އޭޝިއަން ޑިޒާސްޓާ ޕްރިޕެއާޑްނެސް ސެންޓާ (އޭޑީޕީސީ) ގެ އެހީގައި ކާރިސާތަކުން ރައްކާތެރިވުމާ ގުޅޭ ތިން ޕްރޮޖެކްޓެއް ރާއްޖޭގައި ހިންގުމަށް ތައްޔާރުވަމުންދާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓާ (އެންޑީއެމްސީ) އިން ބުނެފި އެވެ.

އެންޑީއެމްސީ އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އޭޑީޕީސީއާ އެކު އެއް އަހަރުގެ މުއްދަތަށް ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

އޭޑީޕީސީގެ އެހީގައި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ތިން ޕްރޮޖެކްޓުގެ ތެރޭގައި ހިމެނެނީ، ޕްރައޯރިޓީ އިމްޕްލިމެންޓޭޝަން ޕާޓްނާޝިޕް ޕްރޮޖެކްޓާއި ކާރިސާތަކުން ރައްކާތެރިވުމަށް ގައުމީ ފުރޭމްވޯކެއް އެކުލަވާލުމުގެ ޕްރޮޖެކްޓާއި ކާރިސާއާ ގުޅޭ ކަންކަމާ ބެހޭ ގާނޫނު އެކުލަވާލުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮޖެކްޓެއް ކަމަށް އެންޑީއެމްސީން ބުންޏެވެ.

އެންޑީއެމްސީ އިން ބުނީ ޕްރައޯރިޓީ އިމްޕްލިމެންޓޭޝަން ޕްރޮޖެކްޓަކީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ދާއިރާއާ ގުޅޭ ރަށު ފެންވަރުގެ ތަރައްގީގެ ޕްލޭންތަކަށާއި އޮނިގަނޑުގެ ތެރެއަށް ވެއްދުމަށްޓަކައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެއް ކަމަށެވެ.

ކާރިސާތަކުން ރައްކާތެރިވުމުގެ ގައުމީ ފުރޭމްވޯކަކީ ރަށު ފެންވަރުގައި ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކޮށް ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން އެކުލަވާލެވޭ ޕުލޭންތަކުގެ ފްރޭމްވޯކެވެ.

ކާރިސާތަކުން ރައްކާތެރިވުމުގެ ގާނޫނުގެ ޑުރާފްޓް ބިލަކީ މިދިޔަ އަހަރުގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި މި އަހަރު އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް އެންޑީއެމްސީއިން ބުނެފައިވާ ބިލެކެވެ.