މިދިޔަ ހޮނިހިރު ދުވަހު ކެނޯ އެއްގައި ކަނޑުމައްޗަށް ނުކުމެ އުޅެނިކޮށް ގެއްލިފައިވާ ހުޅުދުއްފާރު ތިން ކުދިންގެ އާއިލާއާ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ބައްދަލު ކުރައްވައިފި އެވެ.


ކެނޯގައި ފަލާޖަހާފައި ގާއުނޑޫދުއަށް ދަނިކޮށް ގެއްލި، ހަބަރެއް ނުވެފައި ވަނީ ހުޅުދުއްފާރު ފަސާނާ އުމުރުން 13 އަހަރުގެ އަހުމަދު ޖުނައިދާއި، އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އިބްރާހީމް ޝާދިން 9، އާއި އެރަށު ވައިޓްރޯސް އަލީ އަޝްރަފް 9، އެކެވެ.


މިއަދު ހެނދުނު ރައީސް ހުޅުދުއްފާރަށް ވަޑައިގެން އެ ތިން ކުދިންގެ އާއިލާއާ ބައްދަލުކުރައްވައި، އެ މަނިކުފާނު އިހުލާސްތެރި ހަމްދަރުދީ ފާޅުކުރައްވައި ހިތްވަރު ދެއްވެވި އެވެ.
ރައީސް ހުޅުދުއްފާރަށް ވަޑައިގެން، އެ ދެ އާއިލާއާ ބައްދަލުކުރެއްވީ، އެ މަނިކުފާނު އެއަތޮޅު ދުވާފަރު ބައްލަވާލެއްވުމަށާއި، އެ އަތޮޅުގައި ހަދަމުންދާ ރިސޯޓެއް ކަމަށްވާ ލުނދުފުށި ބައްލަވައިލެއްވުމަށް ކުރައްވެވެވި ދަތުރުފުޅުގައި އުޅުއްވަމުންނެވެ.  


ރައީސް ވިދާޅުވީ އެ ހަބަރު އެ މަނިކުފާނު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށާއި ދަތުރުފުޅުގައި އުޅުއްވަމުން ހުޅުދުއްފާރަށް ވަޑައިގަތީ، އެ އާއިލާތަކާ ބައްދަލުކޮށް ހިތާމައިގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކަމަށެވެ.