21 Feb 2013, 17:58
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާ ހައި ކޮމިޝަންގެ ތެރެއަށް ވަޑައިގެން ހުންނެވި މައްސަލާގައި ވާހަކަ ދެއްކެވުމަށް އިންޑިއާ އިން ވަޑައިގަތް އެ ގައުމުގެ ޖޮއިންޓް ސެކްރެޓަރީ ހަރުޝް ވަރުދަން ޝްރިންގްލާ ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
ޕްރޮސިކުޓާ ޖެނެރަލްގެ އޮފީހުގައި އިންޑިއާގެ ސަފީރު ޑީއެމް މުލޭއާ އެކު ޝްރިންގްލާ މުއިއްޒާ ބައްދަލު ކުރެއްވި ކަމަށް މުއިއްޒު ވަނީ ސަން އަށް ކަށަވަރުކޮށްދެއްވައިފަ އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވި އެވެ.
އިންޑިއަން ހައި ކޮމިޝަންގެ އޮފިޝަލަކު މިއަދު ސަން އަށް ކަށަވަރުކޮށް ދެއްވި މުއިއްޒުގެ އިތުރަށް ޝްރިންގްލާ ވަނީ ޕީޕީއެމްގެ ޕާލަމެންޓް ގްރޫޕްގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ އަބްދުﷲ ޔާމީނާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާ ވެސް ބައްދަލު ކުރައްވައިފަ އެވެ.
ހައި ކޮމިޝަންގެ އޮފިޝަލަކު ސަން އަށް ވިދާޅުވި ގޮތުގައި ޔާމީނާއި ނާޒިމާ ޖޮއިންޓް ސެކްރެޓަރީ ބައްދަލު ކުރައްވައި ވާހަކަ ދައްކަވާފައި ވަނީ "މިހާރުގެ ސިޓުއޭޝަން އެސެސް" ކުރެއްވުމަށެވެ.
އިންޑިއާގެ ޖޮއިންޓް ސެކްރެޓަރީ ޝްރިންގްލާ ޕްރޮސިކިއުޓާ ޖެނެރަލްއާ ބައްދަލު ކުރެއްވި އިރު އިދިކޮޅު އެމްޑީޕީ އިން މަގުތަކަށް ނުކުމެ، ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނު އަސާސީއާ ހިލާފަށް ހިފައި ހައްޔަރުކޮށް، ނިޒާމުން ގެއްލުވާލި މައްސަލައިގެ ދައުވާ އަނބުރާ ގެންދިއުމަށް ގޮވައި އެމްޑީޕީ އިން އަންނަނީ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުންނެވެ.
ނަޝީދު ދައުވާ އަނބުރާ ގެންދިއުމަށް އުފުލާ އަޑާ ގުޅޭ ގޮތުން ސަރުކާރުން ބުނަމުން އަންނަނީ ޝަރުއީ ދާއިރާއަކީ މިނިވަން މުސްތަގިއްލު މުއްސަސާއެއް ކަމަށާއި ޝަރުއީ ދާއިރާ އަށް ސަރުކާރުން ނުފޫޒު ނުފޯރުވާ ކަމަށާއި އަދި ނުވެސް ފޯރުވާނެ ކަމަށެވެ.
ހުޅުމާލޭ ކޯޓުން ފުލުހުންނަށް ކުރި އަމުރެއް ތަންފީޒުކުރުމަށް ފުލުހުން މަސައްކަތް ކުރުމުން އިންޑިއާ ހައިކޮމިޝަނުން ނަޝީދު "ހިމާޔަތް" ހޯއްދެވީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. އޭގެ ފަހުން ނަޝީދު އަދިވެސް ހުންނެވީ އެތާނގެ ތެރޭގަ އެވެ. އެ މައްސަލައިގާ ރާއްޖެއާ އިންޑިއާ ސަރުކާރާ ދެމެދު ވާހަކަތައް ފަށާފައި މިވަނީ ވަރަށް ގިނަ ބަސްތައް ދެފަރާތުން ވެސް ރައްދުކުރުމަށް ފަހުގަ އެވެ.
ނަޝީދު އިންޑިއާ ހައި ކޮމިޝަންގެ ތެރޭގައި، ވިއެނާ ކޮންވެޝަނުން ލިބޭ ހިމާޔަތް ހޯއްދަވައިގެން، ހުންނެވި ނަމަވެސް އިންޑިއާ އިން ރަސްމީކޮށް ނަޝީދަށް ހިމާޔަތް ދީފައެއް ނުވެ އެވެ.