން އެބަ ފެނޭ ފެރީތަކުން މީހުން އައިސް މާލެ ފޭބުމުގައި ދިމާވާ ދަތިތައް ވެސް. މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ހިނގި އެފަދަ ހާދިސާއެއްގައި ރަށަކުން މާލެ އައި ފެރީއަކުން ކުޑަކުއްޖަކު މާލެ އަށް ބާލަނިކޮށް ވެއްޓި ތޮށިގަނޑުގައި ބޯޖެހި ސިނކުޑިއަށް ލޭ އަރައިގެން މަރުވެފައިވޭ، އެހެންވެ ސިޓީ ކައުންސިލުން މި ނިންމީ އަތޮޅުތަކުން އަންނަ ފެރީތައް ވެސް މާލެގެ ދެ ފެރީ ޓާމިނަލަށް ވަދެވޭނެ އުސޫލުތަކެއް ކަނޑައެޅުމަށް،" ސުޖާއު ވިދާޅުވި އެވެ.
އަތޮޅުތަކުން މާލެ އަންނަ ފެރީތައް މާލެގެ ފެރީޓާމިނަލްތަކަށް ވަދެވޭނެ އިންތިޒާމްތަކެއް އަންނަ މަހުގެ 15 ގެ ކުރިން ކަނޑައެޅުމަށާއި އެފެރީތަކުން އަންނަ މީހުންގެ އިތުރުން މުދާ ބޭލުމުގެ އުސޫލުތަކެއް ވެސް ކަނޑައެޅުމަށް ވެސް ސިޓީ ކައުންސިލުން ވަނީ އެމްޓީސީއަށް އަންގައިފަ އެވެ.
" މިގޮތަށް ހަމަޖެއްސުމުން ފެރީތަކުން އަންނަ މީހުންނަށް ވެސް ލުއިތަކެއް ލިބިގެންދާނެ، އެގޮތަށް އެކަންތައް ބަދަލުކުރުމުގައި ދަތިތަކާ ކުރިމަތިވާނަމަ އެކަމެއް ހައްލު ހޯދައިދިނުމަށް ސިޓީ ކައުންސިލުން މަސައްކަތް ކުރާނެ، މިސާލަކަށް ޓާމިނަލް ކުޑަވުން ޓާމިނަލް ތަރައްގީ ކުރުން ފަދަ ކަންތައްތައް އުޅޭނަމަ އެކަންތަކަށް ސިޓީ ކައުންސިލުން ހައްލު ހޯދައިދޭނެ،" ސިޓީ ކައުންސިލްގެ މެމްބަރު ސުޖާއު ވިދާޅުވި އެވެ.
މާލެ ސިޓީއަށް ދުވާލެއްގެ މައްޗަށް އެތައް ރަށަކުން ފެރީތައް ދަތުރުކުރަމުން ގެންދާއިރު މާލޭގައި ގާއިމްކޮށްފައިވާ ދެ ފެރީ ޓާމިނަލްއަކީ ވިލިމާލެ އާއި ހުޅުމާލޭގެ ސެޑިއުލް ފެރީތަކަށް ހާއްސަކޮށްގެން ގާއިމްކޮށްފައިވާ ދެ ޓާމިނަލް އެވެ.
ސުޖާއު ވިދާޅުވީ ފެރީޓާތަކަށް އަތޮޅުތަކުން އަންނަ ފެރީތައް ވަދެނިކުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭނަމަ އިތުރު ޓާމިނަލް ތަކެއް އަޅައިގެން ނަމަވެސް އަތޮޅުތަކުން އަންނަ ފެރީތަކަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ ވިސްނުމެއް ސިޓީ ކައުންސިލުން ގެންގުޅޭ ކަމަށެވެ.