21 Feb 2013, 18:08
މާލޭ އުތުރު ހާބަރުގައި ހިންގަމުން ގެންދިޔަ އެއް ނަމްބަރު "ކަޑަ"އިގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާތީ އެތަން ބަންދުކޮށްފައި ވަނިކޮށް، ހުއްދަ ނުހޯދައި އަލުން އެ "ކަޑަ" ހުޅުވައިގެން ހިދުމަތްދޭން ފަށައިފި އެވެ.
ހުއްދަ ބާތިލްކޮށްފައި ވަނިކޮށް އެއް ނަމްބަރު ކެފޭ ހުޅުވައިގެން ހިދުމަތް ދެމުން ގެންދާ މައްސަލަ މާލޭ ސިޓީ ކައުންސިލުން ބަލަމުން ގެންދާ ކަމަށް އެކައުންސިލުން ބުންޏެވެ.
އެއް ނަމްބަރު "ކަޑަ"އަކީ މާލެ މުނިސިޕަލްޓީގެ ދުވަސްވަރު ކުއްޔަށް ދީފައިވާ ތަނެކެވެ. ނަމަވެސް އެތަނުގެ ކުއްލި ނުދައްކާތާ ދެ އަހަރުވެގެން އެގްރީމަންްޓް ބާތިލްކޮށްފައި ވަނިކޮށް ދެ ވަނަ ފަހަރަށް އެތަން ހުޅުވައިގެން ހިންގަމުން ގެންގޮސްފައި ވަނީ ސިޓީ ކައުންސިލުން ހުއްދަ ދީގެން ކުރިން ވެސް ތަން ހިންގި ފަރާތުންނެވެ. އޭގެ ފަހުން އެތަނުގެ ހުއްދަ ބާތިލް ކުރީ އޭސީސީން އަންގައިގެންނެވެ.
އޭސީސީގެ ނައިބް ރައީސް މުއައްވިޒު އަދުނާން މިއަދު ވިދާޅުވީ އެތަނުގެ މައްސަލާގައި ކޮރަޕްޝަންގެ މައްސަލަތަކެއް އުޅޭ ކަމަށް ކޮމިޝަނުން ހުށަހެޅުނު މައްސަލައަކާ ގުޅިގެން ކޮމިޝަނުން އެކަންތައްތައް ބަލަންދެއް އެއްވެސް މަސައްކަތްތަކެއް ކުރިއަށް ނުގެންދިއުމަށް ސިޓީ ކައުންސިލަށް އަންގާފައިވާ ކަމަށާއި އެ މައްސަލައަކީ އަދިވެސް ބަލަމުން ގެންދާ މައްސަލައަކަށްވާތީ އެތަނުގައި ވިޔަފާރި ކުރެވޭނެ ކަމަށް އަންގާފައިނުވާނެ ކަމަށެވެ.
"އޭރު އެތަން [އެއް ނަމްބަރު ކަޑަ އޮތީ ބިޑްގެ މުއްދަތު ހަމަވެފައި، އެތަން އޭރު އޮތީ] ލާރި ނުދައްކައިގެން އަތުލާފައި، އެހެން އޮއްވާ ކުއްލިއަަކަށް ކުރިން ވެސް އެތަނުގެ ތިބި ފަރާތަަށް އެއްވެސް ބިޑް ކުރުމެއް ނެތި ދީފައިވާތީ އެކަންތައްތައް ބެލުމަށް މަސައްކަތެއް ނުކުރުމަށް އެންގީ، އެ މައްސަލަ ބަލާ ނުނިމޭ، ނަމަވެސް އޭގެ ފަހުން ވެސް މަސައްކަތްތަކެއް ވަނި ކޮށްފައި، އެކަން ވެސް ބަލަމުން މިގެންދަނީ،" މުއައްވިޒު ވިދާޅުވި އެވެ.
އެއް ނަމްބަރު ކަޑައިގެ އެއްވެސް މަސައްކަތެއް ނުކުރުމަށް އޭސީސީން އެންގި ފަހުން އެއް ނަމްބަރު ކަޑައިގެ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އެގޮތުން އެއްް ނަމްބަރު ކަޑަގައި ޕާޓިޝަން ޖެހުމަށް ފަހު ބައިކޮށްގެން އެތަނުން އެއް ބައިގައި އަލުން ހިދުމަތްތަކެއް ވަނީ ދޭން ފަށައިފަ އެވެ.