21 Feb 2013, 17:59
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވި 22 ވަނަ ޓީޓީއޭއެމް ޗެމްޕިއަންޝިޕްގެ ފުރަތަމަ ޑިވިޒަން ފިރިހެން ޗެމްޕިއަންކަން މުހައްމަދު ޔާސިރާއި މުއީނާ މުހައްމަދު ހޯދައިފި އެވެ.
ރޭ ކުރިއަށް ގެންދިޔަ ފައިނަލް މެޗުތަކަށް ފަހު މުބާރާތުގެ ވަނަތަކަށް އައި ފަރާތްތަކަށް އިނާމްތައް ބައްސަވައިދެއްވީ މުބާރާތުގެ ޝަރަފްވެރި މެހެމާން އޮލިމްޕިކްސް ކޮމެޓީގެ ރައީސް އިބްރާހީމް އިސްމާއީލް އެވެ.
މުބާރާތުގެ ފިރިހެން ޑިވިޒަންގެ ޗެމްޕިއަންކަން ހ. ތާޅަފިލިގޭ މުހައްމަދު ޔާސިރު ހޯދާފައިވަނީ ގ. ސިކަންދަރުގޭ މުހައްމަދު ޖިސްތު ނަސީމާ ވާދަކޮށް ސީދާ ހަތަރު ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. އަދި އަންހެން ޑިވިޒަންގެ ޗެމްޕިއަންކަން ހ. މިސްޓީނައިޓް މުއީނާ މުހައްމަދު ހޯދީ، މ. ގަހާ އާމިނަތު ޝިއުރާ ޝަރީފްއާ ވާދަކޮށް ސީދާ ތިންސެޓުން މެޗު ކާމިޔާބު ކޮށްގެން ނެވެ.
މިއަހަރުގެ މުބާރާތުގެ 12 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ މ. ވައިޓްބެލް އައިޝަތު ރަފާ ނާޒިމް އެވެ. އަދި މއ. އުދުހޭކޮކާ އަހްމަދު ޒައިދާން މުހައްމަދާއި ވާދަކޮށް 15 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ހ. ސީވީޑް މުހައްމަދު ޝައްފާނު އެވެ. އެ އުމުރު ފުރައިގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ މއ. އުދުހޭކޮކާ އަހްމަދު ޒައިދާން މުހައްމަދާއި މ. ސްލެންދޯ މުހައްމަދު އަޒްރާން އެވެ.
މުބާރާތުގެ 18 އަހަރުން ދަށުގެ ފިރިހެން ސިންގަލްގައި ގ. ސިކަންދަރުގޭ މުހައްމަދު ޒީސްތު ނަސީމާ ވާދަކޮށް ޗެމްޕިއަންކަން ހޯދީ މ. ކުރޮޅި މުހައްމަދު މައިޒަރު އާދަމް ޒާހިރު އެވެ. އަދި އެ އުމުރު ފުރައިގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ މައިޒަރު އާއި ޒީސްތު އެވެ.
ޓީޓީއޭއެމް ޗެމްޕިއަންޝިޕްގެ ދެވަނަ ޑިވިޒަންގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހ. ސީވީޑް އިބްރާހީމް ލަތީފް ހޯދާފައިވާއިރު އެ އުމުރު ފުރައިގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ މ. ދުންތަރި އަހްމަދު ޝާޒިލް އާއި ހ. ޒޯނިއާ އަހްމަދު އިބްރާހީމް އެވެ.