މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ފުލުހުން ހދ. ހޮނޑައިދޫގައި ހިންގި އޮޕަރޭޝަންގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް އަނިޔާކޮށްފައިވާ ކަން ސާބިތުވިޔަސް، ފުލުހުންގެ މައްޗަށް ދައުވާއެއް ނުކުރެވޭނެ ކަމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ) ބުނެފި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 16 ވަނަ ދުވަހުގެ ފަތިހު ފުލުހުން ހޮނޑައިދޫގައި އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް ބުނެފައިވަނީ އެރަށުގައި ބަޔަކު ބަނގުރާ ބޭނުންކުރަމުންދާ ކަމަށް އާއްމު މީހަކު ކުރި ރިޕޯޓަކާ ގުޅިގެންނެވެ.

ޖާބިރަށް ފުލުހުން އަނިޔާކުރި ކަމަށް ބުނެ، އެމައްސަލަ ބަލައި ދިނުމަށް އެދި، ޖާބިރުގެ ކޮއްކޮ އިބްރާހިމް ޝިހާމް ހުށަހެޅި މައްސަލަ ނިންމި ގޮތް އަންގާ ލިޔުމުގައި ޕީއައިސީއިން ބުނެފައި ވަނީ ޖާބިރަށް ފުލުހުން އަނިޔާކުރި ކަން ސާބިތު ވަނީ އޭޑީކޭ ހޮސްޕިޓަލުން ހޯދާފައިވާ މެޑިކޯލީގަލް ރިޕޯޓުގައި ޖާބިރަށް އަނިޔާތަކެއް ލިބިފައިވާ ކަމަށް ބަޔާންކޮށްފައި ވުމާއެކު، ފުލުހުން ޕީއައިސީގެ ތަހުގީގަށް ހުށަހެޅި އޮޕަރޭޝަންގެ ވީޑިއޯގައި ޖާބިރުގެ ބޮލުގައި ފުލުހަކު ފައިން ޖަހާ މަންޒަރު ފެންނާތީ ކަމަށެވެ.

"2012 ވަނަ ދުވަހު ހދ. ހޮނޑައިދޫގައި ފުލުހުން އޮޕަރޭޝަން ހިންގިއިރު ނަގާފައިވާ ވީޑިއޯ ފުޓޭޖްގައި ޖާބިރުގެ ދެއަތް ފަހަތައް ބިޑި އަޅުވާފައި ބަންޑުން ބިންމަތީގައި އޮއްވާ އޭނާގެ ބޮލުގައި ފުލުހުން ފައިން ޖަހާ މަންޒަރު ފެނޭ.." ޕީއައިސީގެ ރިޕޯޓުގައި ބުނެފައި ވެއެވެ.

ޕީއައިސީއިން ޖާބިރަށް އަނިޔާކުރި ކަން ސާބިތުވެފައިވާ ކަމަށް ބުނާ ނަމަވެސް، "ޖިނާއީ ދައުވާއެއް ކުރުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އެމައްސަލަ ފޮނުވެން ނެތް ކަމަށް" ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

މިގޮތަށް ނިންމާފައި ވަނީ ޖާބިރަށް އަނިޔާކުރީ ކޮން ފުލުހުންނެއް ކަން ނޭނގޭ ކަމަށް ޖާބިރު ބުނެފައި ވުމާ އެކު ކޮމިޝަންގެ ތަހުގީގަށް ފުލުހުން ދީފައިވާ ބަޔާނުގައި ހޮނޑައިދޫގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި އެއްވެސް ފުލުހަކު އެއްވެސް މީހަކަށް އަނިޔާކުރި ތަން ފެނިފައިނުވާ ކަމަށް ފުލުހުން ބުނެފައިވާތީ ވެ ކަމަށް ޕީއައިސީއިން ބުނެއެވެ.

ވީޑިއޯ ފުޓޭޖާ ހަވާލާދީ ޕީއައިސީއިން ބުނީ ޖާބިރުގެ ބޮލުގައި ފައިން ޖަހާ މަންޒަރު ވީޑިއޯއިން ފެނުނު ނަމަވެސް، އެކަން ކުރި ފުލުސް މީހާގެ މޫނު ވީޑިއޯއަށް އަރާފައި ނުވާ ކަމަށާއި، ވީޑިއޯ އަނދިރި ވުމުގެ ސަބަބުން ފުލުސް މީހާގެ ޔުނީފޯމުގައިވާ ނަން ނޭނގޭތީ އެއީ ކާކު ކަން ނޭނގޭ ކަމަށެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވީ މިމައްސަލާގައި ބަދަލު ހޯދުމަށް މަދަނީ ކޯޓުގައި ފުލުހުންގެ މައްޗަށް ދައުވާ ކުރަން ނިންމާފައިވާ ކަމަށެވެ.