22 Feb 2013, 10:52
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއަން ހައިކޮމިޝަނުގައި ހުންނެވީ ޝަރީއަތަށް " ފިއްލަވަން " ކަމަށް ބުނެ އެކަމާ ދެކޮޅަށް ޕީޕީއެމް އަޑު އުފުލައިފި އެވެ.
ގާނޫނު އަސާސީ އާއި ޝަރުއީ ނިޒާމްގެ ދިފާއުގައި ހިޔާލު ފާޅުކުރުމަށް ކަމަށް ބުނެ އާޓިފިޝަލް ބީޗް ސަރައްދުގައި ޕީޕީއެމް އިން ރޭ ބޭއްވި އެއްވުމުގައި އެންމެންގެ މައްޗަށް ޝަރީއަތް ހިންގެން ޖެހޭނެ ކަމަށް ބުނެ ރައީސް ނަޝީދަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.
ރައީސް ނަޝީދު ކޮންމެ ތަނެއްގައި ހުންނެވި ނަމަވެސް އެމަނިކުފާނު އިންސާފްގެ ކުރިމައްޗަށް ނެރެ ޝަރީއަތްކުރެވެން ޖެހޭނެ ކަމަށާއި އެމަނިކުފާނަށް ފިއްލައިވައިގެން ނުހުންނެވޭނެ ކަމަށް އެއްވުގައި ވާހަކަ ދެއްކެވި ބޭފުޅުންވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން އެމްޑީޕީ އަކީ ޓެރަރިޒަމް ޕާޓީއެއް ކަމަށް ބުނެ އެ ޕާޓީ އުވާލުމަށް އިލެކްޝަންސް ކޮމިޝަނަށް ޕީޕީއެމުން ރޭ ވަނީ ގޮވާލާފަ އެވެ.
މަދު ބަޔަކު ބައިވެރިވި އެ އެއްވުގައި އެ ޕާޓީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވެފައި ވަނީ ޕީޕީއެމް ވެސް މާލޭގެ މަގުތަކަށް ނުކުންނަން ޖެހިއްޖެ ނަމަ ނުކުމެ އަޑު އުފުލާނެ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދު ހައްޔަރުކޮށްގެން ޝަރީއަތަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ފުލުހުން މަސައްކަތް ކުރަމުން ގެންދަނިކޮށް، އިންޑިއަން ހައިކޮމިޝަންގެ ތެރެއަަށް ނަޝީދު ވަދެވަޑައިގެން ހިމާޔަތް ހޯދަވައިގެން ހުންނެވި ކަމަށް ވިދާޅުވެ އެތަނުގައި ހުންނަވާތާ މިއަދަށް މިވަނީ އަށް ދުވަސް ވެގެން ގޮސްފަ އެވެ.