21 Feb 2013, 23:09
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާ ހައިކޮމިޝަނުން "ހިމާޔަތް" ހޯއްދަވައިގެން ހުންނެވުމާ ގުޅިގެން ރާއްޖޭގައި މިހާރު އުފެދިފައިވާ މައްސަލަ އިންޑިއާ އާ އެކު އެމެރިކާ އިން ވެސް ކައިރިން ބަލަމުން އަންނަ ކަމަށް އެގައުމުން ބުނެފި އެވެ.
އިންޑިއާގެ އައިބީއެން ލައިވް އަށް ދެއްވި އިންޓަވިއުއެއްގައި އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އެފެއާޒް ރޮބަޓް ބްލޭކް ވިދާޅުވީ ރާއްޖޭގެ މައްސަލަ އިންޑިއާ އާ އެކު އެމެރިކާ އިން ވެސް ކައިރިން ބަލަމުން އަންނަ ކަމަށާއި އެކަމުގައި އެމެރިކާ އާއި އިންޑިއާގެ ވިސްނުން ދާދި އެއްގޮތަށް ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ހާލަތާ މެދު އަޅުގަނޑުމެން އެންމެންގެ ވެސް ހުރީ ވަރަށް އެއްގޮތް ވިސްނުމެއް،" ބްލޭކް ވިދާޅުވި އެެވެ.
އިންޓަވިއުގައި ބްލޭކް އަދި ވިދާޅުވެފައި ވަނީ ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބުގައި ހުރިހާ ޕާޓީއަކުން ވެސް އިހުތިޔާރު ކުރާ ކެންޑިޑޭޓަކު ބައިވެރިވުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް އެމެރިކާ އިން ވެސް ގަބޫލުކުރާ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވެފައި ވަނީ ރައީސް ނަޝީދުގެ މައްސަލަ ހައްލުކުރަން ޖެހޭނީ ރާއްޖޭގެ ގާނޫނު އަސާސީއާ ވެސް އެއްގޮތަށް އިންތިހާބަށް އަސަރުނުކުރާ ގޮތަކަށް ކަމަށެވެ.
އިންޑިއާ އިން ކަންކުރަމުންދާ ގޮތަށް ރާއްޖޭގެ މައްސަލަ އަށް ސީދާ ގޮތެއްގައި އެމެރިކާ އިން ވަދެފާނެތޯ ސުވާލު ް ދެންނެވުމުން ބްލޭކް ވިދާޅުވެފައި ވަނީ ކޮމަންވެލްތާއި އިންޑިއާ ފަދައިން (އެމެރިކާގެ އެކި ބޭފުޅުން) ރާއްޖެ އަށް ޒިޔާރަތްތައް ކުރައްވާފައިވާ ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް ދަނީ ރާއްޖެއާ އެކު ގާތުން މަސައްކަތް ކުރަމުން ކަމަށެވެ.
ރައީސް ނަޝީދުގެ މައްސަލައިގާ އެމެރިކާ އާއި އިންޑިއާގެ އިތުރުން އިނގިރޭސިވިލާތާއި ޔޫރަޕިއަން ޔޫނިއަން އިން ވެސް ބުނެފައިވަނީ "ރާއްޖޭގައި އޮންނަ އިންތިހާބުގައި ހުރިހާ ޕާޓީތަކަކުން ވެސް އިހުތިޔާރުކުރާ ކެންޑިޑޭޓުންނަށް ވާދަ ކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެ" ކަމަށެވެ.