މިދިޔަ އަންގާރަ ދުވަހު ފުލުހުން އާންމު ކުރި ވީޑިއޯ އިން ފެންނަ މީހަކު ދެނެގަތުމަށްފަހު އެމީހާ ހޯދުމަށް ފުލުހުން އިއުލާން ކޮށްފި އެވެ.

ފުލުހުން ބުނީ ފުލުހުން ހޯދަމުންދާ މީހަކީ ސ.ފޭދޫ ޑޯލްފިން މުޙައްމަދު ރިޔާޒް 37، ކަމަށެވެ.

އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާ ނަމަ ލަސްނުކޮށް ފުލުހުންނަށް އެންގުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އޭނާއާ ބެހޭ މައުލޫމާތު ފުލުހުންނާ ހިއްސާކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

"މުޙައްމަދު ރިޔާޟް އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ ވީއެންމެ އަވަހަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓްގެ ނަންބަރު 9631696 ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި މަޢުލޫމާތު ޙިއްސާ ކުރެއްވުން އެދެމެވެ. މީނާ އާއި ބެހޭ މަޢުލޫމާތު ފުލުހުންނާ ހިއްސާކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގައި ދަންނަވަމެވެ،" ފުލުހުންގެ އިއުލާންގައި ވެއެވެ.

މިދިޔަ އަންގާރަ ދުވަހު ފުލުހުން އާންމުކުރި އެ ވީޑިއޯ އަކީ ގާތްގަނޑަކަށް ދޮޅު މިނިޓުގެ ވީޑިއޯ އެކެވެ. އެ ވީޑިއޯ އެންމެ ފުރަތަ ފެށޭ އިރު ފެންނަނީ މެދުޒިޔާރަތްމަގުން މަޖީދިއްޔާ ކައިރީ ތިބި ފުލުހުންނާއި ދިމާލަށް ސޯސަންމަގުން މަޖީދިއްޔާ ކަންމަތީ ތިބި ބަޔަކު ގާ އުކާ ތަނެވެ. އަދި އެ ތަނުން ކަޅު ކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހަކު ގޮސް ފުލުހުންގެ ބެރިކޭޑެއް އެއްލާލާ ތަން ވެސް ފެނެ އެވެ.

އެ މީހުންގެ ތެރެއިން އެންމެ ކުރީގައި ހުރި މީހާގެ ކަރުގައި އެމްޑީޕީގެ ދިދަ އެއް އެލުވާފައި އޮންނަ ތަން ފެނެއެވެ. އެ މީހުން ކޮންމެ ފަހަރަކު ވެސް ފުލުހުންނާއި ދިމާލަށް އެއްޗެއް އެއްލުމަށް ފަހު ދުވެފައި އައިސް ވަންނަނީ ސޯސަން މަގަށެވެ. ގާ އުކާ މީހުން ވަކިން ބޮޅު އަޅައި ދައްކާފައި އެ ވީޑިއޯގައި ހުރެ އެވެ. ދެން ފެންނަނީ ހަމަ އެ މީހުން އެމްޑީޕީގެ ހިންގާލުމުގެ ތެރޭގައި ހަރަކާތް ތެރިވާ މަންޒަރެވެ.