އެމްޑީޕީން މާލެތެރޭގައި ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ފުލުހުންނާ ދިމާލަށް ފުޅި ފަދަ ތަކެތި އުކަމުން ދިޔަ ކަމަށް ތުހުމަތުކުރެވޭ ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ރޭގެ މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައިވާ ފަސް މީހުންނަކީ ފުލުހުންނާ ދިމާލަށް ފުޅިފަދަ ތަކެތި އުކައި ފުލުހުންގެ ވާޖިބަށް ހުރަސްއަޅަމުން ގެންދިޔަ ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ތިން ފިރިހެނުން ކަމަށެވެ. އެ ހަތަރު މީހުން ވެސް ހައްޔަރުކޮށްފައިވަނީ ސޯސަންމަގު މަޖީދިއްޔާ ސްކޫލް ކައިރިންނެވެ.

ޗާންދަނީ މަގު ދިރާގު ލައިޓް ކައިރީގައި މުޒާހަރާ ކުރިއަށް ގެންދިޔަ ދިޔައިރު އެސަރަހައްދުގައި މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ބަހައްޓާފައި ހުރި ބެރިކޭޑްތައް މުޒާހަރާގެ ބައިވެރިން ވަނީ އުކާލައިފަ އެވެ. އަދި ބައެއް ބެރިކޭޑްތައް މުޒާހަރާގެ ތެރެއަށް ދަމާ ގެންގޮސްފައިވެ އެވެ.

އެމްޑީޕީގެ މުޒާހަރާގެ ބައިވެރިން މަޖީދިއްޔާ ސްކޫލް ކަންމަތި ސޯސަން މަގުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔައިރު މުޒާހަރާގެ ތެރެެއިން ދޭތެރެ ދޭތެރެއިން ގޮވާ ޖާތުގެ ފުޅިތަކެއް ގެންދިޔައީ ފުލުހުންނާ ދިމާއަށް އުކަމުންނެވެ. އަދި ހައްޔަރުކުރި ފަސް މީހުންގެ ތެރޭގައި ގޮވާ ޖާތުގެ ފުޅި ތައްޔާރުކުރަމުން ދިޔަ މީހަކު ވެސް ހިމެނޭ ކަމަށް ވެސް ފުލުުުހުން ބުންޏެވެ.

މުޒާހަރާ ކުރަމުން ދިޔައިރު ފުލުހުންނާ ދިމާލަށް ފުޅިފަދަ ތަކެތި އުކަން ފެށުމުން އެމުޒާހަރާއަކީ ސުލްހަވެރި މުޒާހަރާއެއް ނޫން ކަމަށް ކަނޑައަޅައި ފުލުހުން ވަނީ އެސަރަހައްދުތައް ދޫކޮށް ދިއުމަށް ތަކުރާރުކޮށް މުޒާހަރާގެ ބައިވެރިންނަށް ނަސޭހަތްތެރިވެފަ އެވެ. ރޭގެ މުޒާހަރާ ވެސް އެމްޑީޕީން ނިންމާލައިފައިވަނީ ވަރަށް ދަންވި ފަހުންނެވެ. ނަމަވެސް މުޒާހަރާ ރޫޅަލުމަށް ފުލުހުން ބާރުގެ ބޭނުންކޮށްފައެއް ނުވެ އެވެ.