ލޯން ސްކީމްގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމަށް މި އަހަރު ފުރުސަތު ހުޅުވާލުމުގެ ކުރިން ސްކީމް މުރާޖާ ކުރަން ޖެހޭ ކަމަށް އެޑިއުކޭޝަނުން މިނިސްޓްރީން ބުނެފި އެވެ.

ސަން އޮންލައިން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު އަލީ ވިދާޅުވީ ލޯން ސްކީމްގެ ދަށުން ކިޔެވުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށާއި ނަމަވެސް އެ ފުރުސަތު ހުޅުވާލާނީ އެކަމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފަހު ކަމަށެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވީއްޔާ ވަރަށް އަވަހަށް ލޯން ސްކީމްގެ ދަށުން މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާނަން. އަޅުގަނޑުމެންގެ ޓާގެޓަކީ މިފަހަރު ވެސް 1000 ކުދިންނަށް ފުރުސަތު ހުޅުވާލުން. ދެން އެވަރަށް ބަޖެޓުން ތަން ނުދޭ ކަމަށްވާނަމަ އޭގެ މެކްސިމަމް އަށް ކޭޓާ ކުރާނަން. އެހެން ނަމަވެސް ލޯން ސްކީމްގެ ދަށުން ފުރުސަތު ހުޅުވާލުމުގެ ކުރިން ސްކީމް މުރާޖާ ކުރަން އެބަ ޖެހޭ،" އައިންތު ވިދާޅުވި އެވެ.

އައިންތު ވިދާޅުވީ ލޯން ސްްކީމަށް ސީދާ ގެންނަން ޖެހޭ ބަދަލުތައް މިވަގުތު ދަންނަވަން ދަތި ކަމަށާއި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޔުނިވާސިޓީ ތަކާއި ކޮލެޖް ތަކުން ނަގަމުން ގެންދާ ފީ ތަކަށް ބަދަލު އައިސްފައި ވާތީ އެކަންތައްތައް މުރާޖާ ކުރަން ޖެހޭނެ ކަމަށެވެ.

"އަގަޑަށް މިވަގުތު ސީދާ އެހެން ދަންނަވަން ދަތި މިވެނި ބަދަލެކޭ ގެންނަން ޖެހޭނީ ނޫނީ ގެންނާނީ. މުރާޖާ ކުރަން ޖެހޭ އިރުގައި އަޅުގަނޑުމެން ވިސްނަން އެބަ ޖެހޭ ކުރިން ދެމުންއައި އެމައުންޓް ތަކާއި މެދުގަ. އެގޮތުން ކު ޔުނިވާސިޓީ ތަކުގެ ފީސް ތަކާއި އެއްޗެހިތައް އިންކްރީޒް ވަމުން ހިނގައްޖެ. މިސާލަކަށް ރާއްޖޭގެ ޔުނިވާސިޓީއިން ވެސް ނަންގަވާ ފީ ތަކަށް މިވަނީ ބަދަލް އައިސްސަ. ދެން ހަމަ ޕްއިންޓް ދެމުންދާ އުސޫލް ތަކަކީ އެންމެ ރަނގަޅު އުސޫލްތޯ އަދި ވެސް ބަލަން އެބަ ޖެހޭ. ދެން މުރާޖާ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ،" އައިންތު ވިދާޅުވިއެވެ.

ލޯން ސްކީމަށް ގެންނަން ޖެހޭ ބަދަލު ތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އައިންތު ވިދާޅުވީ މިދިޔަ އަހަރު ލޯން ސްކީމްގެ ދަށުން ފުރުސަތު ދީފައި ވަނީ މުޅިން އަލަށް ކޯސް ހަދަށް ފަށަން ބޭނުންވާ ކުދިންނަށް ކަމަށާއި ނަމަވެސް މިފަހަރު ލޯސް ސްކީމްގެ ދަށުން ފުރުސަތު ދޭއިރު ލޯން ސްކީމްގެ ދަށުން ފުރުސަތު ހުޅުވާ ލުމުގެ ކުރިން ކިޔަވަމުންދާ ކުދިންނަށް އެ ސްކީމުގައި ބައިވެރި ވެވޭނެ އުސޫލު ތަކެއް އެކުލަވައި ލުމާއި މެދު ވިސްނަމުންދާ ކަމަށެވެ.

ލޯން ސްކީމްގެ ދަށުން މިދިޔަ އަހަރު ފުރުސަތު ލިބުނު ކުދިންނަށް ފައިސާގެ އެއް ވެސް ދަތި ކަމެއް ކުރިމަތި ނުވާނެ ކަމަށާއި ދަރިވަރުން އެޑިއުކެޝަން މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސް އަށް ހުށަހަޅަން ޖެހޭ ލިޔެ ކިޔުންތައް ފުރިހަމައަށް ހުށަހެޅުމުން ގިނަ ވެގެން ދެ ދުވަސް ތެރޭގައި އެއް އަހަރު ދުވަހަށްވާ ފައިސާ އެކުދިންގެ އެކައުންޓަށް ޖަމާ ކުރެވޭނެ ކަމަށް ވެސް އައިންތު ވިދާޅުވި އެވެ. އަދި ވިދާޅުވީ ޓިއުޝަންފީއާއި އެހެނިހެން ފީތައް ވީހާވެސް ބަލައިގެން ހަރުދު ކުރުމަށް މިނިސްޓްރީގެ ފަރާތުން ދަރިވަރުންނަށް އިލްތިމާސް ކުރާކަމަށެވެ.

ސަރުކާރުގެ ފަރާތުން މަތީ ތައުލީމަށް ހާއްސަ ކޮށްގެން ތައާރަފް ކުރި ލޯން ސްކީމްގެ ދަށުން މިދިޔަ އަހަރު ރާއްޖެއާއި ރާއްޖެއިން ބޭރުން ކިޔެވުމުގެ ފުރުސަތު 526 ކުދިންނަށް ވަނީ ދީފަ އެވެ.