އެމްޑީޕީން މާލެ ތެރޭގައި ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާތަކުގެ ތެރެއިން ފުލުހުންނަށް ފުޅިން ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ ބަޔަކު ހޯދުމަށް ފުލުހުން ވީޑިއޯއެއް އާންމުކޮށްފި އެވެ.

އެ ވީޑިއޯ ފުރަތަމަ ފެށޭއިރު ފެންނަނީ ސޯސަންމަގު ނާދީ ކުރިމަތީ ބަހައްޓާފައި ހުރި ބެރިކޭޑެއް މުޒާހަރާގެ ތެރެއިން މީހަކު އައިސް އެއްލާލާ ތަނެވެ. އެއަށް ފަހު އަތަށް ގާބުރި އެއް ލައިގެން އުޅޭ މީހަކު އެ ވީޑިއޯ އިން ފެންނައިރު އެހެން މީހަކު ބެރިކޭޑެއް އެއްލާލާ މަންޒަރު ވެސް ފެނެ އެވެ. އެ ވީޑިއޯ ގައި ފުލުހުން ހޯދަން ބޭނުންވާ މީހުން ވަކި ކުރުމަށް އެމީހުންގެ މޫނުގައި ބޮޅެއް އަޅައި ދައްކާފައި ހުރެ އެވެ.

http://www.youtube.com/watch?v=1CNLBq-GUQU

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ވީޑިއޯ އިން ފުރަތަމަ ފެންނަ ހަތަރު މީހުންނަނީ މި މަހުގެ 18 ވަނަ ދުވަހުގެ ރޭ މާލެ ތެރޭގައި އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާއާ ގުޅިގެން ހޯދާ ހަތަރު މީހުން ކަމަށެވެ. އަދި ފަހުން އެ ވީޑީއޯގައި ފެންނަ އަންހެން މީހާ އާއި ފިރިހެނަކީ މި މަހުގެ 20 ވަނަ ދުވަހު މާލޭގައި އެމްޑީޕީން ކުރި މުޒާހަރާ އާ ގުޅިގެން ހޯދާ ދެ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ ހަ މީހުންނާ ބެހޭ މައުލޫމާތު ފުލުހުންނާއި ހިއްސާ ކުރާ މީހަކަށް ދޭން ޖެހޭ ފުރިހަމަ ސަލާމަތްތެރިކަމާ ރައްކާތެރިކަން ފޯރު ކޮށްދޭނެ ކަމަށެވެ. އަދި އެފަދަ މީހުން ހޯދުމުގައި ދިވެހި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް މިހާރު ވެސް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"ވީމާ މި ހަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާ ނަމަ ވީއެންމެ އަވަހަކަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓްގެ ނަންބަރު 9631696 ނުވަތަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި މަޢުލޫމާތު ޙިއްސާ ކުރެއްވުން އެދެމެވެ. މި ހަ މީހުންނާ ބެހޭ މަޢުލޫމާތު ފުލުހުންނާ ހިއްސާކުރާ ފަރާތްތަކަށް ލިބިދޭން ޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގައި ދަންނަވަމެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.