21 Feb 2013, 19:38
ހުޅުމާލޭގައި އެއްމެދު އިމާރާތެއް (އެޕާޓްމަންޓް ކޮމްޕްލެކްސް) އެއް ތަރައްގީކޮށް އެޕާޓްންޓް ޔުނިޓްތައް ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށްއެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުވާލައިފި އެވެ.
އެޗްޑީސީން ބުނެފައިވާ ގޮތުގައި މިފަހަރު ހުޅުވާލި މަޝްރޫއުގެ ދަށުން ހުޅުމާލެއިން ވިއްކުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ނެއިބަހުޑް ދޭއްގައި ހުންނަ ޣާޒީ ސްކޫލްގެ އުތުރުން އޮންނަ ސަރަހައްދުން ކަމަށެވެ. އަދި އެގޮތުން މިފަހަރު ވިއްކާނީ ފަސް ބިމެއް ކަމަށާއި އޭގެތެރެއިން އެންމެ ކުޑަ ބިމުގައި 2345.03 އަކަފޫޓް ހުންނާނެ ކަމަށާއި އަދި އެންމެ ބޮޑު ބިމުގައި 2531.82 އަކަފޫޓް ހުންނާނެ ކަމަށެވެ.
ހުޅުމާލޭގައި އެއްމެދު އިމާރާތް ތަރައްގީކޮށް އެތަނުގެ ޔުނިޓްތައް ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ބޭނުން ވާނޭ ލިޔުންތަކާއި ބީލަންފޮތް، އަންނަ މަހުގެ ތިނަކުން އެކާވީސް ވަނަ ދުވަހުގެ 14:30އަށް ހުޅުމާލޭގައި ހުންނަ އެޗްޑީސީގެ މައި އޮފީހުން ލިބެން ހުނާނޭ ކަމަށާއި އަދި ބީލަން ފޮތެއްގެ އަގަކީ 200 ރުފިޔާ ކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.
އެޗްޑީސީ އިން އިތުރަށް ބުނެފައިވަނީ ބީލަން ފޮތް ބައްލަވައިގަތުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކަށް ވަކި ސީރިއަލް ނަންމްބަރެއް ދިނުމަށް ހަމަޖެހިފައިވާއިރު ބީލަން ފޮތް ބައްލަވައިގަތުމަށް ހުށަހަޅާ ފަރާތް ނޫން ފަރާތެއް ވަޑައިގަންނަވާ ނަމަ ބީލަން ހުށަހަޅުއްވާ ފަރާތުގެ ފުރިހަމަ މައުލޫމާތު ދެއްވަން ޖެހިވަޑައިގަންނަވާނޭ ކަމަށެވެ.