އިންޑިއާގެ ޖޮއިންޓް ސެކްރެޓަރީ ހަރްޝް ވަރުދަން ޝްރިންގްލާ ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީއާ މިއަދު ބައްދަލް ކުރައްވައިފި އެވެ.

ޑީއާރުޕީ އިން މިއަދު ބުނީ އެ ބައްދަލްކުރެއްވުމުގައި ދިވެހިރާއްޖެ އަށް މުހިއްމު ކަންތައްތައް ދިމާވެފައިވާ ދަނޑިވަޅުތަކުގައި އިންޑިއާ އިން ވެދެއްވަމުން ގެންދަވާ އެހީތައް ފާހަގަކުރައްވައި ތަސްމީން އެކަމަށް ޝުކުރު އަދާކުރެއްވި އެވެ. އެ ގޮތުން 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ އުދުވާނީ ހަމަލާއިން ރާއްޖެ ސަލާމަތް ކޮށްދިނުމަށް ކުރެއްވި މަސައްކަތްތަކުގެ އިތުރުން، 2004 ވަނަ އަހަރު ރާއްޖެ އަށް ކުރިމަތިވި ސުނާމީ ކާރިސާގައި ވެސް އިންޑިއާ އިން ވެދެއްވި އެހީތައް ތަސްމީން ފާހަގަކުރެއްވި ކަމަށެވެ.

އަދި މިހާރު ދިމާވެގެންމިއުޅޭ ސިޔާސީ މައްސަލައިގައި ހައްލު ހޯދުމަށް އިންޑިއާ ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވި އެވެ. އަދި އެ ކަމުގައި ކުރިއަށް ދެވޭނެ މަގެއް ހޯދުމުގެ މުހިއްމުކަން ފާހަގަކުރައްވައި އެ ގޮތުން ކުރެވޭ މަސައްކަތްތަކަށް ޑީއާރުޕީ އިން މަރުހަބާ ކިޔާނެ ކަމުގައި ތަސްމީން ވިދާޅުވި އެވެ.